14 Nov 2015, 19:54
ޔޫތް މިނިސްޓްރީގެ ފަރާތުން އޯޓިޒަމް އެސޯސިއޭޝަނަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަޤީންކަން ޔޫތް އެންޑް ސްޕޯރޓްސް މިނިސްޓަރު އަހުމަދު ޒުހޫރު ދެއްވައިފި އެވެ.
މިނިސްޓަރު ޒުހޫރު އެގޮތަށް ވިދާޅުވީ، މިއަދު އޯޓިޒަމް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން އޮލިމްޕަހުގައި ކުރިއަށް ގެންދިޔަ އޯޓިޒަމް ކުދިންގެ ޓެލެންޓް ޝޯވް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ކުޅިވަރުގައި ވިޔަސް ތަނެއް ބޭނުން ވެގެން ވިޔަސް، އަޅުގަނޑުމެންގެ ވަޞީލަތްތައް ހުރި މިންވަރަކުން ޔޫތު މިނިސްޓްރީގެ ފަރާތުން ކުރިއަށް އޮތް ތާނގައިވެސް އަދި މިހާރުވެސް އަޅުގަނޑުމެން މިދަނީ ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެމުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއަދުގެ ޝޯވްގައި ޕާރފޯމް ކުރި ކުދިންނަކީ ހުނަރުވެރި ކުދިންތަކެއްކަން ޔަޤީން ވެއްޖެ ކަމަށާއި، އެކުދިންނަށް އެހެން މީހުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
އަދި އެކުދިންގެ މިފަދަ އިވެންޓުތައް އޯޕަން އޭރިއާތަކުގައި ބޭއްވުމަށް އެހެން ފަރާތްތަކުގެ އެހީތެރިކަން ދެއްވުމަށް ގޮވާލަން ޖެހޭ ކަމަށާއި، އަދި މިހާރުވެސް އެހީތެރިކަން ދެއްވަމުން ގެންދަވާ ފަރާތްތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
އޯޓިޒަމް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިއަދު ބޭއްވި ޓެލެންޓްޝޯވްގައި އޯޓިޒަމް ހުންނަ ކުދިންގެ ތަފާތު ހުނަރުތައް ދައްކާލާފައިވެއެެވެ. އެގޮތުން ލަވަ ކިޔުމާއި މަދަހަ ކިޔުން އަދި ބޮޑުބެރާއި ގްރޫޕް ޑާންސް ފަދަ އެކިއެކި ހަރަކާތްތަކުން އެ ކުދިންގެ ހުނަރު ދައްކާލާފައި ވެއެވެ.