އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 27.457 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސަލާމަތީ ބާރުތަކަށް ދީފައިވަނީ އެ ފަރާތްތަކަށް ދޭންޖެހޭ ވަރަށް ވުރެ ކުޑަ ބަޖެޓެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރު އޮފީސްތަކަށް ދީފައިވާ ބަޖެޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި މިހާރު ކިނިބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، ރާއްޖޭގައި މިފަހަކަށް އައިސް ހިނގާދިޔަ ބައެއް ކަންތައްތަކުގެ ސަބަބުން އިތުރަށް ސަމާލުވާންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހު ރިޔާސީ ލޯންޗުކޮޅަށް ދިން ހަމަލާގެ ސަބަބުން ގައުމުގެ ސަލާމަތީ ބާރުތަކުން އިތުރަށް ވިސްނަންޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި ސަލާމަތީ ބާރުތަކުގެ އެކި ޑިޕާޓުމަންޓުތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިފައިން ނުވަތަ އެމްއެންޑީއެފްގެ ބޮމް ސުކޮޑުގައި އެބަ ތިބި ތަމްރީނު ވެފައި ތިބި މީހުން. އެހެންނަމަވެސް އެމީހުންނަށް ނުވަތަ ބޮމް ސުކޮޑަށް އެކަށީގެންވާ ވަސީލަތްތައް ވެސް އެބަޖެހޭ ދެއްތޯ ހޯދައިދޭން. އެ ވަސީލަތްތައް ނެތް ވާހަކަތައް އަޅުގަނޑުމެންނަށް އަޑު އިވެމުން އެބަދޭ،" ރިޔާޒު ވިދާޅުވި އެވެ.

ހަމަ އެ މައްސަލައިގައި ވާހަކަފުޅުދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ، ސަލާމަތީ ބާރުތަކުގެ ބަޖެޓު ކުޑަވެފައި އޮތުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެކަމާ ސުވާލުވެސް އުފެދޭ ކަމަށެވެ.

އެ މައްސަލައަށް ބައެއް އިދިކޮޅު މެމްބަރުންގެ ހިޔާލު ތަފާތުކަން ވެސް ފާހަގަކުރެވެ އެވެ. އެގޮތުން ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ސަލާމަތީ ބާރުތަކަށް މިހާރު އެންމެ މުހިއްމީ ރަނގަޅު އިންޓެލިޖެންސެއް އޮތުން ކަމަށެވެ.

"އަޅުގަނޑުމެންގެ ސެކިއުރިޓީއަށް އެންމެ މުހިއްމު ކަންތައްތަކަކީ ޓެރަރިޒަމްގެ ކަންތައްތަކާއި އަޅުގަނޑުމެންނަށް ސިލޯނުން ވެސް މިތަން {ރާއްޖެ} ހިފަން އައިސިއްޔަކާ އަޅުގަނޑުމެން ކުރާނެ އެއްވެސް ކަމެއް ނެތް. އިންޓަނޭޝަނަލް ކޮމިއުނިޓީއާ އެކު ނޫނިއްޔާ ނޫނީ އަޅުގަނޑުމެންނަކަށް ނެތް އެކަމަކުން ސަލާމަތް ވެވޭކަށް. އެހެންވީމަ އަޅުގަނޑުމެން ވަރުގަދަ ކުރަން މިޖެހެނީ ކޯސްޓު ގާޑު ސާވިސްއާ އަޅުގަނޑުމެންގެ ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސް،" ފައްޔާޒު ވިދާޅުވި އެވެ.

ސަލާމަތީ ބާރުތަކުގެ ތެރެއިން އެމްއެންޑީއެފަށް މިއަހަރު ދީފައި ވަނީ 1.05 ބިލިއަން ރުފިޔާ އެވެ. އެހެންނަމަވެސް އަންނަ އަހަރަށް ދީފައި ވަނީ 1.03 ބިލިއަން ރުފިޔާ އެވެ. ފުލުހުންގެ މުއައްސަސާއަށް މިއަހަރު ދީފައި ވަނީ 1.2 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް އެ މުއައްސަސާއަށް ދީފައި ވަނީ 1.1 ބިލިއަން ރުފިޔާ އެވެ.