ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ގާނޫނީ ވަކީލެއް ކަމުގައިވާ އަހްމަދު ތާލިބު ސަސްޕެންޑުކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ސ. މީދޫ، ދޮންދީދީމަންޒިލް އަހްމަދު ތާލިބާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ސުލޫކީ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން އަންނަ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ބަލައި ވަކިގޮތެއް ނިދެމެންދެން ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުން ތާލިބަށް މަނާކޮށްފައިވާ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ތާލިބު މިރޭ ސަން އަށް ވިދާޅުވީ މިހާތަނަށް ހަތް ފަހަރު ދޫނިދޫގައި އޭނާ އަދީބާ ބައްދަލުކުރައްވާފައިވާނެ ކަމަށެވެ. އަދި އެންމެ ފަހުން އަދީބުގެ ބަންދުގެ މުއްދަތު އިތުރުކުރި މުއްދަތު މަޖިލީހަށް އެމަނިކުފާނުގެ ފަރާތުން ވަޑައިގަތީ ވެސް އޭނާ ކަމަށް ތާލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެފަހުން އަދީބާ ބައްދަލުކުރަން މާލޭ ކަސްޓޯޑިއަލަށް ފޯމް ހުށަހެޅުމުން ސުލޫކީ މައްސަލައެއް ބަލަމުންދާތީ ސަސްޕެންޑުކޮށްފައިވާތީ ބައްދަލުކުރެވެން ނެތް ކަމަށް އޭނާ އަށް ފުލުހުން އެންގި ކަމަށެވެ. ނަމަވެސް ބަލަމުންދަނީ ކޮން ސުލޫކީ މައްސަލައެއްތޯ ސުވާލުކުރުމުން ފުލުހުން އެ މައުލޫމާތުދީފައިނުވާ ކަމަށް ތާލިބު ވިދާޅުވި އެވެ.

"ފުލުހުން ވިދާޅުވީ ސިޓީއެއް ހުށަހަޅުއްވާށޭ އެކަމާ ގުޅިގެން ފުލުސް އޮފީސް ހިންގުމާ ހަވާލުވެހުންނެވި އަހްމަދު އަރީފާ ބައްދަލުކުރައްވަން،" ތާލިބު ވިދާޅުވި އެވެ.

ނައިބު ރައީސްގެ ގާނޫނީ ޓީމްގެ އިސް ވަކީލު ހުސައިން ޝަމީމްގެ ސުލޫކީ މައްސަލައެއް ބަލަމުންދާތީ އޭނާ ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

އަދީބުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލީ ނަދީމް އިއްޔެ އެމަނިކުފާނާ ބައްދަލުކުރަން ދިޔައިރު ކަމާ ނުގުޅޭ ލިޔުމެއް ހިފައިގެން ދިޔުމުން ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށައިފަ އެވެ. އެ މައްސަލަ ބަލާތީ ނަދީބަށް އަދީބާ ބައްދަލުކުރުމުގެ ފުރުސަތު ދެވެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.