މީހަކު ނުލައި ދަތުރުކުރާ އުޅަނދެއް 2019 ވަނަ އަހަރު ހަނދަށް ފޮނުވާނެކަމަށް ޖަޕާނުން ބުނެފިއެވެ.

ޖަޕާނު ސަރުކާރުގެ ސްޕޭސް ޕޮލިސީ ކޮމިޓީއިން ބުނެފައިވަނީ ހަނދަށް ޖެއްސުމަށްޓަކައި އުޅަނދު ތައްޔާރު ކުރުމުގެ މަސައްކަތް އެ ގައުމުން ކުރަމުންދާ ކަމަށެވެ.

ރިމޯޓް ކޮންޓްރޯލްކޮށް ފޮނުވުމަށް ހަމަޖެހިފައިވާ އެ އުޅަނދުގެ މަސައްކަތް އަމަލީގޮތުން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޕޮލިސީ ކޮމިޓީން ވަނީ ބުނެފައެވެ.

އެ ކޮމިޓީން ބުނިގޮތުުގައި ހަނދަށް ފޮނުވުމަށްޓަކައި ޖަޕާނުން ތައްޔާރުކުރާ އުޅަނދުގައި ހާއްސަ ޓެކްނޮލޮޖީތަކެއް ބޭނުން ކުރާނެ އެވެ. އެއާއެކު ފަސޭހަކަމާއެކު ހަނދުގައި ޖެއްސޭނެ ކަމަށް އެ ކޮމިޓީން ބުންޏެވެ.

ފޭޝަލް ރިކޮގްނިޝަންގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަނދުގައި ޖައްސަން ބޭނުންވާ ސީދާ ސަރަހައްދަށް އެ އުޅަނދު ޖައްސާނެ ކަމަށް ކޮމިޓީން ބުންޏެވެ. އަދި ހަނދަށް ޖެއްސުމުގެ ކުރިން އެ އުޅަނދު ބޭނުންވާ "އެޖަސްޓްމެންޓް" ކުރާނެއެވެ.

އެއްވެސް މީހަކާ ނުލައި ހަނދުގައި ޖެއްސުމަށް އުޅަނދުތައް މީގެ ކުރިންވެސް ވަނީ އެކި ގައުމުތަކުން ފޮނުވާފައެވެ. އެގޮތުން ޖަޕާނަކީ އެމަސައްކަތް ކުރާ ހަތަރު ވަނަ ގައުމެވެ.

މީގެ ކުރިން ތިން އުޅަނދެއް ވަނީ މީހަކާ ނުލައި ހަނދުގައި ޖައްސާފައެވެ. އެގޮތުން ހަނދަށް ޖައްސާފައިވަނީ ޗައިނާ އާއި އެމެރިކާ އަދި ސޯވިއެޓް ޔޫނިއަންގެ އުޅަނދު ތަކެވެ. އެންމެ ފަހުން ހަނދުގައި ޖައްސާފައިވަނީ 2013 ވަނަ އަހަރު ޗައިނާ އިންނެވެ.