14 Nov 2015, 10:02
ވޮޝިންޓަން (ނޮވެމްބަރު 14) : އެމެރިކާއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑު ސޫރިޔާގެ އުތުރަށް ދިން ޙަމަލާތަކެއްގައި މަރުވި މީހުންގެ ތެރޭގައި އައިއެސް ޖަމާއަތުގެ ޖައްލާދު ޖިހާދީ ޖޯން (މުހައްމަދު އިމްވާޒީ) ހިމެނޭ ކަމަށް މިކަން ތަހްގީގްކުރާ އެމެރިކާ ސިފައިންގެ ޓީމުން ބުނެފި އެވެ.
އެޓީމުން ބުނީ ސޫރިޔާގެ އުތުރުގެ އައްރިއްގާ އަށް އެމެރިކާގެ ޑްރޯން މަތިންދާބޯޓަކުން ދިން ހަމަލާތަކުގައި މަރުވިމީހުންގެ ހަށިތަކުގެ ތެރޭގައި އިމްވާޒީގެ ހަށިގަނޑު ހިމެނޭކަން ޖާސޫސީ މައުލުމާތުން މިހާރު ސާފުވެފައިވާ ކަމުގަ އެވެ. ނަމަވެސް އެމެރިކާގެ އިސް މަސްއޫލުވެރިއަކު މިކަން ކަށަވަރުކޮށްދެއްވާފައެއް ނުވެ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވެފައި ވަނީ އެމެރިކާ އިން ސޫރިޔާއަށް ދިން ތިން ޙަމަލާގައި މަރުވި މީހުންގެ ތެރޭގައި އިމްވާޒީ ހިމެނޭތޯ ބެލުމަށް ޖާސޫސީ ގޮތުންނާއި އެނޫން ވެސް ގޮތްގޮތުން މަސައްކަތް ކުރަމުންގެންދާ ކަމުގައެވެ.
މިޙަމަލާތައްދިނީ އިނގިރޭސިވިލާތާ ވެސް ގުޅިގެންކަމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވިދާޅުވި ނަމަވެސް އެމެރިކާ ބުނެފައި ވަނީ މިއީ އެމެރިކާގެ ހަމަލާތަކެއް ކަމުގަ އެވެ. އިނގިރޭސި ޚާރިޖީ ވަޒީރު ފިލިޕް ހާމޮންޑް ވިދާޅުވީ އެމެރިކާގެ ހަމަލާތަކުގައި އައިއެސް ޖަމާއަތުގެ ޖައްލާދު މުހައްމަދު އިމްވާޒީ މަރުވިކަމަށް ބެލެވޭ ކަމަށާ އެކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމުގައެވެ.
އެމެރިކާއާއި އިނގިރޭސިވިލާތަކީ އިސްލާމީ ދުނިޔެއާ ގުޅިފައިވާ ކަންކަމުގައި ތަކުރާރުކޮށް ދޮގުހަދައި އޮޅުވާލުމުގެ ސަބަބުން ވަރަށް ބޮޑަށް އިތުބާރު ގެއްލިފައިވާ ދެގައުމެވެ. އެހެންކަމުން މިދެގައުމުން ދައްކާ މިބާވަތުގެ ވާހަކަތައް ޚުދު މިދެގައުމުގެ ރައްޔިތުންގެ ގިނަބަޔަކުވެސް ގަބޫލެއް ނުކުރެ އެވެ. އިރާގާއި ސޫރިޔާއަށް ހަމަލާދީ އައިއެސް ޖަމާއަތަށް ބޮޑެތި ގެއްލުންތަކެއް ދޭ ވާހަކަ އެމެރިކާ ދައްކަމުން ގެންދާތާ ދެ އަހަރެއްހާ ދުވަސްވެފައިވެ އެވެ. ނަމަވެސް އައިއެސް ޖަމާއަތް ބާރުގަދަވުން ފިޔަވައި އެހެން ކަމެއް ނުވެ އެވެ. އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ އދ. އަށާއި މުޅި ބައިނަލްއަގްވާމީ މުޖްތަމައަށް ގޮންޖަހާލާފައި އެމެރިކާއާއި އިނގިރޭސިވިލާތުން އިރާގާ ދެކޮޅަށް ހަނގުރާމަކޮށް އިރާގަށް އަރައިގަނެ އެގައުމު ތަޅައި ސުންނާފަތިކޮށްލި އެވެ. ނަމަވެސް އިރާގުން ފަނާކުރަނިވި އެއްވެސް ހަތިޔާރެއް ފެނިފައެއް ނުވެ އެވެ. އުސާމާބިންލާދިން މަރާލިކަމަށް ދެފަހަރެއްގެ މަތިން އެމެރިކާ ބުނެފައިވެ އެވެ. ނަމަވެސް ގިނަ ރިޕޯޓްތައް ބުނަނީ އޭނާ މަރުވެފައިވަނީ ތަބީއީ މަރަކުންކަމުގައެވެ. އައިއެސްގެ ލީޑަރު އަބޫބަކުރުލްބަޣްދާދީ މަރާލިކަމަށްވެސް އެއް ފަހަރަށްވުރެ ގިނަފަހަރު އެމެރިކާ ދައުވާ ކޮށްފައިވެ އެވެ.
އައިއެސް ޖަމާއަތުގެ ޖައްލާދު މުހައްމަދު އިމްވާޒީ (ޖިހާދީ ޖޯން) އަކީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. ކުވައިތަށް އުފަން އިމްވާޒީ ކިޔަވައި ބޮޑުވީ އިނގިރޭސިވިލާތުގަ އެވެ. އޭނާ ކޮމްޕިއުޓަރ އިންޖިނިއަރިންގެ ދާއިރާއިން ޑިގްރީ ހެދިކަމަށްވަނީ ލަންޑަންގެ ވެސްޓްމިނިސްޓަރ ޔުނިވަރސިޓީންނެވެ. އިމްވާޒީ އައިއެސް ޖަމާއަތާ ގުޅުނު ކަމަށްވަނީ 2012 ވަނަ އަހަރުއެވެ. އިމްވާޒީ އަކީ އައިއެސް ޖަމާއަތުން ވަގަށްނަގާމީހުންނާއި އަސީރުންގެ ގޮތުގައި ހައްޔަރުކުރާ މުސްލިމުންނާއި ޣައިރު މުސްލިމުންގެ ކަރުބުރިކޮށް އެމީހުން ކަތިލައިގެން މަރަމުން ގެންދާ ނުރައްކާތެރި ޖައްލާދެވެ. އޭނާގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ގިނަ އަދަދެއްގެ މުސްލިމުންނާއި ޣައިރު މުސްލިމުން ވެފައިވެއެވެ. (ނޫސްއެޖެންސީތައް)