ވޯލްޑް ކަޕް ކޮލިފައިންގައި ހޮންކޮން އާއި ރާއްޖެ ކުޅުނު މެޗަށް ފަހު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ހޯމަ ދުވަހު އަލުން ފަށަން އެފްއޭއެމުން ނިންމައިފި އެވެ.

ހޯމަ ދުވަހު ލީގުގެ ކުޅުން ފަށާނީ މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރާ މެޗުންނެވެ. އަދި ހޯމަ ދުވަހުގެ ރޭ ކުޅޭނީ ކްލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސް އެވެ. މި ދެ މެޗަކީ ރާއްޖެ - ހޮންކޮން މެޗުގެ ކުރިން ކުޅެން ޝެޑިއުލްކޮށްފައި އޮތް ދެ މެޗަށް ވީނަމަވެސް ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން އެ ދެ މެޗު ފަސްކުރީ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތާވަލްގެ އެއްވަނައިގައި 23 ޕޮއިންޓާއެކު އޮތީ ފާއިތުވި ތިން އަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓެވެ. ދެ ވަނައިގައި 21 ޕޮއިންޓާއެކު ޓީސީ ސްޕޯޓްސް އޮތްއިރު، 13 ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. އީގަލްސް ހަތަރު ވަނައިގައި އޮތްއިރު، ފަސް ވަނައިގައި އޮތީ މާޒިޔާ އެވެ. ވެލެންސިއާ ހަ ވަނައިގައި އޮތްއިރު، ހަތް ވަނައިގައި އޮތީ ބީޖީ ސްޕޯޓްސް އެވެ. ތާވަލްގެ ފުލުގައި އޮތީ މަހިބަދޫ ސްޕޯޓްސް ކްލަބެވެ.

މި ފަހަރު ލީގު ފެށުމަށް ފަހު ދެން އިތުރު ބްރޭކެއް ނައިސް އަންނަ މަހުގެ ދެ ވަނަ ދުވަހު ލީގު ނިމޭނެ އެވެ. އޭގެ ފަހުން އޮންނާނީ ސާފް ސުޒުކީ ކަޕަށް ގައުމީ ޓީމު ތައްޔާރުވުމެވެ