އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ އިބްރާހިމް ހުސެއިން ޒަކީ އަށް ކެމްޕޭންކޮށްދިނުމުގެ ހަރަކާތްތަކެއް ރައީސް އޮފީސްތެރޭގައި ހިނގަމުންދާ ކަމުގެ ޝަކުވާތަކެއް ލިބެމުންދާ ކަމަށް، އެމާގާމަށް ވާދަކުރައްވާ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ )ޑރ. ޑީޑީ( ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީގެ މަގާމު ފުރުއްވަމުންގެންދަވާ ޒަކީ އަށް ކެމްޕޭންކުރުމަށް ރައީސް އޮފީހުގެ ތެރެއިން ހަރަކާތްތައް ހިންގަމުންދާ ކަމަށް ބުނެ ފެތުރިފައިވާ އަޑުތަކާ ގުޅޭ ގޮތުން ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ޑރ. ޑީޑީ މިއަދު ވިދާޅުވީ، މަގާމުގެ ނުފޫޒު ޒަކީ ބޭނުންކުރައްވަމުންގެންދަވާ ކަމަށާއި އަދި ރައީސް އޮފީސްތެރެއިން ވެސް އެފަދަ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް ބުނެ އެކި ފަރާތްތަކުން ޝަކުވާ ކުރަމުންދާ ކަމަށެވެ.

"ބައެއް ބޭފުޅުން އަޅުގަނޑު ގާތު ވެސް ވިދާޅުވޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަރަށް އިސް މަގާމެއްގައި ހުރި ބޭފުޅަކު ވާދަކުރައްވައި، އަނެއްކާ މިހާރު ވެސް އަދި ވެސް ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމުން ވެސް އިސްތިއުފާނުދެއްވައި މިހެން ގެންދާ ގެންދިއުމަކީ މަގާމުގެ ނުފޫޒު ނަޖާއިޒު ގޮތުގައި ބޭނުންކުރެވޭނެ ކަމެއް ނޫންހޭ... ދެން ތިޔަ ވިދާޅުވާ ކަހަލަ ކަންތައްތައް )ރައީސް އޮފީސްތެރޭގައި( ހިނގާ ކަމުގެ ޝަކުވާ އަޅުގަނޑާ ހަމައަށް ވެސް އާދޭ. ހަމަ ރައީސް އޮފީސް ތެރެއިން ވިދާޅުވި، ވިދާޅުވިއޭ ކިޔައިގެން ވެސް ވާހަކަދައްކަވާ އަޑުއިވޭ،" ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ފަންސަވީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޑރ. ޑީޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް އޮފީސް ތެރެއިން "ވިދާޅުވި ވިދާޅުވިއޭ" ކިޔައިގެން ދައްކާ ވާހަކަތައް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް، ޒަކީ ޕާޓީ އާއި ސަރުކާރުގެ އިސްމަގާމެއްގައި ހުންނަވައިގެން އިންތިހާބަށް ކުރިމަތިލެއްވި މައްސަލައާ މެދު ގޮތެއް ނިންމާނީ އެމްޑީޕީގެ އާއްމު މެމްބަރުން ކަމަށެވެ.

"އަޅުގަނޑު އެކަމުގައި ބުނަމުން މިގެންދަނީ އެމަނިކުފާނުގެ )ޒަކީގެ( ކަމެކޭ މަގާމުގެ ނުފޫޒު ބޭނުން ކުރެއްވުމާއި ނުކުރެއްވުމަކީ، ނުވަތަ މިހާރު ހުންނެވި ވަގުތީ ރައީސް ކަމުގެ މަގާމުން އިސްތިއުފާދެއްވުމާއި ނުދެއްވުމަކީ އެމަނިކުފާނުގެ އަމިއްލަ ކަމެކޭ. އަޅުގަނޑުއެއަކާ ވަކި އެއްޗެއް ދަންނަވާކަށް ނެތީމޭ. ދެން އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ވެސް އާއްމު މެމްބަރުންނޭ. އެއީއޭ ޑިމޮކްރެޓިކް ގޮތަކީ،" ޑރ. ޑީޑީ ވިދާޅުވި އެވެ. އަދި އިތުރަށް ވިދާޅުވި އެވެ؛ "ޕާޓީގެ އެތެރޭގެ އިންތިހާބަކަށް ވުމާއެކީގައި އަޅުގަނޑުގެ އެއްވެސް ބުރަ ހިތެއް ބާއްވާކަށެއް ނެތީމޭ ޒަކީއަކަށް. އަޅުގަނޑު ވަރަށް އިހުތިރާމްކުރަމޭ،" މެޑިކަލް ޑޮކްޓަރު ވިދާޅުވި އެވެ.

