އެތެންސް : ލީބިޔާގެ އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނަން ބޭނުންވާކަމަށް ވިދާޅުވެ ލީބިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ޢަބްދުލްޢާތީ އަލްޢުބައިދީ ވާހަކަ ދައްކަވައިފިއެވެ.

ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ މަންދޫބެއްގެ ޙައިޘިއްޔަތުން ގްރީސްއަށް ވަޑައިގެން ބޮޑުވަޒީރު ޖޯޖް ޕަޕަންޑްރިޔޯއާ ބައްދަލުކުރެއްވައި ދެއްކެވި ވާހަކަފުޅުގައި، ލީބިޔާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނަސް، ލީބިޔާގެ އެތެރޭގެ މައްސަލަ ޙައްލުކުރުމުގައި އެހީތެރިވެދިނުމަށް ގްރީސްގެ ކިބައިން ލީބިޔާގެ މަސްއޫލުވެރިޔާ އެދިވަޑައިގެންނެވި ކަމަށް ގްރީސްގެ ޚާރިޖީ ވަޒީރުވެސް ވިދާޅުވިއެވެ.

ގްރީސްގެ ޚާރިޖިއްޔާއިންވެސްވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ލީބިޔާގެ މަސްއޫލުވެރިޔާ އެތެންސަށް ވަޑައިގަތުމުގެ ކުރިން ބޮޑުވަޒީރު ޖޯޖް ޕަޕަންޑްރިޔޯ ވަނީ ލީބިޔާގެ ބޮޑުވަޒީރު އަލްބަޣްދާދީ އަލްމަޙްމޫދީ އާ ފޯނުންގުޅުއްވައި ލީބިޔާގެ މައްސަލަތަކާބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.

ގައްޒާފީގެ މަންދޫބު ޢަބްދުލްޢާތީ އަލްޢުބައިދީ އެތެންސަށް ވަޑައިގެންނެވީ ތޫނިސްއަށް އެއްގަމުމަގުން ވަޑައިގެން ތޫނިސްގެ ޖިރްބާ އެއަރޕޯޓުން ފުރި މަތިންދާބޯޓެއްގައެވެ. ރިޕޯޓްތައް ބުނާގޮތުން ގްރީސްއަށްފަހު ގައްޒާފީގެ މަންދޫބު ދެންވަޑައިގަންނަވާނީ ތުރުކީއަށާއި މޯލްޓާގެ ވެރިންނާ ބައްދަލުކުރެއްވުމަށްޓަކައި އެދެޤައުމަށެވެ.

ގައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި ގައްޒާފީގެ ބާރުތަކާދެމެދު ހިނގަމުންދާ ހަނގުރާމައިގާ އެއްވެސް ބަޔަކަށް މާބޮޑު ކުރިއެރުންތަކެއް ލިބެމުންނުދެއެވެ. ނަމަވެސް ދެފަރާތުގެ ހަނގުރާމައިގެ ސަބަބުން ލީބިޔާގެ މެދުތެރޭ އައްސޭރިފަށުގެ ގިނަރައްތަކެއް ހަލާކުވެ އެރަށްތަކުގެ ރައްޔިތުންވަނީ ވަރަށްބޮޑަށް ޙާލުގައި ޖެހިފައެވެ.

ހުޅަނގުގެ ޙަމަލާތަކުގައި ލީބިޔާގެ ގިނައަދަދެއްގެ އާންމުންގެ އިތުރުން ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންވެސް މަރުވަމުން ދެއެވެ. ހުޅަނގުން އިސްނަގައިގެން ލީބިޔާގެ ޢާންމު ރައްޔިތުން ޙިމާޔަތްކުރުމުގެ ނަމުގައި އެޤައުމަށް ދެމުންގެންދާ ވައިގެ ޙަމަލާތަކުގެ ޝިކާރައަކަށް ލީބިޔާގެ އާންމުން ވަމުންދާ ކަމަށާއި ގައްޒާފީގެ ބާރުތައް ބަލިކޮށްލެވޭފަދަ ވަރުގަދަ ޙަމަލާތަކެއް އެ ބާރުތަކާދެކޮޅަށް ނޭޓޯއިން ދެމުންނުގެންދާކަމުގެ ޝަކުވާ ލީބިޔާގެ އިދިކޮޅު ފަރާތްތަކުން ވަނީ ކުރަން ފަށާފައެވެ.

އަލްޖަޒީރާއިން ގެނަސްދިން ޕްރޮގްރާމެއްގައި ވާހަކަދެއްކެވި ލީބިޔާގެ އިދިކޮޅު ބައެއް ފަރާތްތަކުންވަނީ ހުޅަނގުގެ ބާރުތަކުން ގައްޒާފީގެ ނިޒާމާދެކޮޅަށް ހަރުކަށިބަހުން ވާހަކަ ދެއްކިނަމަވެސް ހުޅަނގުގެ ޢަމަލުތަކާމެދު ޝައްކުގެ ނަޒަރަކުން ވާހަކަދައްކަވާފައެވެ. ނޭޓޯއިން ވަނީ އެޖަމާއަތުގެ ޢަސްކަރީ އޮޕަރޭޝަންތަކުގެ ބޭނުމަކީ ލީބިޔާގެ މަދަނީން ޙިމާޔަތްކުރުންކަމަށާއި ލީބިޔާގައި ހަނގުރާމާކުރާ އެއްވެސް ފަރާތަކަށް ބުރަވުމަކީ އެޖަމާއަތުގެ ސިޔާސަތެއް ނޫންކަމަށް ބުނެފައެވެ.

ނަންހާމަކުރަން ނޭދޭ ލީބިޔާގެ އިދިކޮޅު މަސްއޫލުވެރިއަކު ވަނީ ނޭޓޯއިން މަސައްކަތްކުރަނީ އިދިކޮޅު ފަރާތްތަކުގެ ކިބައިން ދޫލިބޭފަދަ މަޝްވަރާތަކަކަށް ދިޔުމުގެ ފުރްސަތު ގައްޒާފީގެ ސަރުކާރަށް ލިބޭފަދަ ސްޓްރެޓެޖީއެއްގެ ދަށުންކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ހުޅަނގުގެ ބޭނުމަކީ ލީބިޔާގެ އަހްލީ ހަނގުރާމަ ދިގުދެންމުންތޯވެސް ލީބިޔާގެ އިދިކޮޅު މަސްއޫލުވެރިޔާވަނީ ސުވާލު ކުރައްވާފައެވެ.

ގައްޒާފީގެ ނިޒާމުގެ އަނިޔާވެރިކަން ހައްދުފަހަނަޅައި ދިޔަ ނަމަވެސް މަދަނީން ޙިމާޔަތް ކުރުމުގެ ނަމުގައި ހުޅަނގުން ލީބިޔާއާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގެ ފަހަތުގައި ހުޅަނގުގެ އަމިއްލަ އެދުމާއި މަސްލަޙަތު ވާކަމަށް މުޙައްލިލުން ދެކެވަޑައިގަންނަވައެވެ. އައިވަރީ ކޯސްޓާއި ޔަމަންގައި އާންމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތަކެއް ހިންގަމުން ގެންދާއިރު ލީބިޔާއަށްދޭ ސަމާލުކަން މިޤައުމުތަކަށް ހުޅަނގުން ނުދޭކަމަށް މިފަރާތްތަކުން ދެކެއެވެ. (އަލްޖަޒީރާ+ނޫސްެއެޖެންސީތައް)