ޕެރިސް (ނޮވެމްބަރު 14)، ބަޑިންނާއި ޖާނުންފިދާވެގެން ފްރާންސް ވެރިރަށް ޕެރިހުގެ އެކި ހިސާބުތަކުގައި ދިން ޓެރަރިސްޓް ހަމަލާތަކެއްގައި މަރުވި މީހުންގެ އަދަދު 140 އަށް ވުރެ މައްޗަށް އަރައި، އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފުރަތަމަ ހަމަލާތައް ބަދަލުކޮށްފައި ވަނީ ޕެރިހުގެ މެދުތެރޭގައި ހުންނަ ބަޓަކްލޭން ކޮންސެޓް މިއުޒިކް ހޯލުގަ އެވެ. އެ ތަނުން އެކަނި ވެސް 100 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. ފުލުހުން ބުނީ ތަފާތު އެތައް ތަނެއްގައި ހަމަލާތައް ދީފައިވާ ކަމަށެވެ.

ޓެރަރިސްޓް ގްރޫޕަކުން ފުރަތަމަ ހަމަލާ ދިނީ، ތިޔޭޓަރުގައި އެމެރިކާގެ ރޮކް މިއުޒިކް ކުޅޭ ގްރޫޕަކުން މިއުޒިކް ކުޅެމުން ދަނިކޮށެވެ. ފުލުހުން ތިއޭޓަރަށް ރެއިޑްކޮށް ބަޑިހިފައިގެން ތިބި ދެ މީހަކު ވަނީ މަރާލައިފަ އެވެ.

ތިޔޭޓަރަށް ދިން ހަމަލާއާ އެކު ޕެރިހުގެ 10 ވަނަ ޑިސްޓްރިކްގައި ހުންނަ ރެސްޓޯރަންޓަކާއި ބާއަކަށް ވެސް ހަމަލާދީ 11 މީހަކު މަރާލާފައިވާ ކަމަށް، އެސޯސިއޭޓް ޕްރެސް (އޭޕީ) އިން ބުންޏެވެ. އަދި ފްރާންސުގެ 'ސްޓޭޓް ދެ ފްރާންސް' ސްޓޭޑިއަމްގައި ޖަރުމަނާއި ފްރާންސުން ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް، އެ ސަރަހައްދުގައި ވެސް ވަނީ އެއްޗެހިތަކެއް ގޮއްވާލައިފަ އެވެ. އަދި ފުލުހުން ބުނީ އެ ހަމަލާގައި ވެސް ތިން މީހަކު މަރުވެފައިވާ ކަމަށެވެ.

ބަޓަކްލޭން ކްލަބް ހުންނަނީ، ކުރިން ހަމަލާތަކެއް ދިން ޗާލޭ ހެބްޑޫ ނޫހުގެ އޮފީހާ މާ ދުރު ނޫން ހިސާބެއްގަ އެވެ. ޗާލޭ ހެބްޑޫ ނޫހަށް ބަޑިހިފައިގެން ތިބި ބަޔަކު މިދިޔަ ޖެނުއަރީ މަހު ދިން ހަމަލާގައި 10 ނޫސްވެރިއަކު ވަނީ މަރާލައިފަ އެވެ. އަދި ދެ ފުލުހަކު މަރާލުމުގެ އިތުރަށް ވަރަށް ގިނަ ބަޔަކު ވަނީ ޒަހަމުވެފަ އެވެ.

އެ ހަމަލާދިން ދިން ދެބެން، ޗެރިފް އަދި ސައިދު ކޯޗީ، ބަޔަކު ރަހީނުކޮށްގެން އުޅެނިކޮށް ދެ ދުވަސް ފަހުން ފުލުން ވަނީ އެ ދެބެން މަރާލައިފަ އެވެ. އެ ހަމަލާގެ ޒިންމާ އުފުލާފައި ވަނީ އަލްގައިދާއާ ގުޅުން އޮންނަ ޔަމަނުގެ ބަޔަކެވެ.

ރޭ ފްރާންސްގައި ދިން ހަމަލާތަކާއި ހެބްޑޫ ނޫހަށް ދިން ހަމަލާތަކާ ގުޅުންވާ ކަމެއް އަދި ނޭނގެ އެވެ. ރޭގެ ހަމަލާތަކަށް ފަހު، ޕެރިހުގައި މީހުން ބޭރަށް ނުކުމެ ނޫޅުމަށް ވަނީ ފުލުހުން އެދިފަ އެވެ. އަދި އެތައް މެޓްރޯ ލައިނެއް ވަނީ ބަންދުކޮށްފަ އެވެ.

ރޭގެ ހަމަލާތަކަށް ފަހު، ފްރާންސްގެ ރައީސް ފްރެންސިސްކޯ ހޮލޭންޑޭ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ބޯޑަރުތައް ބަންދުކޮށްފަ އެވެ. ނަމަވެސް ފޮރިން މިނިސްޓްރީ އިން ބުނީ އެއާޕޯޓް ބަންދު ނުކުރާ ކަމަށެވެ.