14 Nov 2015, 13:17
ހޮޓެލް ޖެންގެ ފަރާތުން ޑައުން ސިންޑްރޯމް އެސޯސިއޭޝަނަށް ފައިސާގެ އެހީ ދީފި އެވެ.
ހޮޓެލް ޖެންގެ ފަރާތުން ޑައުންސިންޑްރޯމް އެސޯސިއޭޝަނަށް ހަދިޔާކޮށްފައި ވަނީ 35،000 ރުފިޔާ އެވެ.
ހޮޓެލް ޖެން އިން ބުނީ އެ ފައިސާއަކީ މިދިޔަ އޮކްޓޯބަރު މަހު 25 އިން 27 އަށް އެ ހޮޓަލުގެ ސްޓާފުން އިސްނަގައިގެން މާލެތެރެއަށް ނުކުމެ ކުރިއަށް ގެންދިޔަ ސްޓިކާ ވިއްކުމުގެ ހަރަކާތުގެ ތެރެއިން ލިބުނު ފައިސާ ކަމަށެވެ.
ޑައުން ސިންޑްރޯމް އެސޯސިއޭޝަނަށް ފައިސާ ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޖެން
އެގޮތުން ތިން ދުވަހަކަށް ބަހާލައިގެން ހޮޓެލް ޖެންގެ ޓީމުތަކުން މާލެތެރެއަށް ނުކުމެ، ކޮންމެ ދުވަހަކު ކޮންމެ ޓީމަކުން ވަނީ 100 ސްޓިކާ ވިއްކައިފަ އެވެ.
ހޮޓެލް ޖެންގެ ޖެނެރަލް މެނޭޖަރު ވަތުސަލާ ސަބްރަމާނިއަމް ވިދާޅުވީ، ޑައުން ސިންޑްރޯމް ކުދިންނަށް އަދި އެ ކުދިންގެ ކަންކަން ބަލަހައްޓާ އެސޯސިއޭޝަންތަކަށް އެހީވުމަކީ އެ ހޮޓަލުގެ ސްޓާފުން ކޮންމެ އަހަރަކު ވެސް އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ފަރާތްތަކަށް އެހީވުމުގައި ދެމި ތިބޭނެ ކަމަށެވެ.
ޑައުން ސިންޑްރޯމް އެސޯސިއޭޝަނަށް ފައިސާ ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޖެން
ޑައުން ސިންޑްރޯމް އެސޯސިއޭޝަންގެ ޓީޗަރުންނަކީ ކުދިންނަށް އަޅާލާ އަދި އޯގާތެރި، ހުނަރުވެރި ބައެއްކަން ފާހަގަކޮށް އެ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ހޮޓެލް ޖެން އިން މަރުހަބާ ކިޔައެވެ.
ޑައުންސިންޑްރޯމް އެސޯސިއޭޝަނުން ބުނީ ހޮޓެލް ޖެންގެ ފަރާތުން ހުރިހާ ކަމެއްގައި ލިބެމުން އަންނަ ފުރިހަމަ އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށެވެ.