އަވައްޓެރި ސްރީ ލަންކާގެ 100 ކިލޯ މީޓަރު ދެކުނުން، ކަނޑުގެ ސަރަހައްދަށް މިއަދު ހެނދުނުގެ ވަގުތެއްގައި ވެއްޓޭނޭ ކަމަށް ސައިންސްވެރިން ލަފާކުރި 'ސްޕޭސް ޖަންކް' "WT1190F" ނުވަތަ "WTF"ގެ އެއްވެސް ހިލަމެއް ނުވިކަމަށް އެ އިވެންޓް ކަވަކުރުމަށް ހަރަކާތްތެރިވި ސައިންޓިސްޓުން ބުނެފިއެވެ.

ޑަބްލިއުޓީ1190އެފް ވެއްޓޭނެ ކަމަށް ލަފާކޮށްފައިވާ ސަރަހައްދު. އެއީ ރާއްޖެއާވެސް މާކަ ދުރުނޫން ހިސާބެއް --

ބުރުޖު ކުނިބުނި ނުވަތަ 'ސްޕޭސް ޖަންކްސް'ގެ ތެރެއިން “WTF"ގެ ނަން ދެވިފައިވާ އާދަޔާ ޚިލާފު ގޮތްނޭނގޭ އެއްޗެއް 13 ނޮވެމްބަރު 2015 ވާ ހުކުރު ދުވަހު ލަންކާ ގަޑިން ހެނދުނު 11:48 ކަންހާއިރު ދުނިޔެއަށް ވެއްޓޭނެ ކަމަށް ސައިންސްވެރިން ކުރިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިއަދުގެ އެ ވަގުތު ފަހަނައަޅައި ދިޔައިރުވެސް އެފަދަ އާދަޔާޚިލާފް ގޮތްނޭނގޭ އެއްވެސް އެއްޗެއް ދުނިޔޭގެ ސަތަހައިގެ ތެރެއަށް ވަދެފައިވާ މަންޒަރު ފެނިފައި ނުވާކަމަށް، ޔޫރަޕިއަން ސްޕޭސް އޭޖެންސީ (އީޕީއޭ)ގެ ޓީމަށް އެހީތެރިވުމުގައި ހަރަކާތްތެރިވި ސައިންޓިސްޓުންގެ ޓީމުގައި ހިމެނޭ މެންބަރެއް ކަމަށްވާ ޑރ. ޖީޑީކޭ މަހަނަމައާ ހަވާލާދީ ލަންކާގެ ޑެއިލީ މިރާގައި ބުނެފައިވެއެވެ.

WT1190F ފެންނާނޭ ގޮތް ސިފަކޮށްފައިވާ ކުރެހުމެއް -- ފޮޓޯ: ސީއެންއެން

ޑަބްލިއުޓީއެފް ދުނިޔެއަށް ވެއްޓޭ މަންޒަރު ބެލުމަށް، ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރި އެތައް ބަޔަކު ވަނީ، WT1190Fގެ އެއްވެސް ހިލަމެއް ނުވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކޮށްފައެވެ. WT1190F ދުނިޔެއަށް ވެއްޓޭނޭ ކަމަށް ލަފާކޮށްފައިވާ ވަގުތު، ބާރުގަދަ އަޑުފައްގަނޑެއް އިވުނުކަމަށް ލަންކާގެ ބައެއް އާންމުން ޓްވީޓްކޮށްފައި ވެއެވެ. އަދި އެ މަންޒަރު ފެނުނުކަމަށް ބުނެ ބައެއް މީހުން ފޭކް ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ދައުރުކުރަމުން ދާކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

ނުޖޫމީއިލްމުވެރީން ލަފާކުރާގޮތުގައި 'ސްޕޭސް ޖަންކް' WTF ދުނިޔެއަށް ނުވެއްޓުނީ، އެ ކުނިގަނޑު ދުނިޔޭގެ ފަޒާގެ ތެރެއަށް ވާސިލްވުމުގެ ކުރިން އަނދައި އަޅިއަށްވުމުގެ ސަބަބުންނެވެ. ސައިންސް ވެރީން ކުރިންވެސް ބުނެފައިވާ ގޮތުގައި WT1190F ދުނިޔޭގެ ފަށަލައަށް ވަނުމާ އެކު އަނދައިގެން ދާނެއެވެ. އަދި އޭގެ ދުވެލި ބާރުކަމުން ދުނިޔެއަށް ފެންނާނީ އަލިގުޅައެއްގެ ގޮތުގައި ކަމަށްވެސް ބުނެފައި ވެއެވެ.

ދިގު މިނުގައި 6 ފޫޓު (2 މީޓަރު) އަދި ބަރުދަނުގައި 250 ކިލޯ ގްރާމް ހުންނާނެ ކަމަށް ބެލެވޭ އެންމެ ފުރަތަމަ ހޯދިފައި ވަނީ، 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ކެޓަލީނާ ސްކައި ސަރވޭގެ ނުޖޫމީ އިލްމުވެރީންނަށެވެ.

ދުނިޔެ ވަށައިގެންވާ ބައެއް ތަކެތި ސިފަކޮށްދޭ ކުރެހުމެއް -- ފޮޓޯ: ނާސާ

ސެޓެލައިޓަކުން ނުވަތަ އެނޫންވެސް ޖައްވީ އުޅަނދެއް ނުވަތަ އެފަދަ އެއްޗެއްގެ ހަލާކުވެފައިވާ ބައެއްގެ ގޮތުގައި ބެލެވޭ، ގަޑިއަކު 24,600 މޭލު (ސިކުންތަކު 11 ކިލޯމީޓަރު)ގެ ބާރު މިނުގައި ދުނިޔެއާ ދިމާއަަށް ވެއްޓެމުންއައި WTF، މިއަދު ހެނދުނު 11:17 އެހާކަންހާއިރު ރާއްޖޭގެ އުތުރުން ހުރަސް ކުރާނެ ކަމަށް ނުޖޫމީއިލްވެރީން ލަފާކޮށްފައި ވެއެވެ.

ބުރުޖު ކުނިބުންޏަކީ އިންސާނުން ޖައްވަށް ފޮނުވާފައިވާ ތަކެތީގެ ތެރެއިން ބޭނުން ކެނޑިފައިވާ ތަކެއްޗަށް ކިޔާ ނަމެކެވެ. އެތައް މިލިއަނުން އަދަދު ކުރެވޭ މި ކުނިތަކުގެ ދުވެލި ގަޑިއަކު 28،000 މޭލާ ހަމައަށް ދެ އެވެ.