ޓެކްސް ނިޒާމް ފުރިހަމަ ކުރުމަށް އިންކަމް ޓެކްސް ނަގަން ޖެހޭ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އަމީތު ވިދާޅުވީ އިންކަމް ޓެކްސް ނުނަގަން އުޅޭ ސަބަބު ސާފްވާން ބޭނުންވާ ކަމަށާއި ޓެކްސް ނިޒާމް ފުރިހަމަވުމަށް އިންކަމް ޓެކްސް ނަގަންޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އަމީތު ވިދާޅުވީ އިންކަމް ޓެކްސް ނުނެގިގެން ގުޅޭ ސަބަބު ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މަޖިލީހަށް ސާފުކޮށްދެންޖެހޭނެ ކަމަށެވެ.

"ސުވާލަކީ ކީއްވެގެންތޯ އަޅުގަނޑުމެންނަށް އިންކަމް ޓެކްސް ތައާރަފް ނުކުރެވިގެން މިއުޅެނީ؟ ނުކުރެވިގެން އުޅޭ ސަބަބެއް އުޅޭނަމަ ފިނޭންސް މިނިސްޓަރު އެބަޖެހޭ އެސަބަބެއް މިކޮމެޓީގައި އެކަން ސާފްކޮށްދެއްވަން." އަމީތު ވިދާޅުވިއެވެ.

ބަޖެޓު އަންނައިރު ރަށްތައް ވިއްކައިގެން ނުވަތަ ބިން ހިއްކައިގެން އާމްދަނީ ހޯދުމަށް ބަރޯސާވުމަށްވުރެ ބޮޑަށް ޓެކްސްގެ ނިޒާމް ފުރިހަމަ ކޮށްގެން އާމްދަނީ ހޯދުމަށް ވިސްނަންޖެހޭ ކަމަށް ވެސް އަމީތު ވިދާޅުވިއެވެ.

ބަޖެޓު ކޮމެޓީގައި ވާހަކަ ދައްކަވަމުން ހދ. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ ދައުލަތައް މިވަގުތަށް އާމްދަނީ ހޯދުމަށް އެންމެ ރަނގަޅު ކަމަކީ އިންކަމް ޓެކްސް ތައާރަފްކުރުން، ކަމަށެވެ. އެންމެ ފަގީރު މީހާ އަތުން ޓެކްސް ނެގުމުގެ ބަދަލުގައި މުއްސަދިންނަށް ބައްޓަންކޮށްފައި ޓެކްސްތައް ތައާރަފްކުރަންޖެހޭ ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.

"މިހާރު އާމްދަނީ ހޯދަން އިތުރަށް ޖަހާފައިމިހިރި ހުރިހާ ކަމަކާ އެއްވަރަށް އިންކަމް ޓެކްސް ގާނޫނުން ދައުލަތައް ފައިސާ ވަދެގެންދާނެ،" ގަފޫރު ވިދާޅުވިއެވެ.

މީގެ ފަސް އަހަރު ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި އިންކަމް ޓެކްސް ނެގުމަށް ނިންމާފައިވާ ކަމަށް އިއުލާން ކުރި އެވެ. އިންކަމް ޓެކްސް ނެގުމަށް ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ނަމުގައި މަޖިލީހަށް ބިލެއް ވެސް ހުށަހެޅި އެވެ.