14 Nov 2015, 10:34
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޯޔަރުކަން ކުރައްވަމުންގެންދެވި އަލީ ނަދީމް އެމަނިކުފާނުގެ ލޯޔަރު ކަމުން ވަކިވެއްޖެ އެވެ.
އަދީބުގެ ލޯޔަރުކަމުން ވަކިވިކަން ނަދީމް ވަނީ 'ސަން' އަށް ކަށަވަރުކޮށް ދެއްވާފަ އެވެ. ވަކިވި ސަބަބެއް ކަމަށް ނަދީމް ވިދާޅުވީ "މިހާރުގެ ހާލަތު އޮތް ގޮތުން ކުރިއަށް ދެވެން ނެތިގެން" ކަމަށެވެ.
އަދީބުގެ ވަކީލު ނަދީމު ވަނީ އެމަނިކުފާނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންދާ މައްސަލައާ ގުޅުން ނެތް ލިޔުމެއް އަދީބާ ހިއްސާކުރުމަށް މަސައްކަތްކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން އަދީބާ ބައްދަލުކުރުމުގެ ފުރުސަތު ފުލުހުން ވަނީ ނަދީމަށް ބަންދުކޮށްފަ އެވެ.
އަދީބާ ބައްދަލު ކުރުމުގެ ފުރުޞަތު ވަގުތީ ގޮތުން ނަދީމަށް ނުދޭން ނިންމާފައި ވަނީ ފުލުހުންގެ ޤާނޫނު 2008/5 ގެ 17 ވަނަ މާއްދާގެ (ނ) ން ބާރުލިބިގެން ހަދާފައިވާ ޢާއްމު ޤަވާޢިދުގެ 34 ވަނަ މާއްދާގެ (މ) އާއި އެ ޤާނޫނީ ވަކީލު ޚިލާފުވެފައި ވާތީ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އާންމު ގަވާއިދުގެ 34 ވަނަ މާއްދާގެ (މ)
- ޕޮލިސް ކަސްޓަޑީގައި ހައްޔަރުގައިވާ މީހަކާ ބައްދަލުކުރުމަށް ޒިޔާރަތްކުރާ އެއްވެސް މީހަކު ގަވައިދާ ހިލާފަށް އެއްވެސް އެއްޗެއް ޕޮލިސް ކަސްޓަޑީއަށް އެތެރެކޮށްފި ނަމަ ހައްޔަރުގައިވާ އެއްވެސް މީހަކާ އިތުރަށް ބައްދަލު ކުރުމުގެ ފުރުސަތު އެފަދަ މީހަކަށް ނުދިނުމުގެ އިހުތިޔާރު އެކަސްޓަޑީއާ ހަވާލުވެ ހުރެ އިންޗާޖަށް ލިބިގެންވެ އެވެ.
އަދީބުގެ ގާނޫނީ ވަކީލް ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ ފުލުހުން ތުހުމަތު ކުރާ ގާނޫނާ ހިލާފު ލިޔުމަކީ ރައްޔިތުންގެ މަޖިލީހުގައި އަދީބުގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓަކީ ގާނޫނާ ހިލާފު ވޯޓެއް ކަމަށް ބުނެ އަދީބުގެ ފަރާތުން އެމްޑީޕީ އަށް ފޮނުވި ސިޓީގެ ޖަވާބު ކަމަށެވެ.
"ސިޓީގެ ޖަވާބަކަށް އެމްޑީޕީން ބުނެފައި ވަނީ ވޯޓަކީ ގާނޫނާ ހިލާފު ވޯޓަކަށްވުމުން އެމްޑީޕީން އެ ވޯޓުގައި ބައިވެރިވެފައި ނުވާނެ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.
ގާނޫނާ ހިލާފު އެއްވެސް ލިޔުމެއް ނުވަތަ ލަފުޒެއް ވެސް އޭގައި ހިމެނިފައި ނުވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށް ދޫނިދޫ އަށް ގެންގޮސްފައި ވަނީ ރައީށް ޔާމީންގެ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތުހުމަތުގަ އެވެ.