14 Nov 2015, 18:24
ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން އެ ބައްޔަށް ޓެސްޓު ކުރުމާއި ހެލްތު ސްކްރީނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
މިއަދު ހަވީރު ދަމަނަަވެށީގައި ކުރިއަށް ގެންދިޔަ އެ ހެލްތު ސްކްރީނިން ޕްރޮގްރާމް އަކީ ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ދަމަނަވެށި ގުޅިގެން ކުރިއަށް ގެންދިޔަ ސްކްރީނިން ޕްރޮގްރާމެކެވެ.
އެ ސްކްރީނިން ޕްރޮގްރާމްގައި ލޭގައި ހަކުރު ހުރިވަރާއި ލޭގެ ޕްރެޝަރު ބެލުމުގެ އިތުރުން އައިޑިއަލް ބޮޑީ ވެއިޓް ފަދަ ކަންތައްތައް ވަނީ ބަލާފައެވެ.
ސްކްރީނިން ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ޑައިބިޓީޒް އެސޯސިއޭޝަން އަށް ވަނީ ގްލޫކޯމީޓަރުތަކެއް ހަވާލުކޮށްފައެވެ.
ގްލޫކޯމީޓަރަކީ އިންސާނާގެ ލޭގައި ގްލޫކޯޒް ހުރިވަރު ލަފާކުރުމަށް ބޭނުން ކުރާ އާލާތެކެވެ.
މިއަދު ދަމަނަވެށީގައި ކުރިއަށް ގެންދިޔަ ސްކްރީނިން ޕްރޮގްރާމްގެ ތެރެއިން: ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވާހަަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: އަހުމަދު ޖައިޝަން
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، ޑައިބިޓީޒް ބައްޔަކީ ވަރަށް މުހިއްމުކަމެއް ދޭން ޖެހޭ ބައްޔެއް ކަމަށެވެ.
"އަޅުގަނޑުމެން ބަލަންވީ ހަމައެކަނި ބަލިން ފަރުވާ ހޯދުމެއް ނޫން. އެހެން ނަމަވެސް އެ ބައްޔެއް ޖެހުމުގެ ކުރިން ކުރެވެން އޮތް މަސައްކަތެއް ކޮށްގެން ނަމަވެސް އެ ބައްޔަކުން ރައްކާތެރިވުން،" މިނިސްޓަރު ވިދާޅުވި އެވެ.
ހަކުރު ބައްލި ޖެހުމުގައި ދިރިއުޅުމުގެ ވައްޓަފާޅިއާ ބޮޑު ގުޅުމެއް ވާކަމަށާއި އޭގެތެރެއިން ޑައިބިޓީޒް ގިނައިން ޖެހެނީ އަންހެނުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި މޫދު ކަސްރަތުގެ ދުވަހާ ގުޅިގެން މިއަދު ހުޅުމާލޭގައި ވެސް ވަނީ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.