ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ސަންގުޓީވީއަށް ދެމުން އައި ސެޓެލައިޓް އަޕްލިންކް ޚިދުމަތް ދިނުން އެކުންފުނިން ހުއްޓާލައިފިއެވެ.

ޕީއެސްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަންގުޓީވީއަށް އަޕްލިންކް ޚިދުމަތް ދިނުން ހުއްޓައިލީ އެ ޚިދުމަތް ދިނުމަށް ސަންގު ޓީވީއާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މަހުފީއާއި ސެޓަޕްފީ ދައްކަމުން ނުދާތީ ކަމަށެވެ. އެ ހިދުމަތް ދިނުން ހުއްޓައިލަން ނިންމީ ޕީއެސްއެމްގެ ގަވާނިން ބޯޑުން އެގޮތަށް ފާސްކޮށްގެން ކަމަށް ވެސް ޕީއެސްއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

"...އެގްރިމެންޓާ އެއްގޮތަށް ދަރަނި އަދާކުރުމަށް ސަންގުޓީވީއަށް މިކުންފުނީގެ ފަރާތުން 2 ފަހަރެއްގެ މަތީން މުހުލަތުދީ، އެ މުހުލަތުތަކުގައި ސަންގުޓީވީގެ ފަރާތުން އަދާކުރަން ޖެހޭ ޒިންމާ އަދާނުކޮށް އޮތަތީއާ ދަރަނި އަދާކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ 3.3 އަދި 6 ވަނަ މާއްދާގެ 1.1 އާއި 1.2 އަށް ރިއާޔަތްކޮށް ސަންގުޓީވީ އަށް ދޫކޮށްފައިވާ ސެޓެލައިޓް ޓްރާންސްޕޮންޑަރ އަޕްލިންކް ކޮށްދިނުމުގެ ހިދުމަތް މިހާރުން މިހާރަށް ހުއްޓާލުމަށް ކުންފުނީގެ ގަވާނިން ބޯޑުން ނިންމައިފިއެވެ،" ޕީއެސްއެމްގެ ބަޔާނުގައި ވެއެވެ.

ސަންގުޓީވީގެ މެނޭޖިން ޑިރެކްޓަރު އިބުރާހީމް ވަޙީދު (އަސްވާޑް) ވިދާޅުވީ ޕީއެސްއެމް އިން ޚިދުމަތް ކަނޑައިލުމަކީ ވަރަށް ދެރަކޮށް ވީ ކަމެއް ކަމަށާއި އެކުންފުންޏާ އެކު މަސައްކަތް ކޮށްފައި ވާނީ ވަރަށް ރަނގަޅު އަންޑަސްޓޭންޑިން އެއް އޮވެގެން ކަމަށެވެ.

"... ޕީއެސްއެމްއިން ކުރިން އަޅުގަނޑުމެންނަށް ފުރުސަތު ދެއްވާފައި އޮތީ ޝެޑިއުލްއެއްގެ ދަށުން ފައިސާ ދެއްކުމަށް އޭރު ވިދާޅުވީ. އޭރު ވިދާޅުވީ ޕޭމެންޓް ޝެޑިއުލް އާ އެއްގޮތަށް ގެންދަން ވެގެން، ސީއެފްއޯ، ތިން ދުވަސް. އެހެން އެކަން ކުރަން ހަމަ އުނދަގޫވީ. ބޮޑެތި ވިޔަފާރީގެ މުއާމަލާތްތަކުގައި އޮންނަ ރަނގަޅު އުސޫލެއް ހަމަ އެއީ. މިސާލަކަށް 50 ޕަސެންޓް. ދައްކާފައި އަނެއްބައި ވަކި ޝެޑިއުލްއަކާ އެއްގޮތަށް ބަހާލައިގެން ފައިސާ ދެއްކުން. ޕީއެސްއެމްގެ އެމްޑީގެ ބަހުގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިއްޖެ،" އަސްވާޑު ވިދާޅުވިއެވެ.