ޒަކީގެ ކެމްޕެއިނަށް ރައީސް އޮފީހުން ހަރަކާތްތަކެއް ހިންގާ ކަމަށް ދައްކާ ވާހަކަ އެ އޮފީހުން ދޮގުކުރެ އެވެ.
”އެއީ ކެމްޕެއިން ފޯރީގައި ދެކެވޭ، ހަގީގަތާ ހިލާފު ވާހަކަތަކެއް،" ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވި އެވެ.

ވަރިކަން ކުރާ އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ ޒަކީއާއި ޑރ. ޑީޑީގެ ކެމްޕޭން ހޫނުވަމުންދާ އިރު، އެ ޕާޓީ ތެރޭގައި ވެސް އިދިކޮޅު ޑީއާރްޕީތެރޭގައި އުފެދިފައިވާ ފަދަ ހަމަނުޖެހުންތަކެއް އުފެދުމުގެ ފުރުސަތު ބޮޑުކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ. ޑީޑީ ވިދާޅުވީ، "ޑީއާރްޕީ ތެރޭގައި ޖެހިގެން އުޅޭ ކަހަލަ މައްސަލައެއް އެމްޑީޕީތެރޭ ނެތް" ކަމަށެވެ. އެގޮތުން ޑީއާރްޕީ ތެރޭގައި އުފެދިގެން އުޅެނީ ވެރިކަމުގެ ދަހިވެތިކަމުގެ މައްސަލަ ކަމަށާއި އޭނާއަކީ ވެރިކަމުގެ ދަހިވެތިކަމުގައި ނުކުމެވަޑައިގެންނެވި ބޭފުޅެއް ނޫންކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.

އަދި އިންތިހާބުން ބަލިވެއްޖެ ނަމަ ޕާޓީން އިސްތިއުފާނުދެއްވާނެ ކަމަށާއި ފުރުސަތު އަދި ހައިސިއްޔަތު ލިބުނު މިންވަރަކުން ޕާޓީއަށް ހިދުމަތްކުރުމުގައި ދެމިހުންނަވާނެ ކަމުގައި ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސާއި ނައިބު ރައީސްކަމަށް، އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ބޭފުން ވާދަކުރައްވާއިރު ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސްކަމާއި ނައިބު ރައީސަކަށްވެސް އައްޑޫ ދެ ބޭފުޅަކު ކުރިމަތިލެއްވިކަން ފާހަގަކުރެވެ އެވެ. މި އިންތިހާބުތަކުގައި އައްޑޫގެ ބޭފުޅަކަށްވީތީ "ފަހަތަށް" ޖެއްސުމަށް ޕާޓީ ތެރެއިން އެއްވެސް ކަމެއް ކުރޭތޯ ސުވާލު ދެންނެވުމުން، އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. ޑީޑީ ވިދާޅުވީ، އެފަދަ ކަމެއް ހިނގާ ކަމަށް ގަބޫލުކުރައްވަން ދަތި ކަމަށެވެ. ނަމަވެސް، އެކަން ނުހިނގައޭ ވިދާޅުނުވެވޭނެ ކަމަށެވެ.

"އައްޑޫ މީހުން ނޫނީ އައްޑޫއަށް ނިސްބަތްވާ ދެކުނުގެ މީހުން ފަހަތަށް ޖައްސަން އެޅޭ ވާހަކަތަކެއް އަޅުގަނޑަށް ގަބޫލުކުރަން ދަތި. އެހެންވެދާނެ ކަމަށްވެސް އަދި އެކަން ކުރަން ބަޔަކު އުޅޭ ކަމަށްވެސް. ދެން އެކަމަކު ނޫޅެއެކޭ ވެސް ނުދަންނަވާނަން." ޑރ. ޑީޑީ ވިދާޅުވި އެވެ.

ޑރ. ޑީޑީ މިއަދު އިތުރަށް ވިދާޅުވީ، އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުތަކުގައި ރަށްރަށަށް ގޮސް، އެރަށުގެ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދެމުންދާ ހިދުމަތްތައް ހޯދުމަށް ހުރި އިދާރީ ދަތިތަކާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވައިލައި ރައީސް ނަޝީދަށް ހުށަހެޅުމަށް ނިންމައިފައިވާ ކަމަށެވެ. އެ ރިޕޯޓް ހުށަހަޅާނީ އިންތިހާބަށްފަހު ކަމަށް ވެސް ވިދާޅުވި އެވެ.