ހަކުރު ބަލި ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ކުރުމަށް ސައި ހޮޓާތަކާއި ރެސްޓްރޯންޓް އަދި ސަރުކާރާ އަމިއްލަ އިންސްޓްޓިއުޓްތަކުން، ސައި، ކޮފީ ފަދަ ބުއިންތަކަށް އަޅާ ހަކުރުގެ މިންވަރު މަދުކުރުމަށް އަންގައިފި އެވެ.

ލަންކާގެ ހެލްތު މިނިސްޓްރީން އެގޮތަށް އަންގާފައި ވަނީ އިއްޔެ ނެރުނު ސާކިއުލާއެއްގަ އެވެ. އޭގައި ބުނެފައިވާ ގޮތުން، ސަރުކާރުން ހިންގާ ވޯކްޝޮޕާއި މީޓިން އަދި ހަފްލާތަކަށް ތައްޔާރުކުރާ ސައި، ކޮފީ އަދި ކިރުސައި ފޮދު ފޯރުކޮށްދޭ އިރު، އެ އެއްޗެހި ތައްޔާރުކުރަން ޖެހޭނީ ހަކުރު ނާޅަ އެވެ.

އޭގެ ބަދަލުގައި އެމީހަކު ބޭނުންވާ މިންވަރަކަށް ހަކުރު އެޅުމަށް ސަމްސަލަކާ އެކު ވަކިން ތައްޓަކަށް ހަކުރު އަޅާފައި ބެހެއްޓުމަށް އަންގާފައިވެ އެވެ.

މީގެ އިތުރުން، މަދުން ހަކުރު ބޭނުންކުރުމުން ޑައިބެޓިކްސް އަދި އިތުރު ބަލިތަކުން ދުރުވާ ކަމަށް ލިޔެފައިވާ އިންޒާރުގެ ސްޓިކާއެއް ހޮޓާތަކާއި ރެސްޓޯރެންޓް އަދި ސައި ހޮޓާތަކުގައި ބޭނުންކުރުމަށާއި ސްކޫލްތަކުގެ ކެންޓީނުންނާއި ކާއެއްޗެހި ވިއްކާ އެހެނިހެން ތަންތަނުން ވިއްކާ، ގިނަ އަދަދަކަށް ލޮނާއި ހަކުރު އަދި ތެޔޮ ހުންނަ ކާތަކެތި ވިއްކުން މަދުކުރުމަށް ވެސް ސާކިއުލާގައި ބުނެފައިވެ އެވެ.

ލަންކާގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އެގައުމުގެ އާބާދީގެ 10 ޕަސެންޓް މީހުންނަކީ ކޮންމެ ވެސް ވައްތަރެއްގެ ހަކުރު ބައްޔެއް ހުންނަ މީހެކެވެ. އަދި ހަކުރު ބަލީގައި ނުވަތަ ހަކުރު ބައްޔާ ގުޅުން ހުރި ކަމެއްގައި އަހަރަކު 20،000 މީހުން ލަންކާގައި މަރުވެ އެވެ.

ލަންކާ އަށް ދިމާވެފައިވާ އެންމެ ބޮޑު ސިއްހީ މައްސަލަ އަކީ ހަކުރު ބައްޔަށްވާ އިރު، އެކަމަށް އާއްމުން ހޭލުންތެރިކުރުވުމަށް އެގައުމުގެ ސަރުކާރުން ވަނީ ހާއްސަ ގައުމީ ހަރަކާތެއް ވެސް އިއްޔެ ފަށައިފަ އެވެ.