އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 27.457 ބިލިއަން ރުފިޔާގެ ބަޖެޓުގައި މަރުގެ ހުކުމް ތަންފީޒު ކުރާ ތަނެއް ހެދުމަށް ހަތަރު މިލިއަން ރުފިޔާ ހިމަނައިފި އެވެ.

އެެގޮތުން މަރުގެ ހުކުމް ތަންފީޒު ކުރާ ތަނެއް ހެދުމަށް ސަރުކާރުން ނިންމާފައި ވަނީ ކ. މާފުށީގައެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާ ތަނެއް ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ތަނެއް ހެދުމަށް ހިމަނާފައިވާއިރު މިދިޔަ އަހަރު އެކުލަވާލި މަރުގެ ހުކުމް ތަންފީޒު ކުރާ ގަވާއިދުގައި ބުނެފައި ވަނީ އެކަން ކުރާނީ ލީތަލް އިންޖެކްޝަނެއް ޖަހައިގެން ކަމަށެވެ. އެ ގަވާއިދުގައި ބުނެފައި ވަނީ މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކުރިން ކުށް ސާބިތުވެފައިވާ މީހާއާއި މަރާލެވިފައިވާ މީހާގެ ވާރިސުންނާއި ދެމެދު މީޑިއޭޓްކުރެވެންވާނެ ކަމަށެވެ. އަދި އެކަން ކުރާނީ އިސްލާމިކް މިނިސްޓުރީން ކަނޑައަޅާ ފަރާތެއްގެ ދަށުން ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާ ގަވާއިދު ގެޒެޓު ކުރެވުނު ދުވަހު ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، މިހާތަނަށް އިއްވާފައިވާ މަރުގެ ހުކުމްތަކުގެ ތެރެއިން އިސްތިއުނާފް މަރުހަލާއަށް ނުދާ މައްސަލަތައް ދައުލަތުގެ ފަރާތުން އިސްތިއުނާފް ކުރާނެ ކަމަށާއި އެކަމާ މެދު ބަންޑާރަ ނައިބުގެ އޮފީހާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އުމަރު ވިދާޅުވީ، މަރުގެ ގިނަ މައްސަލަތަކެއް ޝަރީއަތުގައި ނުނިމި ހުރި ނަމަވެސް އެކަމާ ސަރުކާރުން ނުބެހޭނެ ކަމަށާއި ރާއްޖޭގެ ޝަރުއީ ނިޒާމަކީ މިނިވަން ނިޒާމެއް ކަމަށެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާ ތަނެއް ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު މިހާރުވެސް ރާއްޖޭގެ ކޯޓުތަކުން ބައެއް މީހުންނަށް ވަނީ މަރުގެ ހުކުމް ކޮށްފައެވެ.

އެގޮތުން ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހްމަދު ނަޖީބު މަރާލި ކަމުގެ ކުށް މ. މަސްރޫރާ، އަހްމަދު މުއްރަތާއި ށ. ގޮއިދޫ، ރިހާބު، ފާތިމަތު ހަނާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެމީހުންގެ އަމިއްލަ އިއުތިރާފުގެ މައްޗަށް ބިނާކޮށެވެ. ހަމައެހެންމެ ކާށިދޫ ޕޮލިސްޓޭޝަންގެ ޑިއުޓީއަށް ދަނިކޮށް ކ. ކާށިދޫ، ކެތި، އާދަމް ހަލީމް މަރާލި ކަމުގެ ކުށް ކާށިދޫ ސުވާސާގޭ މުހައްމަދު ސަމާހުގެ މައްޗަށް ސާބިތުވެފައި ވަނީ ވެސް އޭނާގެ އަމިއްލަ އިއުތިރާފުންނެވެ.

އެ ތިން މީހުން މެރުމަށް ހުކުމް ކޮށްފައި ވަނީ މަރުވި މީހާގެ ހުރިހާ ވާރިސުން ގިސޯސްހިފަން ބޭނުންވާކަމަށް ބުނެ ކްރިމިނަލް ކޯޓަށް ބަޔާންދީފައިވާތީ އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ގ. ވޭރު އަބްދުލް މުހީތު މަރާލުމުގެ ކުށް ދެ ކުއްޖެއްގެ މައްޗަށް ސާބިތުވުމާ ގުޅިގެން އެ ދެ ކުދީން މެރުމަށް މިދިޔަ އަހަރު ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެ ދެ ކުދީން ދައުވާ އަށް އިންކާރުކުރިނަމަވެސް އެކުށް ޝަރީއަތަށް ސާބިތުވެފައި ވަނީ ހެކީންގެ ހެކިބަހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި މައްޝޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް ސާބިތުވެފައި ވަނީ ހުމާމްގެ އިއުތިރާފާއި ހެކީންގެ ހެކިބަހުންނެވެ. އަފްރާޝީމްގެ ހުރިހާ ވާރިސުން އެދުނުގޮތަށް އޭނާ މެރުމަށް ދާދިފަހުން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.