ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި ބޮން ގޮއްވާލި މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ތަހުގީގު ކުރިއަށް ގެންދަނީ މީހަކު މެރުމުގެ ކުށާ ދިމާލަށް ކަމަށް އޭނާގެ ވަކީލު ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އަދީބުގެ ތަހުގީގު ކުރިއަށްދާ ގޮތާ ބެހޭ ގޮތުން މޫކައި ސުއިޓްސްގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާއާ ދިމާލަށް ކަމަށެެވެ.

ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާ

  • މެރުން

ކުށް ކަނޑައެޅުން - (ހ) އެނގިހުރެ މީހަކު މަރައިފި މީހާ އެކުރަނީ ކުށެކެވެ.

ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގައި ބުނެފައިވާ މެރުމުގެ ކުށް ސާބިތުވެއްޖެނަމަ އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން އެމީހަކަށް އަދަބު ކަނޑަ އެޅުން ނުވަތަ އުމުރަށް ޖަލަށްލަށް ލުމަށް ހުކުމްކުރެވިދާނެ އެވެ.

އަދީބަށް މަރުގެ އަދަބު ދިނުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތޯ ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ މައްސަލައިގެ ތަހުގީގު ހަވާލުވެފައި ހުރީ މަރުގެ އަދަބު ދިނުމަށް ޝައުގުވެރިކަން ހުންނަ ބޭފުޅަކާ ކަމަށެވެ. އެހެން ކަމުން މައްސަލަދާ ދިމާލާ މެދު ކަންބޮޑުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މައްސަލަ ބެލުމަށް ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާއަކީ މަރުގެ އަދަބު ދިނުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ބޭފުޅެއް. އެހެންކަމުން މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާމެދު ވަރަށް ބޮޑު ކަންބޮޑުވުން އަޅުގަނޑުމެންގެ އެބައޮތް،" ޝަމީމް ވިދާޅުވި އެވެ.

އަދީބުގެ ތިން ވަކީލުން ސަސްޕެންޑްކޮށްފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި ޝަމީމް ވިދާޅުވީ ކަމަކާ ނުލައި ވަކީލުން ސަސްޕެންޑް ކުރައްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދީބުގެ ވަކީލުން ސަސްޕެންޑްކުރާ ވަރަކުން އިތުރު ވަކީލުން އައްޔަން ކުރައްވަމުން ގެންދަވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އަދީބުގެ އާއިލާއަށް އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު ލިބެނީ ފޯނުން ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބައްދަލު ކުރަން ދޫނިދޫއަށް ގޮސް ވަކި ދެ ކޮޓަރިއެއްގައި ފޯނުން ގުޅައިގެން ވާހަކަދައްކަން އާއިލާއަށް މަޖުބޫރުވެފައިވާ ކަމަށެވެ. ފޯނުން ދައްކާ ވާހަކަ އަޑުއަހާފާނެތީ، ފޯނުން ވާހަކަ ދެއްކުމަކީ އިތުބާރު ކުރެވޭނެ ކަމެއް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ސީދާ ބަންދުގައި ހުންނަ މީހާއަކާ ބައްދަލެއް ނުވޭ. ކޮޓަރިއެއް ނުވަތަ ފަރުދާއެއްގެ ފުރަގަހުން ބައްދަލުވާ ގޮތަށް މި ވަނީ. ދެން ވާހަކަ ދައްކަނީ ފޯނަކުން. ފޯނަކުންނޭ މި ދަންނަވަނީ އަހުމަދު އަދީބު ހުއްނަވަނީ ކޮޓްރިއެއްގެ ތެރޭގައި އާއިލާއިން މި ޖެހެނީ ފޯނަކުން ވާހަކަ ދައްކަން،" ޝަމީމް ވިދާޅުވި އެވެ.