13 Nov 2015, 20:07
ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ވާދަވެރި ބްރެޒިލްއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން އާޖެންޓީނާގެ މުހިންމު ބައެއް ކުޅުންތެރިންނަށް ނުކުޅޭވޭނެ އެވެ.
މިރޭ ބްރެޒިލްއާއި ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗުގައި ތެވޭޒަށް ނުކުޅެވޭއިރު، ކެޕްޓަން ލަޔަނަލް މެސީ އަދި މުހިންމު ފޯވާޑް ސާޖިއޯ އަގުއޭރޯވެސް ހުރީ އަނިޔާގައެވެ. ވާތު ފައިގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލްއާ ދެކޮޅަށް ކުޅޭ މެޗާއި ކޮލަމްބިޔާއާއި ދެކޮޅަށް ކުޅޭ މެޗުގައިވެސް ތެވޭޒަށް ނުކުޅެވޭނެކަން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިހާރުވަނީ ޔަޤީންކޮށްދީފައެވެ. އަދި ހާވިއާ ޕަސްޓޯރޭ އަށް ވެސް ކުޅެވޭނެކަން ޔަގީނެއްނޫނެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މިހާތަނަށް އާޖެންޓީނާ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އެޓީމްވަނީ އިކުއެޑޯރ އަތުން ދޭއް ސުމެއްގެ ނަތީޖާއަކުން ބަލިވެފައެވެ. އަނެއް މެޗުގައި ޕެރެގުއޭއާއި ދެކޮޅަށް ނިކުމެ މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ބްރެޒިލް ޓީމަށް ބަލާއިރު ހަތަރު މެޗުގެ ސަސްޕެންޝަނަކަށް ފަހު ބާސެލޯނާގެ ފޯވަޑް ނޭމާ ޓީމާ ގުޅުމުން ބްރެޒިލް ޓީމުވަނީ ކުރިއަށްވުރެ ވަރުގަދަވެފައެވެ.
ރާއްޖެގަޑިން ރޭ ފަތިހު ފަހެއް ޖެހިއިރު ކުޅެން ހަމަޖެހިފައި އޮތް އެ މެޗް މޫސުން ގޯސްވެ ދަނޑުމަތީގައި ފެން ހެދުމާ ގުޅިގެން ބްރެޒިލްގެ އޮފިޝަލުން ވަނީ، މެޗު ފަސްކޮށްފައެވެ. މި މެޗު ދެން ކުޅޭނީ، ރާއްޖެގަޑިން މިރޭ ފަތިހު ފަހެއް ޖަހާއިރުއެވެ.