ނ. ވެލިދޫ ކައުންސިލްގެ ރައީސް އަލީ އަހުމީން އެމްޑީއޭއަށް ސޮއިކުރައްވައިފި އެވެ.

އަހުމީން މިރޭ ސަން އަށް ވިދާޅުވީ އެމްޑީއޭއަށް ސޮއިކުރެއްވި ފޯމް މިއަދު އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަހުނަމަކީ ޕީޕީއެމްގެ ޓިކެޓުގައި ވެލިދޫ ކައުންސިލަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅެކެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް ދޫކުރައްވައި އެމްޑީއޭ އަށް ސޮއިކުރެއްވީ ވެލިދޫގެ ތަރައްގީއަށް އެންމެ އެކަށޭނެ ގޮތެއްގައި މަސައްކަތް ކުރެވޭނީ އެމްޑީއޭއާ ގުޅިގެން ކަމުގައިވާތީ ކަމަށެވެ.

އެމްޑީއޭ އަކީ މިހާތަނަށް ސާބިތުކަމާ އެކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަހަތުގައި އޮތް ހަމައެކަނި ޕާޓީކަން ފާހަގަކުރައްވައި އަހުމީން ވިދާޅުވީ ރައީސް ޔާމީނާއެކު އޭނާ އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަން ބޭނުންވަނީ ރައީސް ޔާމީނާއެކު. ރައީސް ޔާމީންގެ ފިކުރުގައި. އަޅުގަނޑަކީ ރައީސް ޔާމީންގެ ސަޕޯޓަރެއް،" އަހުމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

"2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން. އަޅުގަނޑަށް ވަރަށް ކަމުދޭ ރައީސް ޔާމީންގެ ސިޔާސަތުތައް. ވެލިދޫގެ ތަރައްގީއަށް ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ވެސް ވަރަށް ބާރަށް ކުރިއަށް އެބަދޭ،" އަހުމީން ވިދާޅުވިއެވެ.