ނިކަމެތި މީހާއާއި ތަނަވަސް މީހާ ވެސް މުއާސަލާތީ ހިދުމަތަށް ކުރާ ހަރަދުން ދައުލަތަށް ދައްކަން ޖެހޭ އަދަދު ހަމަހަމަ އެވެ. މުދަލެއް ގަނެފައި ނުވަތަ ހިދުމަތެއް ހޯދާފައި ދައުލަތަށް ދައްކަން ޖެހޭ، މުދަލާއި ހިދުމަތުން ނަގާ ޓެކްސް ވެސް ހަމަހަމަ އެވެ. އެހެންކަމުން ރާއްޖޭގައި މިހާރު ނަގާ ޓެކްސްތަކުން ބޮޑު އާމްދަނީއެއް ލިބޭ އެންމެ ތަނަވަސް މީހާއާއި ކުޑަ އާމްދަނީއެއް ލިބޭ އެންމެ ނިކަމެތި މީހާއާއި މާކަބޮޑު ތަފާތެއް ނުހުރެ އެވެ. މިއީ އެންމެ އިންސާފުވެރި ގޮތްތޯ އެބަ ސުވާލު އުފެދެ އެވެ.

މީގެ ފަސް އަހަރު ކުރިން ރާއްޖޭގައި ޓެކްސް ނަގަން ފަށާފައިވާ އިރު މިހާތަނަށް ނެގޭ ހުރިހާ ޓެކުހަކީ ވެސް އެންމެންގެ މެދުގައި ހަމަހަމަ ގޮތެއްގައި ނެގޭ "އިންޑައިރެކްޓް" ޓެކްސްތަކެވެ. އެ ޓެކްސްތަކުން ފަގީރުންނާއި މުއްސަދިންގެ ތަފާތެއް ނެތެވެ. އަދި އެއީ އެންމެންގެ މެދުގައި ހަމަހަމަ އުސޫލަކުން ޓެކްސް ނެގޭ ރަނގަޅު އުސޫލެއް ކަމަކަށް ވެސް ނުފެނެ އެވެ. ސުވާލަކީ ޕްރޮގްރަސިވްކޮށް ނެގޭ ޓެކުހެއް ނަގާކަށް ނުފެނޭތޯ އެވެ؟ ޕްރޮގްރަސިވް ޓެކުހަކީީ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން ބޮޑު ޓެކުހެއް ނަގައި މަދު އާމްދަނީއެއް ލިބޭ ފަރާތްތަކުން ކުޑަ ޓެކުހެއް ނެގުމެވެ.

ޕްރޮގުރަސިވް ޓެކުހެއް ނަގާ ނަމަ އެންމެ ރަނގަޅު ޓެކުހަކަށް ވާނީ އިންކަމް ޓެކްސް އެވެ. އޭރުން ބޮޑު އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ދައުލަތަށް ރަނގަޅު އާމްދަނީއެއް ނެގޭނެ އެވެ. ހަމަ އެހެންމެ އެ އާމްދަނީ ނިކަމެތިންނަށް ނުވަތަ ގައުމުގެ ތަރައްގީއަށް ހަރަދު ކުރެވޭނެ އެވެ. އިންކަމް ޓެކުހަކީ ދުނިޔޭގެ ބޮޑެތި ހުރިހާ އިގްތިސާދެއްގައިހެން ނަގަމުން އަންނަ ޓެކުހެކެވެ. އެންމެ ބޮޑު އެއް ސަބަބަކީ އާމްދަނީގެ ފަރަގު ކުޑަ ކުރުމެވެ. ހަމައެއާ އެކު ސަރުކާރުން ރައްޔިތުންނަށް ދޭ އެކިއެކި ސަބްސިޑީތަކަށާއި ގައުމު ހިންގުމަށް މުއްސަދިންގެ އަތުން ފައިސާ ހޯދުމެވެ.

