އިސްލާމިކް ސްޓޭޓުން ރަހީނު ކޮށްފައިވާ މީހުންގެ ކަރު ބުރި ކުރާ ވީޑިއޯތަކުން އާއްމުންނަށް އެނގިފައިވާ ޖިހާދީ ޖޯން، އެމެރިކާ އިން ބުރާސްފަތި ދުވަހު ސީރިޔާގެ ރައްގާ އަށް ދިން ޑުރޯން ހަމަލާއެއްގެ ސަބަބުން މަރުވެއްޖެ ކަމަށް "ކޮންމެވެސް ވަރަކަށް ކަށަވަރު"ވާ ކަމަށް އެމެރިކާ އިން އިއްޔެ ބުނެފި އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުން ބުނާ ގޮތުގައި، މުހައްމަދު އިމްވާޒީ ނަމަކަށް ކިޔާ ޓެރަރިސްޓު މަރުވެއްޖެ ނަމަ، އެ ކަން ވާނީ އައިއެސް އަށް އަންނަ ބޮޑު ލޮޅުމަކަށެވެ.

"ހަމަލާ ކާމިޔާބު ވިކަން އަދި ކަށަވަރު ނުވޭ ނަމަވެސް އެ ހަމަލާ ކާމިޔާބުވީ ނަމަ، ހަމަލާ އެ ދެވުނި ސީދާ އައިއެސްގެ ހިތަށް،" އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން ވިދާޅުވި އެވެ.

ގިނަ މަސްތަކެއް ވަންދެން ތައްޔާރު ވުމަށް ފަހު އެމެރިކާ އިން ދިން މިސައިލް ހަމަލާ ދީފައި ވަނި ޖިހާދީ ޖޯން ހުރިކަމަށް ބެލެވޭކާރަކަށް ކަމަށް އެމެރިކާ އަސްކަރިއްޔާގެ ކާނަލް ސްޓީވް ވަރެން ވިދާޅުވި އެވެ. އެ ހަމަލާގެ ސަބަބުން އުޅަނދުގައި ހުރި އިތުރު މީހަކު ވެސް މަރުވި ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް ސްޓޭޓުގެ ހަނގުރާމަވެރިއަކު ވަނީ ސީރިޔާގެ ރައްގާގައި ހުންނަ އެ ޖަމާއަތުގެ ހެޑްކުއާޓާސް އަށް ހަމަލާއެއް ދީފައިވާ ކަން އިންޓަނެޓު މެދުވެރިކޮށް ޔަގީން ކޮށްދީފައި އެވެ. ނަމަވެސް އެ ޖަމާއަތުން މަރުވާ 'އަޚުން'ގެ މައުލޫމާތު އާއްމު ނުކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުން ޖިހާދީ ޖޯން މަރާލުމަކީ ބޮޑު ކާމިޔާބީ އެއްގެ ގޮތުގައި ދެކުނު ނަމަވެސް ކަމާ ބެހޭ މުހައްލިލުން ބުނާ ގޮތުގައި ޖިހާދީ ޖޯން އަކީ އައިއެސްގެ އަސްކަރިއްޔާގެ އިސް މީހެއް ކަމުގައި ނުވުމުން އޭނާ މަރުވުމަކީ އައިއެސް އަށް މާ ބޮޑު ގެއްލުމެއް ވާނެ ކަމެއް ނޫނެވެ.

ޖިހާދީ ޖޯން ނުވަތަ މުހައްމަދު އިމްވާޒީގެ މައުލޫމާތު މި އަހަރުގެ ފެބްރުއަރީ މަހު މީޑިއާ އިން އާންމު ކުރުމުގެ ފަހުން އައިއެސްގެ ވީޑިއޯތަކުން އޭނާ ފެނިފައި ނުވެ އެވެ.

މައުލޫމާތު: ރޮއިޓާސް