ދުނިޔޭގެ ހަކުރުބަލި ދުވަހާއި އަދި މޫދު ކަސްރަތު ދުވަހާ ގުޅުވައިގެން ތިން ގަޑިއިރުގެ މޫދު ކުޅިވަރުގެ ހަރަކާތެއް ހުޅުމާލޭގައި ބާއްވައިފި އެވެ.

މި އަހަރުގެ ޝިއާރަކީ "ލެސް ޝުގާ މޯ ވޯޓާ" އެވެ.

ޑައިބެޓިކްސް ސޮސައިޓީ އޮފް މޯލްޑިވްސް އިން އިންތިޒާމްކުރި މޫދު ކަސްރަތު ޕްރޮގްރާމްގައި އިރުޝާދު ދީފައި ވަނީ ގުލޯފިޓްގެ އިންސްޓްރަކްޝަނުންނެވެ.

ހުޅުމާލޭބީޗުގައި މިއަދު ހެނދުނު 9:00 އިން ފެށި މޫދު ކަސްރަތުގައި ބޮޑެތި މީހުންގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ބައިވެރިވެފައިވެ އެވެ.

އާންމުކޮށް ހުޅުވާލައިގެން އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންނާއި އެމްއެންއެޑީއެފްގެ އިތުރުން ރެޑްކްރޮސްގެ އެހީތެރިކަމާ އެކު އެވެ.

ދުނިޔޭގައި ފާހަގަ ކުރާ ހަކުރުބަލި ދުވަހާއި އަދި މޫދު ކަސްރަތު ދުވަހާ ގުޅިގެން ރާއްޖޭގައި ވެސް މޫދު ކަސްރަތު ކުރިއަށްގެންދިޔަ އިރު، އެ ހަރަކާތް މިއަދު ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.