"ޓެކްސްގެ ނިޒާމް ކޮމްޕްލީޓް ވާން އެބަ ޖެހޭ. އެކަން ކޮމްޕްލީޓް ކުރެވޭނީ އިންކަމް ޓެކްސް ނަގައިގެން. ކުރިން ޓެކުހަށް ދެކޮޅު ހެދި ބައެއް ބޭފުޅުން އެބަ ގަބޫލުކުރައްވާ ޓެކުހަކީ ރަނގަޅު އެއްޗެއް ކަމަށް. ޓެކްސްގެ ނިޒާމް ރޭވިފައި އޮތީ ޖީއެސްޓީއަށް ފަހު ބިޒްނަސް ޕްރޮފިޓް ޓެކްސް އަދި އިންކަމް ޓެކްސް ނަގަން. ޖީއެސްޓީ ނަގަން ފެށުމުން އެންމެ އާދައިގެ ކަންމަތީ ފިހާރައިގެ ސޭޓަށް ވެސް މިހާރު ވިޔަފާރިއަށް ވާނުވާ އެބަ އެނގޭ. ދުނިޔޭގެ އެހެން ގައުމުތަކުގައި ޓެކްސްގެ ނިޒާމް ރޭވިފައި އޮންނަނީ މިގޮތަށް،" ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ނެގޭ ޓެކްސްތަކުގެ ތެރެއިން މައިގަނޑު ބައެއް ޓެކްސްތަކަށް ބަލައިލަމާތޯ އެވެ. ޖީއެސްޓީ އާއި އެއާޕޯޓް ސާވިސްޗާޖަށް ބަލާއިރު އެއީ ކޮންމެ ފަންތިއެއް އަދި ކޮންމެ ގިންތިއެއްގެ މީހުންގެ އަތުން ވެސް ހަމަހަމަ އުސޫލަކުން ނެގޭ އެއްޗެކެވެ. އިމްޕޯޓް ޑިއުޓީއަށް ބަލާއިރު އެ ޓެކްސްގެ ސަބަބުން މުދަލުގެ އަގު ބޮޑުވެގެންދެ އެވެ. އެހެންކަމުން ނަތީޖާއަކަށް ވެފައި ވަނީ އެންމެ މުއްސަނދި މީހާއަށް ކުރާ އަސަރު އެންމެ ނިކަމެތި މީހާއަށް ވެސް ތަހައްމަލު ކުރަންޖެހުމެވެ. ނަމަވެސް އިންކަމް ޓެކްސް ނަގާނަމަ މި ފާހަގަ ކުރިގޮތާ ހިލާފަށް މުއްސަނދިންނާއި ފަގީރުންނާ ދެމެދު ތަފާތެއް އަންނާނެ އެވެ.

އިންކަމް ޓެކްސް ނެގުމަށް މީގެކުރިން މަސައްކަތްކޮށްފައިވޭ!

މީގެ ފަސް އަހަރު ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި އިންކަމް ޓެކްސް ނެގުމަށް ނިންމާފައިވާ ކަމަށް އިއުލާން ކުރި އެވެ. އެ ފަހަރު މަހަކު 30،000ރ. އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ނެގުމަށް ހަމަޖެއްސި އެވެ. އެގޮތުން މަހަކު 30،000ރ. އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން، ތިން ޕަސެންޓާއި 10 ޕަސަންޓާ ދޭތެރޭގެ ބޭންޑަކުން ޓެކްސް ނެގުމަށް އޭރުގެ ސަރުކާރުން އިއުލާންކުރި އެވެ. ނަމަވެސް އެފަހަރު އެޓެކްސް ނެގޭގޮތެއްނުވި އެވެ.

އިންކަމް ޓެކްސް ނެގުމަށް ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ނަމުގައި މަޖިލީހަށް ބިލެއް ވެސް ހުށަހެޅި އެވެ. ބިލު މަޖިލީހަށް ބަލައިގަނެ ކޮމެޓީގައި "ޕާކު"ކޮށްފައި ބޭއްވީ އެވެ. ދައުލަތުގެ ހަރަދާއި އާމްދަނީ އެއްވަރު ކުރުމަށް ބާރުދޭނެ ބިލް، މިހާރަކު މަޖިލީހުގައި ނެތެވެ. ސަތާރަ ވަނަ ރައްޔިތުންގެ މަޖިލިސް އުވުމާއެކު އެކަން ނިމި ހިނގައްޖެ އެވެ.

އެފަދަ ބިލެއް މަޖިލީހަށް އަނެއްކާ ވެސް ހުށަހެޅުމުގެ ބާރު ލިބިދެނީ ސަރުކާރަށެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނިކުރުމަށް ބިލެއް ހުށަހެޅޭނީ ސަރުކާރު ހިންގާ ޕާޓީއަށެވެ. އަމިއްލަ މެމްބަރަކަށް ނުވަތަ އިދިކޮޅު ޕާޓީއަކުން އެފަދަ ބިލެއް މަޖިލީހަށް ހުށައެއް ނޭޅެނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވިގޮތުގައި ޓެކްސްގެ ނިޒާމް ފުރިހަމަ ކުރުމަށް އިންކަމް ޓެކްސް ނަގަން ޖެހެއެވެ. އަމީތު ވިދާޅުވީ އިންކަމް ޓެކްސް ނުނެގިގެން އުޅޭ ސަބަބު ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މަޖިލީހަށް ސާފުކޮށްދެންޖެހޭނެ ކަމަށެވެ.

