04 Apr 2011, 14:21
ސަރަހައްދީ ތިން ވައިގެ ބަނދަރުގައި ހުރި މުއްދަތު ހަމަވެފައިވާ ގިނަ އަދަދެއްގެ ޖެޓްފިއުލް ވިއްކާލަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ނިންމައިފި އެވެ.
މިނިސްޓްރީން ބުނީ ނީލަމުގައި ވިއްކާލަން ހަމަޖައްސާފައިވަނީ ހަނިމާދޫގައި ގިނަ ދުވަސްވެ، ކަރާސީނަށް ބަދަލުވެފައި 8103 ލީޓަރު ތެލާއި ކައްދޫގައި ހުރި 1290 ލީޓަރު ތެޔޮ، އަދި ކާޑެއްދޫގައި ހުރި 1300 ލީޓަރު ކަރާސީނު ކަމަށެވެ. ނީލަމުގައި ޖުމްލަ 10693 ލީޓަރު ތެޔޮ ވިއްކާނެ ކަމަށް ވެސް ބުންޏެވެ.
ރީޖަނަލް އެއާޕޯޓްތަކާބެހޭ ބައިގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، އައްބާސް މުހައްމަދު މިއަދު ވިދާޅުވީ އެ ޖެޓް ފިއުލްތައް ވިއްކާލަން ނިންމެވީ މުއްދަތު ހަމަވެ މުޅިން ކަރާސީނަށް ބަދަލުވުމުން ކަމަށެވެ.
" ޖެޓްފިއުލް އަކީ ވަކި މުއްދަތެއް ހަމަވުމުން ބޭނުން ނުކުރެވޭ އެއްޗެއް. ހަމަސް ދުވަސް ވުމުން ޖެޓްފިއުލް ބަދަލުވަނީ ކަރާސީނަށް. އަޅުގަނޑުމެން މިފަހަރު މި ކަރާސީނުތައް ވިއްކާލަނީ ތާންގީތައް ހުސްކުރަން ވެގެން." އައްބާސް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ތިން އެއާޕޯޓްގައި މިހާރު ހުރި ކަރާސީނަކީ ކުރީގެ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ގެނައި ތެޔޮ ކަމަށާއި އެ ތޮޔޮ ތާންގިތައް ހުސްކުރަން އެ ކުންފުންޏާ ވާހަކަ ދެއްކުމުން ތެޔޮތައް ވިއްކާލަން ބުނެފައިވާ ކަމަށެވެ. މުއްދަތު ހަމަވެފައިވާ މި ތެޔޮތަކަކީ ކަރާސީނުގެ ގޮތުގައި ބޭނުން ކުރަން ރަނގަޅު ތެޔޮ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
ހަނިމާދުއާއި ކައްދޫ އަދި ކާޑެއްދޫގައި ހުރި މުއްދަތު ހަމަވެފައިވާ ޖެޓްފިއުލް ވިއްކުމުގެ ނީލަން އޮނާނީ އަންނަ ބުރާސްފަތި ދުވަހު އެ އެއާޕޯޓްތަކުގަ އެވެ.