14 Nov 2015, 13:28
އަގުބޮޑު ޕްރޮޑަކްޓްތައް ބޭނުން ނުކުރި ކަމުގައިވިޔަވެސް، ސިއްހަތު ރަނގަޅު ރީތި އިސްތަށިގަނޑެއްގެ ވެރިއަކަށް ތިބާއަށް ވެވިދާނެއެވެ. އެގޮތުން ބަދިގެއިން ލިބެން ހުންނަ ބައެއް އެއްޗެހި ބޭނުންކޮށްގެން އިސްތަށިގަނޑަށް ފަރުވާ ދެވޭނެ ކަން އިނގޭ ހެއްޔެވެ؟
މާމުޔާއި ދޮންކެޔޮ

ދޮންކޭލަކީ އޭގައި ގިނަ އަދަދަކަށް ޕޮޓޭޝިއަމް އެކުލެވިގެންވާ މޭވާއެކެެވެ. ޕޮޓޭޝިއަމް އަކީ އިސްތަށިގަނޑު ރަނގަޅު ސިއްހަތެއްގައި ބެހެއްޓުމަށް ވަރަށް ބޮޑު ދައުރެއް އަދާ ކުރާ މާއްދާއެކެވެ. އަދި ހަމައެއާއި އެކު މާމުޔަކީވެސް އިސްތަށި ފޭބުމަށް ހައްލެއް ހޯދައިދޭ އެއްޗެކެވެ.
އެހެންކަމުން، އެއްވަށް ދޮންކެޔޮ ޗަސް ކޮށްލާށެވެ. އަދި ދޭއް ނުވަތަ ތިން ސަމްސާ މާމުއި ޗަސް ކުރި ދޮންކެޔޮ ތެރެއަށް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު، އިސްތަށިގަނޑުގެ މަތިން ފެށިގެން ތިރިއަށް މި ޕޭސްޓް ހާކާލާށެވެ. އަދި 15 ނުވަތަ 20 މިނިޓު ވަންދެން ބެހެއްޓުމަށްފަހު ހާބަލް ޝޭމްޕޫއެއް ބޭނުންކޮށްގެން އިސްތަށިގަނޑު ދޮވެލާށެވެ.
ބިސް

ޕްރޮޓީން އޭގައި ގިނަ އަދަދަކަށް އެކުލެވޭ ބިހަކީ އިސްތަށިގަނޑަށް ވިދުން ގެނައުމުގެ އިތުރުން އިސްތަށި ފޭބުމަށް ވެސް ހައްލެއްކެވެ.
އެއް ބިސް ރަނގަޅަށް ގިރާލާށެވެ. އަދި ބޭނުންނަމަ އެއަށް ކުޑަ މާމުއި ކޮޅެއް ނުވަތަ ތެޔޮ ކޮޅެއް އެއްކޮށްލާށެވެ. އަދި އޭގެއިން ބޯ މަސާޖު ކޮށްލާށެވެ.
20 ވަރަކަށް މިނެޓްފަހުން ރީތި ފެންފޮދަކުން އިސްތަށިގަނޑު ދޮވެލާށެވެ. އެއަށްފަހު ޝޭމްޕޫއެއް ބޭނުންކޮށްލާށެވެ.
އިސްތަށިގަނޑުން ނުބައި ވަހެއް ދުވި ނަމަވެސް ނަތީޖާ ރަނގަޅުވާނެއެވެ. އަދި މިއީ ހަަފްތާއަކު އެއްފަހަރު އިސްތަށިގަނޑަށް ދޭން ރަނގަޅު ޕްރޮޓީން ޓްރީޓްމަންޓެކެވެ.
ކާށި ކިރު

އިސްތަށި ފޭބުން ހުއްޓުވައި އަދި އިސްތަށިގަނޑު ދިގުކުރުމަށް ބޭނުންވާ ފެޓްސް އާއި ވިޓަމިންސް ގިނަ އަދަދަކަށް އެކުލެވޭ ކާށި ކިރަކީ އާއްމުކޮށް ހުރިހާ ގެއެއްގައި ވެސް ބޭނުން ކުރާ އެއްޗެކެވެ. އަދި މިއީ ފަސޭހަކަމާއެކު ލިބެން ހުންނަ އެއްޗަކަށްވުމުން އިސްތަށި ފޭބުން ފަދަ މައްސަލަ ހައްލު ކުރުމަށް ކާށި ކިރު ބޭނުން ކުރެވިދާނެ އެވެ.
އެގޮތުން ކާށި ކިރު އިސްތަށިގަނޑާއި ބޮލުގައި ހޭކުމަށް ފަހު 20 ވަރަކަށް މިނުޓް ވަންދެން ބަހައްޓާށެވެ. އެއަަށްފަހު ޝޭމްޕޫ ބޭނުންކޮށްގެން ދޮވެލާށެވެ.
ފިޔައާއި އަލުވި

އިސްތަށިގަނޑު ގެ އަނަރޫފަކަން ފިލުވައި އިސްތަށިގަނޑު އަވަހަށް ދިގުކުރަން ބޭނުން ނަމަ ފިޔައާއި އަލުވި ބޭނުން ކުރާށެވެ. ފިޔައަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިންސް ހިމެނޭ ތަރުކާރީއަކަށް ވާއިރު، އަލުވީގައިވެސް އިސްތަށިގަނޑު ދިގުކުރުމަށް ބޭނުންވާ މާއްދާއެއް ކަމަށްވާ ސަލްފަރ ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ.
އެގޮތުން ފިޔައަކާއި އަލުވިއެއް ގެ ދިޔަ ފެލާލާށެވެ. އަދި ބޭނުން ނަމަ އެއަށް ކުޑަ މާމުއި ކޮޅެއް އެއްކޮށްލާށެވެ. އެއަށްފަހު ބޮލުގައި ހާކާލާށެވެ. އަދި ބޯ ނިވާ ކޮށްފަ ބަހައްޓާށެވެ.
ގާތްގަނޑަކަށް 30 ވަންދެން މިގޮތަށް ބެހެއްޓުމަށްފަހު، ފެންކޮޅަކުން ދޮވެލާށެވެ. އަދި ކޮންމެ ހަފްތާއަކު އެއްފަހަރި މި ޓްރީޓްމަންޓް ނަގާށެވެ. ދުވަސްކޮޅަކުން ނަތީޖާ ފެންނާނެއެވެ.
ގޭގެ ބަދިގެއިން ލިބެން އާއްމުކޮށް ލިބެން ހުންނަ މި ތަކެތި ބޭނުންކޮށްގެން ތިބާގެ އިސްތަށިގަނޑު ދުޅަހެޔޮކަން އިތުރު ކުރެވޭއިރު، އަގުބޮޑެތިހާ ޝޭމްޕޫތަކާއި، ޓްރީޓްމަންޓްތައް ބޭނުން ކުރުން ކޮންމެހެން މުހިއްމު ހެއްޔެވެ؟
ސޯސް: ޓޮޕް ޓެން ހޯމް ރެމެޑީސް އަދި ލެޓް ހައު ދަ އަލްޓިމޭޓް ގައިޑް