14 Nov 2015, 22:46
ތެލަސީމިއާ ކުދިން އެ ބަލިން ފަސޭހަ ކުރުމަށް އޮތް ހަމަ އެކަނި ގޮތް ކަމަށްވާ ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުގެ އެހީގައި ދިޔަ ކުދިންގެ ތެރެއިން ނުވަ ކުއްޖަކު ފަރުވާއަށްފަހު އެނބުރި ރާއްޖެ އައިސްފައިވާ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕުރޮގުރާމުގައި މިރޭ ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، ބޯން މެރޯ ހެދުމަށް ބޭނުންވާ 34 ކުދިން އެބަތިބި ކަމަށެވެ. އަދި އެ 34 ކުދިންގެ ތެރެއިން 18 ކުއްޖަކު ބޯން މެރޯ ހެދުމަށް ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު ވިދާޅުވީ، އެ ފަރުވާއަށްފަހު މިހާރު ރާއްޖެ އެނބުރި އައިސްފައިވާ ކުދިންނަށް އިތުރަށް އެއްވެސް ފަރުވާއެއް ބޭނުންވޭތޯ ތެލެސީމިއާ ސެންޓަރުން ބަލަމުން އަންނަ ކަމަށެވެ.
"ތެލެސީމިއާ ސެންޓަރުން އަންނަނީ އެކުދިން މޮނީޓާކޮށް އެކުދިންނަށް ބޭނުންވާ ޚާއްސަ ބޭހާއި އަދި އިތުރަށް އެހީއެއް ބޭނުންވޭތޯ ބަލަމުން. ދެން ބާކީ ތިބި 16 ކުދިން ފޮނުވުމުގެ މަސައްކަތް ވެސް ސަރުކާރުން މިދަނީ ކުރަމުން،" އިރުތިޝާމް ވިދާޅުވި އެވެ.
ތެލަސީމިއާ ކުދިން އެ ބަލިން ފަސޭހަ ކުރުމަށް އޮތް ހަމައެކަނި ގޮތް ކަމަށްވާ ބޯން މެރޯ ޓްރާސްޕްލާންޓް ހެދުމަށް އެންމެ ފުރަތަމަ ފޮނުވާފައިވަނީ 10 ކުދިން ނެވެ. ޒަކާތު ފަންޑުގެ އެހީގެ ދަށުން އެކުދިން ފުރާފައި ވަނީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އެވެ.
ބޯން މެރޯ އޮޕަރޭޝަނަށްފަހު ތިން މަސް ވަންދެން އެ ކުއްޖަކު އެ ގައުމެއްގައި މަޑުކުރަންޖެހެ އެވެ. އަދި ޒަކާތު ފަންޑުން އެ ކުއްޖާއަށާއި އެ ކުއްޖާގެ ބެލެނިވެރިންގެ ޓިކެޓާއި ހުރިހާ ޚަރަދުތައް ވެސް ހަމަޖައްސައިދޭނެ އެވެ.
އެގޮތުން، ކޮންމެ ކުއްޖަކަށް ގާތްގަނޑަކަށް 45،000 ޑޮލަރު ޒަކާތު ފަންޑުން ޚަރަދުކުރާއިރު، ބޯން މެރޯ އޮޕަރޭޝަނަށް ގާތްގަނޑަކަށް 30،000 ނުވަތަ 35،000 ޑޮލަރު ހޭދަވާނެ ކަމަށް އެންސްޕާއިން ބުންޏެވެ.