އިސްލާމިކް ސްޓޭޓުން ޕެރިހަށް ހަމަލާދީ 127 މީހަކު މަރާލި މައްސަލަ މުޅި އިސްލާމީ އުންމަތުން ވަރުގަދަ އަށް ކުށްވެރިކޮށްފި އެވެ.

ދުނިޔޭގެ 500 އަށް ވުރެ ގިނަ ޖަމާއަތް ތަމްސީލު ކުރާ، އިނގިރޭސި ވިލާތުގައި މައި މަރުކަޒު ހުންނަ މުސްލިމް ކައުންސިލުން މިއަދު ބުނީ އެ ހާދިސާ އަކީ ބިރުވެރި އަދި ހަޑިމުޑުދާރު އަމަލެއް ކަމަށެވެ.

މުސްލިމް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޝުޖާ ސާފީ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާގެ ހުރިހާ ވެސް ހަމްދަރުދީ އަކާއި ހެޔޮ އެދުމެއް ވަނީ އެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކާއި ޒަހަމުވި މީހުންނާ އެކު ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހަމަލާގެ ޒިންމާ އުފުލާފައިވާ ފަރާތަކީ އެ މީހުން އަމިއްލަ އަށް 'އިސްލާމިކް ސްޓޭޓް' ކިޔައިގެން އުޅޭ ބައެއް ކަމަށާއި އިސްލާމުންގެ ތެރޭގައި އެފަދަ ބަޔަކު ނޫޅޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ މީހުންނަކީ ބޭރު ފުށުން އިސްލާމީ ތާކިހާ އަޅައިގެން ތިބި ސައިތާނީ ބައެއް ކަމަށާއި އަދި އެއީ ސައިތާނީ އަމަލެއް ކަމަށެވެ.

އޮކްސް ފޯޑް ޔުނިވަސިޓީގެ ޕްރޮފެސަރު އޮފް އިސްލާމިކް ސްޓަޑީސް ތޯރިގް ރަމަދާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ހަމަލާ ވަގުތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެ އަމަލު ހިންގި މީހުން ﷲގެ ނަންފުޅުގައި އަޑުގަދަކޮށް އެ މީހުންގެ އަމަލު ރަނގަޅު ކަމަށް މަސައްކަތް ކުރި ކަމަށެވެ. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.