14 Nov 2015, 11:22
ފޭސްބުކްގެ މެސޭޖިން އެޕްލިކޭޝަން މެދުވެރިކޮށް ފޮނުވާ މެސެޖުތަށް ވަކި ހިނދުކޮޅެއްގެ ތެރޭ ގެއްލޭ ގޮތަށް ނުވަތަ "ސެލްފް ޑިސްޓްރަކްޓް"ވާ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޭސްބުކް އިން ބުނެފިއެވެ.
މެސެންޖާއިން ކުރާ މެސެޖުތައް ގަޑިއިރެއްގެ މުއްދަތަށް ހުންނަ ގޮތަށް ހެދޭ އެ ހިދުމަތަކީ މަޝްހޫރު ސޯޝަލް ނެޓްވޯކް "ސްނެޕްޗެޓް"އަށް ހާއްސަ ފީޗާއެކެވެ.
އެ ހިދުމަތް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ފްރާންސްގެ ބައެއް އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކަށް އެ ހިދުމަތް މިހާރު ލިބޭނެ އެވެެ.
"މެސެންޖާ ބޭނުންކޮށްގެން މުއާސަލާތު ކުރާއިރު ގެއްލޭ މެސެޖުތަކެއް ކުރެވެން ފެށުމުން މެސެޖިންއަށް އިތުރު މަޖާ ކަމެއް އަންނާނެ. އަޅުގަނޑުމެން އުއްމީދު ކުރަން މި ހިދުމަތަކީ ގިނަ ފަރާތްތަކަށް ކަމުދާނެ ހިދުމަތެއް ކަަމަށް. އަދި އާންމު ފަރާތްތަކުން މި ހިދުމަތާ މެދު ދެކޭގޮތް އެނގިގެންދާނެ،" ހިދުމަތާ ބެހޭގޮތުން ފޭސްބުކް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މެސެޖުތަކުގައި އާކައިވް ވަގުތުކޮޅަކަށް ހުންނަ ގޮތަށް ހެދުމަށްޓަކާ މެސެންޖާ އެޕްގެ ކޮންވަޒޭޝަން ތްރެޑުގައި އިންނަ ހާއްސަ އައިކަން އަކަށް ފިތާލަން ޖެހޭނެ އެވެ. ކޮންވަޒޭޝަންގައި ހިމެނޭ ކޮންމެ ފަރާތަކަށް ވެސް އެ ހިދުމަތް މެދުކަނޑާލެވޭނެއެވެ.
ސްނެޕްޗެޓާ ވާދަކުރުމުގެ ގޮތުން ތައާރަފުކުރާ އެ އެހިދުމަތް އެކި ގޮތްގޮތުގައި ގިނަ ޕްލެޓްފޯމުތަކުގައި ބޭނުން ކުރެއެވެ. އެގޮތުން ސޯޝަލް ނެޓްވޯކެއް ކަމަށްވާ "ލައިން"ގައި "ހިޑެން ޗެޓްސް"ގެ ނަމުގައި ވަނީ އެފަދަ ހިދުމަތެއް ތައާރަފުކޮށްފައެވެ. "އެންކްރިޕްޓް" ކޮށްފައި ހުންނަ މެސެޖުތައް ފޮނުވޭ ގޮތަށް ހެދޭ އެ ހިދުމަތުގައި ވެސް ވަކި މުއްދަތަކަށް މެސެޖުތައް ހުންނަ ގޮތަށް ހެދޭނެ އެވެ.