ޑޯޕިން މައްސަލައިގައި މަކަރު ހަދާފައިވާތީ އެތުލެޓިކްސްގެ ހުރިހާ މުބާރާތްތަކާއި ހަރަކާތްތަކުން ރަޝިއާ ސަސްޕެންޑް ކުރުމަށް ބައިނަލްއަގްވާމީ އެތުލެޓިކްސް އެސޯސިއޭޝަން އައިއޭއޭއެފް އިން ނިންމައިފި އެވެ.

އައިއޭއޭއެފް އިން ރަޝިއާ ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ އެ ގައުމުގެ އެތުލެޓިކްސް އެސޯސިއޭޝަނުން ފާއިތުވި އަހަރުތަކުގައި އެތުލީޓުންގެ ޑޯޕިން ޓެސްޓްތަކުގައި މަކަރުހަދާ ކަމަށް ބުނެ ނެރެފައިވާ ރިޕޯޓަކަށް ރިއާޔަތް ކޮށްފައެވެ.

ރަޝިއާގެ ޑޯޕިން މައްސަލައިގައި ވާޑާއިން އެންމެ ބޮޑަށް ފާހަގަ ކޮށްފައިވަނީ 2012 ވަނަ އަހަރުގެ އޮލިމްޕިކް މުބާރާތުގައެވެ. އެ މުބާރާތުގައި ވާދަކުރި ރަޝިއާގެ ގިނަ އެތުލީޓުންތަކެއްގެ ޑޯޕިން ޓެސްޓްތައް އެގައުމުން އޮޅުވާލާފައިވާ ކަމަށް ވާޑާ އިން ތުހުމަތު ކުރެ އެވެ.

ރަޝިއާ ސަސްޕެންޑް ކުރުމަށް އައިއޭއޭއެފްގެ 22 ކައުންސިލް މެންބަރު ވޯޓުލާފައިވާއިރު އެ ގައުމާ އެއްކޮޅަށް ވޯޓުދީފައިވަނީ އެންމެ ގައުމެކެވެ.

އައިއޭއޭއެފްގެ ރައީސް ލޯޑް ސެބަސްޓަން ކޯ ވިދާޅުވީ، މި ފަދަ ކަންތައްތައް ތަކުރާރުވިއަ ނުދިނިމަށްޓަކައި އެންމެން ގުޅިގެން ތެދުވާންވީ ވަގުތުއައިސްފި ކަމަށެވެ.

"އަހަރެމެންގެ ކުޅިވަރު މިއޮތީ ލަދުގަންނަން ޖެހޭ ހާލަތެއްގައި. އަހަރެން މިހުރީ ގެންނަން ޖެހޭ ބަދަލުތައް ގެންނަން ތައްޔާރަށް. އަހަރެމެން އެބަޖެހޭ އަމިއްލަ ކުޅިވަރު ތެރެއަށް ބަލާ ގެންނަން ޖެހޭ ބަދަލުތައް ގެންނަން،" ސެބަސްޓަން ވިދާޅުވިއެވެ.

އެކަމަކު ރަޝިއާގެ ކުޅިވަރާ ބެހޭ ވަޒީރު ވިޓާލީ މުޓްކޯ ވިދާޅުވީ މި ސަސްޕެންޝަނަކީ ވަގުތީ ކަމެއް ކަމަށާއި ވާޑާގެ ރިޕޯޓަށް ޖަވާބުދާރީ ވުމުން ސަސްޕެންޝަން އުވާލާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. އަދި އެ ގައުމުން އެއްވެސް ކަމެއްގައި އޮޅުވާލާފައިނުވާނެކަމަށެވެ.

އެހެން ނަމަވެސް މި ސަސްޕެންޝަން ނުނަގައިފިނަމަ އަންނަ އަހަރުގެ ވޯލްޑް އެތުލެޓިކްސް ސީރީސް އާއި ރިއޯގައި ބާއްވާ އޮލިމްޕިކްސްގައި ރަޝިއާ އަށް ބައިވެރިނުވެވޭނެ އެވެ. އަދި ރަޝިއާގައި ބާއްވަން ހަމަޖެހިފައިވާ ވޯލްޑް ރޭސިން ކަޕާއި ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕް ވެސް ނުބޭއްވޭނެ އެވެ.

ޑޯޕިންއަކީ ކުޅިވަރުކުޅޭ ފަރާތްތަކުން ހަކަތަ އިތުރުކުރުމަށް ބޭނުންކުރާ ޑޮކްޓަރީ ބޭސްތަކެވެ. ކުޅިވަރުތަކުގައި ބައިވެރިވާ ފަރާތްތަކުން މިފަދަ ބޭސްތައް ބޭނުންކުރުމަކީ މަނާކަމެކެވެ.