14 Nov 2015, 10:57
ފީފާގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބްގައި ޔޫއެފާގެ ރައީސް އަދި ފީފާގެ ނާއިބް ރައީސެއް ކަމަށްވާ ފްރާންސްގެ ކުރީގެ ކެޕްޓަން މިޝޭލް ޕްލެޓިނީ ޝަރުތު ހަމަނުވާ ކަމަށް ނިންމައި ފީފާގެ ރައީސްކަމަށް ވާދަކުރާނެ ފަސް ކެނޑިޑޭޓުން ސޯޓްލިސްޓް ކޮށްފި އެވެ.
އަންނަ ފެބްރުއަރީ މަހު ބާއްވާ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސްއަކު ހޮވުމަށް ބާއްވާ އިންތިހާބްގައި ޝަރުތުހަމަވާ ކަމަށް އެ އިދާރާގެ އިންތިހާބީ ކޮމިޓީން ނިންމި ފަސް ކެނޑިޑޭޓުންނަކީ ފީފާގެ ކުރީގެ ނާއިބް ރައީސް އުރުދުންގެ ޕްރިންސް އަލީ ބިން އަލްހުސައިން އާއި އޭޝިޔާގެ ފުޓްބޯޅް ޖަމިއްޔާގެ ރައީސް ބަހުރޭނުގެ ޝައިހް ސަލްމާންބިން އިބްރާހީމް އަލްހަލީފާ އާއި ޔުއެފާގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަނީޓޯ އާއި ނެދަލޭންޑްސްގެ ޖެރޯމް ޝެމްޕޭނާއި ސައުތުއެފްރިކާގެ ޓޯކްޔޯ ސެކްވާލޭ އެވެ.
ފީފާ އިން ބުނީ ކެންޑިޑޭޓުން ހޮވީ ފީފާގެ އިންތިހާބީ ގަވާއިދާއި ފީފާގެ ގަވާއިދުގައިވާ ޝަރުތުތަކަށް ބަލައިގެން ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައި ނުވުމާއި ގާނޫނީ ކުށެއްކޮށްފައިނުވުމާއި ދަރަނިވެރިވެފައިނުވުމެވެ. މީގެ އިތުރުން މީޑިއާތަކުން އެމީހަކާ މެދު ކޮށްފައިވާ ރިޕޯޓްތަކަށް ވެސް ބަލާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަކަރާއި ހީލަތް ހެދުމާއި މެޗު ފައިސާދީގެން މެޗުގެ ނަތީޖާ ބަދަލު ކުރުމާއި އިންސާނީ ހައްގަކަށް އަރައިގަތުން ފަދަ ކަމެއްގައި ތުހުމަތެއް ކުރެވިފައިވޭތޯ ބެލުމެވެ.
ފީފާ އިން ބުނީ އެ ޖަމާއަތުން ކެނޑިޑޭޓުންގެ ގޮތުގައި ބަލާފައި ވަނީ މި ޝަރުތުތައް ހަމަވާ މީހުން ކަމަށާއި ފީފާގެ ނިންމުމާ މެދު އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މިހާރުގެ ރައީސް ސެޕް ބްލެޓާ އަށް ފަހު ފީފާގެ ރައީސް ކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ޕްލެޓީނީ އިންތިހާބަށް ކުރިމަތިލެއްވި ނަމަވެސް އޭނާ ޝަތުރުހަމަނުވާ ކަމަށް ނިންމީ ރިޝަވަތުގެ ތުހުމަތުގައި ފީފާގެ އެތިކްސް ކޮމިޓީން އޭނާ ސަސްޕެންޑްކޮށްފައި ހުރުމުންނެވެ.
ދުނިޔޭގެ ކުރީގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ފްރާންސްގެ ކުރީގެ ކޯޗު ސަސްޕެންޑްކުރީ ފީފާގެ ރައީސް ސެޕް ބްލެޓާއާއެކުގަ އެވެ. އެއީ މި ދެ ބޭފުޅުން ރިޝްވަތުދީފައިވާ ކަމުގެ ތުހުމަތުގަ އެވެ. މި ގޮތުން ފީފާ އިން ކުރާ ތުހުމަތަކީ ބްލެޓާ ސޮއިކޮށް 2011 ވަނަ އަހަރު ޕްލެޓިނީ އަށް ދީފައިވާ 1.5 މިލިއަން ޕައުންޑްގެ މައްސަލަ އެވެ. ނަމަވެސް މިކަމަށް އިންކާރު ކުރައްވަމުން ދެ ބޭފުޅުން ވެސް ވިދާޅުވަނީ ގޯސް އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އެއީ ބްލެޓާގެ އެޑްވައިޒަރަކަށް ޕްލެޓިނީ ހުންނަވައިގެން 2001 ވަނަ އަހަރު ކުރި މަސައްކަތެއްގެ އުޖޫރަ ކަމަށެވެ.
ފީފާ އަށް އާ ރައީސަކު ހޮވަން އިންތިހާބު މިބާއްވަނީ 1998 ވަނަ އަހަރުން ފެށިގެން ރައީސްކަން ކުރައްވަމުން އަންނަ ބްލެޓާ ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް މިދިޔަ މޭމަހު ހޮވިވަޑައިގަތްތާ ތިން ދުވަސް ފަހުން އިސްތިއުފާ ދެއްވަން ނިންމެވުމުންނެވެ.