14 Nov 2015, 12:43
ފުރާންސުގެ ޕެރިހުގައި ދިން ހަމަލާތައް ކުށްވެރި ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުރާންސުގެ ރައީސް ފުރާންސުވާ އޮލެންޑަށް ތައުޒިއާ ވިދާޅުވެ، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސް ޔާމީންގެ މެސެޖުގައި ވަނީ ޕެރިސްގެ ކުށެއް ނެތް އާންމުންނަށް ދިން ޓެރަރިސްޓު ހަމަލާ ކުށްވެރި ކުރައްވާފަ އެވެ. އަދި ޓެރަރިޒަމް ނައްތާލުމަށްޓަކައި ފުރާންސާއި ބައިނަލްއަގްވާމީ ޖަމާއަތުން ކުރާ މަސައްކަތްތަކަށް ތަރުހީބު ދިނުމުގައި ރާއްޖެ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
"ބާޓާކްލޭން ކޮންސާޓް ހޯލް އާއި ޕެރިހުގެ އެކި ސަރަހައްދުތަކުގައި ހިންގި ޖަރީމާތައް ކުށްވެރިކުރުމުގައި އަޅުގަނޑާއެކު ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުން ބައިވެރިވޭ،" ރައީސްގެ މެސެޖުގައިވެ އެވެ.
މީގެ އިތުރުން ރައީސް ވަނީ ފުރާންސްގެ ރައީސްއަށާއި ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރައްވައި، ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ރާއްޖޭގެ ފަރާތުން ތައުޒިޔާ ވިދާޅުވެފަ އެވެ.