14 Nov 2015, 16:22
މާލޭ އާއި ހުޅުލެއާ ދެމެދު އެޅުމަށް ނިންމާފައިވާ ބްރިޖުގެ މަޝްރޫއުގެ ހަރަދު 200 މިލިއަން ޑޮލަރަށް ކުޑަކުރެވިއްޖެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.
ބްރިޖު މަޝްރޫއުގައި އިސްކޮށް އުޅުއްވާ މުއްތަލިބު ފޭސްބުކުގައި ވިދާޅުވެފައި ވަނީ ބްރިޖުގެ ހުރިހާ މަސައްކަތެއް 200 މިލިއަން ޑޮލަރުން ނިންމާލެވޭނެ ކަމަށާއި އެއީ ލަފާކުރި ބަޖެޓަށްވުރެ 60 މިލިއަން ޑޮލަރު ކުޑަ އަދަދެއް ކަމަށެވެ.
އެ ބަދަލާ ގުޅިގެން ސަރުކާރުން ލޯނުގެ ގޮތުގައި ނަގަން ޖެހޭނީ 100 މިލިއަން ޑޮލަރު ކަމަށް އޭނާ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ބްރިޖު އެޅުމުގެ މަސައްކަތް ހަވާލު ކުރި ކުންފުންޏަކީ ކަނޑު ހުރަސްކޮށް ބުރިޖް އެޅުމަށް އެންމެ މޮޅު އެއް ކުންފުނި ކަމަށެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މީގެ ކުރިން ވިދާޅުވެފައި ވަނީ ބްރިޖް އެޅުމަށް 300 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ދެނީ ޗައިނާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ކަމަށާއި 170 މިލިއަން ޑޮލަރު ޗައިނާ އިން ދެނީ ލޯނުގެ ގޮތުގައި ކަމަށެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓް ކަމަށް ވެސް ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ.

މާލެ-ހުޅުލެ ބްރިޖު: މަޝްރުއަށް ހަރަދުވާނެ ކަމަށް އަންދާޒާކުރި އަދަދު 300 އިން 200 މިލިއަން ޑޮލަރަަށް ވަނީ ކުޑަވެފައި--
ޗައިނާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވާ 100 މިލިއަން ޑޮލަރު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މޭލެ-ހުޅުލެ ބްރިިޖްގެ ދިގު މިނަކީ 1.39 ކިލޯ މީޓަރެވެ. ބްރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުންނާނެ ކަަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިއަހަރު ނިމުމުގެ ކުރިން ބްރިޖްގެ މަސައްކަތް ފެށޭނެ ކަމަށާއި ދެ އަހަރު ތެރޭ ބްރިޖްގެ މަސައްކަތް ނިންމާނެ ކަމަށް ވެސް ހައުސިން އިން ވަނީ ބުނެފަ އެވެ.