ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އިކުއެޑޯ އަތުން 2-1 އިން އުރުގުއޭ ބަލިވިއިރު ޗިލީ އާއި ކޮލަމްބިއާ 1-1 އިން އެއްވަރުވެއްޖެ އެވެ.

ރޭގެ މެޗުގައި އުރުގުއޭ ކޮޅަށް އިކުއެޑޯއިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 23 ވަނަ މިނިޓްގައި ފިލިޕޭ ސައިސީޑޯ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު ވަނަ މިނިޓް ތެރޭގައި އެޑިސަން ކަވާނީ ވަނީ ލަނޑެއްޖަހައި އުރުގުއޭ އަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދީފައެވެ. ކަވާނީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިތާ މާގިނައިރުތަކެއް ނުވެ އިކުއެޑޯއިން ވަނީ އެޓީމުން މޮޅުވި ލަނޑުޖަހައި މެޗުގެ ލީޑުނަގާފައެވެ. މި ލަނޑު ޖެހީ ފިޑެލް މާޓީނޭޒެވެ.

ރޭ އުރުގުއޭއާއި އިކުއެޑޯއިން ކުޅުނު މެޗްގެ ތެރެއިން --- ފޮޓޯ: އޭޕީ

އަމިއްލަ ދަނޑުގައި ޗިލީ ރޭ ކުޅުނު މެޗުގައި އެޓީމަށް ލީޑު ނަގައިދިނީ އާޓޫރޯ ވިޑާލް އެވެ. އޭނާ ލަނޑު ޖެހީ ފުރަތަމަ ހާފްގެ ފަހު މިނިޓްގައެވެ.

ދެ ވަނަ ހާފްގައި ކޮލަމްބިއާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަނިޔާ އަށް ފަހު ޓީމާ ގުޅުނު ޖޭމްސް ރޮޑްރިގޭޒެވެ.

ރޭގެ މެޗުތަކަށް ފަހު ދެކުނު އެމެރިކާ ފަޅީގެ ކޮލިފައިން އެއް ވަނައިގައި، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން އޮތީ އިކުއެޑޯ އެވެ. އެޓީމަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. ދެ ވަނައިގައި ތިން މެޗުން ހަތް ޕޮއިންޓާ އެކު އޮތީ ޗިލީ އެވެ. އަދި ތިން ވަނައިގައި އޮތް އުރުގުއޭ އަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ.

ކޮލިފައިންގައި ރޭ ކުޅުނު އަނެއް މެޗުން ބޮލީވިއާ ވަނީ 4-2 އިން ވެނެޒުއޭލާ ބަލިކޮށްފައެވެ.