13 Nov 2015, 20:14
ޕެޕްސީގެ ލޭބަލް ތަތްކޮށްގެން ސައުދީ އަރަބިއްޔާއަށް އެތެރެކުރި ބިޔަރު ދަޅުތަކެއް އެގައުމުގެ ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.
ސައުދީ އޮފިޝަލުންނާ ހަވާލާދީ ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ)ގެ ނޫހެއް ކަމަށްވާ ޚަލީޖް ޓައިމްސް އިން މިއަދު ބުނީ ޔޫއޭއީއާ ސައުދީ އަރަބިއްޔާއާ ގުޅޭ ބާޘާ ބޯޑަރ ކްރޮސިން އިން އެތެރެވި އެ ޝިޕްމަންޓްގައި 48000 ދަޅު ބިޔަރު ހުރި ކަމަށެވެ.
ބިޔަރު ދަޅުތައް އެތެރެކުރި މީހާ ވަނީ ހައްޔަރުކޮށްފައެވެ.
ހެނިކެން ބްރޭންޑްގެ ބިޔަރު ދަޅުތަކުގައި ތަތްކޮށްފައިވާ ޕެޕްސީގެ ލޭބަލްތައް ސައުދީ ކަސްޓަމްސް އޮފިސަރުން ކަޓަރަކުން ކަފާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާ ޓްވިޓާގައި ސައުދީ ކަސްޓަމްސް އިން ވަނީ އާއްމުކޮށްފައެވެ.
ސައުދީ އަރަބިއްޔާއަށް މަސްތުވާތަކެތި އެތެރެކުރަން ކުރި ގިނަ މަސައްކަތްތަކެއް އެގައުމުގެ ކަސްޓަމްސްއާއި ފުލުހުން މިއަހަރު ވަނީ ހުއްޓުވާފައެވެ. އެގޮތުން އިހުރާމް ހެދުމެއް ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ހެރޮއިން ތަކެއް މިދިޔަ ޖުލައި މަހު ސައުދީ ކަސްޓަމްސް އިން ހޯދާފައި ވެއެވެ.