ފުރާންސުގެ ޕެރިހަށް އިއްޔެ ދިން ހަމަލާތަކަކީ އިސްލާމިކް ސްޓޭޓް (އައިއެސް)އިން ދިން ހަމަލާތައް ކަމަށް ފުރާންސުގެ ރައީސް ފުރާންސުވާ އޮލެންޑާ ތުހުމަތު ކުރައްވައިފި އެވެ.

އެއީ "ހަނގުރާމަވެރި ހަމަލާއެއް"ގެ ގޮތުގައި ސިފަ ކުރައްވަމުން ރައީސް އޮލެންޑާ މިއަދު ވިދާޅުވެފައި ވަނީ ޕެރިހުގައި ދިން ހަމަލާތަކަކީ ފުރާންސުގެ ބައެއް މީހުންނާއެކު އެހެން ގައުމެއްގައި ތަމްރީނު ހޯދައިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ.

ފްރާންސްގެ ރައީސްގެ އެހެން ވިދާޅުވިތާ މާ ގިނަ އިރުތަކެއް ނުވަނީސް އައިއެސް އިން ވަނީ ހަމަލާގެ ޒިންމާ ނަގާފަ އެވެ.

އައިއެސް އިން ނެރުނު ބަޔާނުގައި އެ ޖަމްއިއްޔާ އިން ބުނި ގޮތުގައި އެ ޖަމާއަތުގެ ހަނގުރާމަވެރިން ޕެރިހުގެ ތަފާތު ސަރަހައްދުތަކަށް ހަމަލާ ދީފައި ވާނީ އެ ސަރަހައްދުތަށް ރަނގަޅަށް ބެލުމަށްފަހު، 'ސުއިސައިޑު ބެލްޓު' ތަކާއި މެޝިން ބަޑި ބޭނުން ކޮށްގެންނެވެ.

އެ ބަޔާނުގެ ކުރިން އައިއެސްގެ ޕުރޮޕަގަންޑާ ފަތުރާ އަލް ހަޔާތު މީޑިއާ ސެންޓަރުން އާންމު ކުރި ވީޑީއޯއެއްގައި އެ ޖަމާއަތުން ވަނީ ފުރާންސުގެ މުސްލިމުންނަށް އިތުރު ހަމަލާތައް ދިނުމަށް ގޮވާލަފަ އެވެ.

"[ފުރާންސުން މުސްލިމް ގައުމުތަކަށް] ބޮން އެޅުން ހުއްޓާނުލައިފި ނަމަ [ފުރާންސް މީހުންނަށް] އަމާންކަމެއް ނުލިބޭނެ. [ފުރާންސުގެ މީހުން] މާރުކޭޓަށް ދާންވެސް ދެން ބިރުގަންނާނެ،" އެ ވީޑިއޯގައި އައިއެސްގެ ހަނގުރާމަވެރި އަކު ބުންޏެވެ. އެ ވީޑިއޯ ހަދާފައި ވަނީ ހަމަލާގެ ފަހުން ކަމެއް އަދި ޔަގީން ނުވެ އެވެ.

މީގެ އިތުރުން، ޕެރިހުގެ ބަޓަކްލޭން ކޮންސާޓް ހޯލަށް ދިން ބަޑީގެ ހަމަލާ ދުށް ފަރާތަކުން ބުނާ ގޮތުގައި ބަޑި ޖެހި މީހާ ވަނީ ބަޑި ޖެހުމުގެ ކުރިން "ﷲ އަކްބަރު" އޭ ގޮވާފަ އެވެ.

ޕެރިހުގެ ހަ ސަރަހައްދަކަށް ދިން ބަޑިއާއި ބޮމުގެ ހަމަލާތަކުގެ ސަބަބުން 127 މީހަކު މަރުވެފައިވާ ކަން މިހާތަނަށް ވަނީ ކަށަވަރު ވެފަ އެވެ. އަދި 180 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ވަނީ ސީރިއަސް އަނިޔާތައް ލިބިފަ އެވެ.

ހަމަލާތަކުގެ ސަބަބުން މަރުވި މީހުންގެ ހަނދާނުގައި ރައީސް އޮލާންޑޭ ވަނީ ހިތާމައިގެ ތިން ދުވަސް އިއުލާން ކުރައްވާފަ އެވެ.

ފުރާންސުގައި މިހާރު ވަނީ ކުއްލި ހާލަތު އިއުުލާން ކޮށްފަ އެވެ.