މާލީ އަދި މެނޭޖުމެންޓްގެ މައްސަލަތަކާ ގުޅިގެން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފިލްމް ފެސްޓިވަލް "ޓްރޮޕްފެސްޓް" މި އަހަރު ކެންސަލް ކޮށްލައިފި އެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓްރޮޕްފެސްޓް ކެންސަލްކޮށްލާފައިވާ އިރު އެ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އޮސްޓްރޭލިއާ، ސިޑްނީގެ ސެންޓެނިއަލް ޕާކުގަ އެވެ.

ބޮޑެތި ކޮންސާޓް ފަދަ އިވެންޓުތަކުގައި މީހުން ބައިވެރިވާ އަދަދަށް އާންމުން ބައިވެރިވާ އެ ފެސްޓިވަލް މިއަހަރު ފެށުމަށް ކުރިން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ ހައެއްގަ އެވެ.

ޓްރޮޕްފެސްޓް ކެންސަލް ކުރުމާ ބޭހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެ ފެސްޓިވަލްގެ ފައުންޑަރު އަދި ޑިރެކްޓަރު ޖޯން ޕޯލްސަން ވިދާޅުވީ ފެސްޓިވަލް ކެންސަލް ކުރުމުން ހިތާމަ ކުރާ ކަމަށާއި އިވެންޓް މެނޭޖްމެންޓުގެ ކަންތައް ހުރިގޮތުން މާލީ ދަތިތައް ކުރިމަތިވީ ކަމަށެވެ.

"މެނޭޖްމެންޓްގެ ފަރުވާކުޑަ ކަމުން ފެސްޓިވަލް ކެންސަލް ކޮށްލަން ޖެހުނަސް އެ އިވެންޓަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އިވެންޓެއް. އިވެންޓް ކެންސަލް ކޮށްލުން އެއީ އަޅުގަނޑު ވަރަށް ހައިރާންވި ކަމެއް،" ޕޯލްސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެނޭޖްމެންޓް ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ކެފޭއެއްގައި ދައްކަން ފެށި އެ ފެސްޓިވަލްގެ މަގުބޫލުކަން އިތުރުވަމުންގޮސް މިހާރު އެ ފެސްޓިވަލް ބެލުމަށް އަހަރަކު 150،000 ވަރަކަށް މީހުން ދާ ކަމަށް ޕޯލްސަން ވިދާޅުވި އެވެ. އޮސްޓްރޭލިއާ އިން އުފެދިގެން އައި ޓްރޮޕްފެސްޓްގެ ނަމުގައި އެކި ގައުމުތަކުގައި ވެސް "ސްޕިން-އޮފް" ފެސްޓިވަލްތައް އަންނަނީ މިހާރު ބާއްވަމުންނެވެ.