04 Apr 2011, 13:57
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓަށް އަހަން ކުޑަތަންވެފައި ވަނިކޮށް 20،000ރ. ކޮމިޓީ އެލަނަވަންސް އުނި ކުރުމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހްމަދު ދީދީ ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގަރާރަށް ބަހުސް ކުރުމަށް ހަމަޖެހިފައިވާ ވަގުތުގައި، ގަރާރު އަނބުރައި ގެންދަވަމުން މާރިޔާ ވިދާޅުވީ، އެ ގަރާރު އަނބުރާ ގެންދެވީ، ޕާލަމެންޓްރީ ގްރޫޕުން އެ ގަރާރު އަނބުރާ ގެންދިއުމަށް އެންގެވުމުން ކަމަށެވެ. އަދި އެކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މާރިޔާ ފޮނުއްވި ސިޓީ ގައި 20،000ރ. ގެ އެލަވަންސް ނަންގަވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެފައިވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
" އަޅުގަނޑަކީ އަބަދުވެސް ޕާޓީގެ އެންގުންތަކާއި ޕާޓީގެ ގުނަންތަކުގެ އެންގުންތަކަށް ބޯލަނބާނެ މީހެއް. އަޅުގަނޑު އެ ގަރާރު ހުށަހަޅާފައި ވަނީ އޭރު ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ގަވާއިދުގައި ގަރާރަކީ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްގެން ހުށަހަޅަންޖެހޭ ގަރާރެއްކަމަށް ލިޔެފައި ނުވާތީ. ގަރާރާއެކީ އަޅުގަނޑު މި ހިސާބަށް އައިސް އަދި ޕާލަމެންޓްރީ ގްރޫޕުން ވިޕްލައިނަކީ ފްރީ ވިޕެއްކަމަށް ނިންމާފައި ވަނިކޮށް އިއްޔެ ޕާލަމެންޓްރީ ގްރޫޕްގައި ނިންމާފައިވަނީ މި ގަރާރު އަނބުރާ ގެންދަންޖެހޭނެ ކަމަށް. ވީމާ އަޅުގަނޑު މިގަރާރު އަނބުރާ ގެންދަން،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ، 20،000ރ. ގެ އެލަވަންސް ހިމަނައިގެން ދައުލަތުގެ މުސާރައިގެ އޮނިގަނޑު މަޖިލީހުން ފާސްކުރި ދުވަހު، އެ އޮނިގަނޑާ އިދިކޮޅަށް ވޯޓުލެއްވި މެންބަރުންނާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންވެސް އެ އެލަވަންސް ނުނަންގަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އެ ރިޕޯޓް ފާސްކުރިއިރު އެ ނެގުމަށް ފެނިވަޑައި ނުގަންނަވާ މެންބަރުން ވެސް އެ އެލަވަންސް ނުނަންގަވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން. އަދި އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕުގެ ބޭފުޅުން ވެސް ރައްޔިތުންގެ ވިންދާ ފިކުރަށް ވިސްނަވައި، މިހާތަނަށް އެ އެލަވަންސުން އެންމެން ފައިސާ ފޮއްޗެ ލިބިފައި ނުވާއިރު އެފައިސާ އުނިކޮށް ދިނުމަށް މަޖިލީހުގައި އެދިވަޑައިގަންނަވާ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ މިގަރާރު އަނބުރައި ބގެންދަވާފައި ވަނީ ގަރާރަށް ރައްޔިތުންގެ މަޖިލީހުގައި ތިން ދުވަހު ބަހުސް ކުރުމަށްފަހުގަ އެވެ.
ގަރާރު އަނބުރާ ގެންދެވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފު ވިދާޅުވީ، 20،000ރ. ގެ އެލަވަންސް އުނި ކުރުމަށް އޭނާ އަލުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ގަރާރަށް ބަހުސް ކުރިއަށް ދިޔައިރު، މަހްލޫފުވަނީ އެ ގަރާރު ފާސްކުރެއްވުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވައި ވާހަކަ ދައްކަވައިފަ އެވެ.
މިއަދުގެ ޖަލްސާގައި ގަރާރު އަނބުރާ ގެންދިއުމުން އިރިކޮޅު ބައެއް މެންބަރުން ވިދާޅުވެފައި ވަނީ 20000ރ.ގެ އެލަވަންސް ބޭނުން ނުކުރެއްވުމަށް މާރިޔާ ނިންމެވީ، އެކަމުގައި މަޖިލީހުގެ އެތައް ވަގުތުތަކެއް ބޭކާރު ކުރުމުގެ ސަބަބުން އެތައް ފައިސާތަކެއް ބޭކާރުކޮށްލުމަށް ފަހުގައި ކަމަށެވެ.
"މަޖިލީހޖުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ބިނާކުރަނިވި ގޮތެއްގައި ދާން ޖެހޭނެ. ނަމަވެސް ފެންނަމުން މިދަނީ ވިހި ހާސް ރުފިޔާގެ ވާހަކަ ދައްކަމުން އެތައް މިލިޔަން ރުފިޔާއަކަށް އަރާވަރަށް އެމްޑީޕީން ވަގުތު ބޭކާރު ކުރަމުންދާތަން." ކެލާ ދާއިރާގެ ޑރ. އަބުދުﷲ މައުސޫމް ވިދާޅުވި އެވެ.