14 Nov 2015, 00:31
ރާއްޖޭގައި މިނިވަން އެންމެންގެ ބައިވެރިވުން އޮންނަ ހަމަ ޖެހޭ ޑިމޮކްރަސީއެއް އޮތުން މުހިއްމު ކަމަށް އިނގިރޭސިވިލާތާއި އިންޑިއާ އިން ބުނެފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި މިމަހުގެ 11 ވަނަ ދުވަހާއި 12 ވަނަ ދުވަހު އެގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަންއާއި ބައްދަލު ކުރެއްވިއެވެ. އަދި އޭގެ ފަހުން ދެގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައި ވަނީ " އެންމެ ބައިވެރިވާ ހަމަ ޖެހޭ ޑިމޮކްރަސީއެއް އަދި މިނިވަން ޝަރުއީ ނިޒާމެއް ދިވެހިރާއްޖޭގައި އޮތުމުގެ މުހިއްމުކަން ދެބޭފުޅުން ފާހަގަ ކުރެއްވި" ކަމަށެވެ.

މޯދީ އާއި ކެމެރަން އަދި ކެމެރަންގެ އަނބިކަނބަލުން ސަމަންތާ ---ފޮޓޯ: އޭޕީ
ނަމަވެސް އެބަޔާނުގައި ރާއްޖެއާ ބެހޭ ގޮތުން އިތުރު އެއްވެސް ވާހަކައެއް ވިދާޅުވެފައެއް ނުވެއެވެ.
މޯދީއާއި ކެމެރަން މަޝްވަރާ ކުރެއްވި ކަމަށް ބަޔާނުގައި ބުނެފައިވާ ކަންތައްތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އެޑްރެސް ކުރުމާއި އެކަށީގެންވާ އަގެއްގައި ދެމެހެއްޓެނިވި ހަކަތަ ހޯދުން ހިމެނެއެވެ.