13 Nov 2015, 20:00
މިހާރު ކުރިއަށްދާ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗު ފޮނަދޫ ޒުވާނުންގެ ރޫހު ކާމިޔާބު ކޮށްފައި ވާއިރު އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗް އިހަވަންދޫ ކްލަބް ޕޯލް ސްޓާއިން ކާމިޔާބް ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗު ފޮނަދޫ އިން ކާމިޔާބުކުރީ މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާއާ ވާދަކޮށް ފަސޭހަ ކަމ އެކު ސީދާ ތިން ސެޓުންނެވެ. މިޗުގެ ސެޓުތައް ފޮނަދޫއިން ކާމިޔާބު ކުރީ 25-12، 25-07 އަދި 25-07 އިންނެވެ. މެޗުގެ މޮޅުކުޅުންތެރިިޔާގެ މަގާމަށް ހޮވުނީ ފޮނަދޫ ޒުވާނުންގެ ރޫހަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ވިތަނަގެ ތަޖެކާ ޕަންޗަލީ އެވެ.
ފޮނަދޫ ޒުވާނުންގެ ރޫހު ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން 2 މެޗު ކާމިޔާބުކޮށްފައެވެ. އެޓީމު ވަނީ އަނެއް ތިން މެޗުން ބަލިވެފައެވެ.
އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗް ދިއްދޫ ޓީނޭޖް ބޯއީސްއާ ވާދަކޮށް އިހަވަންދޫ ކްލަބް ޕޯލްސްޓާއިން މެޗު ކާމިޔާބުކުރީ ތިން ސެޓް އެއް ސެޓުންނެވެ. އެ މެޗްގެ ފުރަތަމަ ސެޓާއި ފަހު ދެ ސެޓް އިހަވަންދޫއިން ކާމިޔާބް ކުރީ 25-19، 25-16 އަދި 25-17 އިންނެވެ. އަދި ދެވަނަ ސެޓް ދިއްދޫ އިން ކާމިޔާބް ކުރީ 20-25 އިންނެވެ.
އެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިހަވަންދޫ ކްލަބް ޕޯލްސްޓާގެ ބިދޭސީ ކުޅުންތެރިއާ ބުއަލީ ޖަރޮއެންސިރް އެވެ.
މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޕޮލިސް ކުލަބު ވަނީ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އެޓީމަށް އަދި މުބާރާތުގައި ދެ މެޗު ބާކީ އެބައޮތެވެ.
އެ މުބާރާތުގައި ވާދަކުރާ ހަތް ޓީމަކީ ނައިފަރު ޖުވެނައިލް އާއި، ކުލަބު ޕޯލްސްޓާ އާއި، ފޮނަދޫ ޒުވާނުންގެ ރޫހާއި، ޕޮލިސް ކުލަބާއި، މަތިމަރަދޫ ޒުވާންގެ ޖަމިއްޔާ އާއި، ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކްލަބު އަދި ގުޑީސް ސްޕޯޓްސް ކުލަބެވެ.
އެ މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޮލިސް ކުލަބާއި، ގުޑީސް ސްޕޯޓްސް ކުލަބެވެ. އެމުބާރާތުގެ ސެމީފައިނަލަށް ދަތުރު ކުރާނީ އެންމެ މޮޅު ހަތަރު ޓީމެވެ. ފައިނަލް މެޗު ކުޅޭނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.