"ސުވާލަކީ ކީއްވެގެންތޯ އަޅުގަނޑުމެންނަށް އިންކަމް ޓެކްސް ތައާރަފް ނުކުރެވިގެން މިއުޅެނީ؟ ނުކުރެވިގެން އުޅޭ ސަބަބެއް އުޅޭނަމަ ފިނޭންސް މިނިސްޓަރު އެބަޖެހޭ އެސަބަބެއް މިކޮމެޓީގައި އެކަން ސާފްކޮށްދެއްވަން،" އަމީތު ވިދާޅުވި އެވެ.

އިންކަމް ޓެކްސް ނެގުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ، އިންކަމް ޓެކްސް ނެގުމުގެ ވިސްނުމެއް މިހާރަކު ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްއިން ނަގާ ބިޒްނަސް ޕްރޮފިޓް ޓެކްސް(ބީޕީޓީ) އަކީވެސް އިންކަމް ޓެކްސް ބަދަލުގައި ނެގޭ ޓެކްސްއެއްކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

"ބީޕީޓީއަކީ ވެސް ގާތްގަނޑަކަށް އިންކަމް ޓެކްސްއެއްތާ، އިންކަމް ޓެކްސް ނަގާކަމަށްވަންޏާ އެކުރަން ޖެހޭ މަސައްކަތާއި ބަލާއިރު ތަންކޮޅެއް އިންކަމް ޓެކްސް ނަގަން އުނދަގޫވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިންކަމް ޓެކްސްއަކީ ކޮރަޕްޝަން ހުއްޓުވޭނެ މަގެއް!

އިންކަމް ޓެކްސް ނަގަަން ފެށުމުން ލިބޭ އާމްދަނީގެ ބަޔާންތައް ހުށަހަޅަން ޖެހޭނެ އެވެ. ވަކިވަކި ފަރުދުންގެ އާމްދަނީގެ ބަޔާންތައް ޓެކްސް އިދާރާއަށް ހުށަހަޅަންޖެހެ އެވެ. އެހެންކަމުން ކުރި މަސައްކަތެއް ނެތި ކުއްލިއަކަށް ލިބިފައި ހުންނަ ބޮޑެތި ފައިސާގެ އަދަދުތަކާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތު ދައުލަތުގެ މުއައްސަސާތަކަށް ލިބިގެންދެ އެވެ. އިންކަމް ޓެކުހެއް ނަގާނަމަ ތަނަވަސް މީހާގެ އާމްދަނީގެ ތަފާސް ހިސާބުތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން ޖެހެ އެވެ. ނަމަވެސް އެއީ ދައުލަތުގެ ފަރާތުން ސިއްރުކޮށްދޭނެ ލިޔުންތަކެކެވެ. މީރާއަށް އެކި ކުންފުނިތަކުން ތަފާތު އާމްދަނީގެ ހިސާބުތައް މިހާތަނަށް ހުށަހަޅާފައިވާ އިރު އެއިން އެއްވެސް ލިޔުމެއް ލީކުވި ވާހަކަ އަޑުއިވިފައެއް ނެތެވެ.

ފާހަގަކުރި ސަބަބުތަކަށް ބަލާއިރު ރާއްޖެއަށް އިންކަމް ޓެކްސް ތައާރަފް ނުކުރަންވީ ސަބަބެއް ނުވިސްނެ އެވެ. ޓެކްސްގެ ނިޒާމް ރާއްޖޭގައި ފުރިހަމަ ކުރަން ވެސް އިންކަމް ޓެކްސް ތައާރަފް ކުރަން އެބަޖެހެ އެވެ. ހަމައެހެންމެ މުއްސަދިންގެ އާމްދަނީއިން ފަގީރުންގެ މެދުގައި ބޭނުންކުރުމަށް ވެސް އިންކަމް ޓެކްސް އަކީ މުހިންމު ޓެކްސްއެކެވެ. ހަމަ އެހެންމެ އެއީ ބަޖެޓް އަރަނިކުރަންވެސް އެޅޭނެ ރަނގަޅު ފިޔަވަޅެކެވެ.