(ބާލިން، އޭޕީ) ޖަރުމަނުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ ލުފްތަންސާގެ ފްލައިޓް އެޓެންޑެންޓުން ކުރަމުންދާ ހަޅުތާލާ ގުޅިގެން އެ އާލައިންގެ 941 ދަތުރު ކެންސަލް ކުރަން ޖެހިފައިވާ ކަމަށް އެއާލައިނުން ބުނެފިއެވެ.

ލުފްތަންސާގެ ފްލައިޓް އެޓެންޑެންޓުން ކުރަމުންދާ އެއް ހަފްތާގެ ހަޅުތާލުގެ އެންމެ ފަހު ދުވަހު ދަތުރުތައް ކެންސަލް ކުރަން ޖެހުމުން 110000 ދަތުރުވެރިންނަށް އެކަމުގެ އަސަރު ކުރާނެއެވެ.

އެ އެލާއިނުން ބުނީ މިއަދު ކެންސަލް ކުރި ދަތުރުތަކާއި އެކު ހަފްތާއެއްގެ ތެރޭގައި ކެންސަލް ކުރަން ޖެހުނު ދަތުރުގެ އަދަދު 4700 އަށް އަރާފައިވާ ކަމަށެވެ. އަދި އެކަމުގެ ގެއްލުން ބައިމިލިޔަން ދަތުރުވެރިންނަށް ލިބުނު ކަމަށް ވެސް ބުންޏެވެ.

ލުފްތަންސާގެ އެޓެންޑެންޓުން ހަފްތާއެއް ވަންދެން ހަޅުތާލު ކުރި ނަމަވެސް ކެބިން ކްރޫ ޔޫނިއަން (ޔޫއެފްއޯ) އިން ކުރާ ޑިމާންޑްތަކަށް އިޖާބަދޭނެ ކަމުގެ އިޝާރާތެއް އެއާލައިނަކުން ނުކުރެއެވެ. އެ ޔޫނިއަންގެ ޑިމާންޑްތަކުގެ ތެރޭގައި، ޔޫނިއަންގެ މެމްބަރުންގެ ގޮތުގައި ތިބި 19000 އެޓެންޑެންޓުން އަވަހަށް ރިޓަޔާ ކުރާ ނަމަ ޓްރާންސިޝަން ޕޭމަންޓް ދިނުން ހިމެނެއެވެ.

ލުފްތަންސާ އެއާލައިންގެ ފްލައިޓް އެޓެންޑެންޓުން ހަޅުތާލު ކުރަން ފެށީ ގަލްފުގެ ގައުމުތަކުގެ އެއާލައިންތަކާ ވާދަ ކުރުމަށް ޓަކައި ހަރަދު ކުޑަކުރުމަށް އެ އެއާލައިނުން އެޅި ފިޔަވަޅުތަކަކާ ގުޅިގެންނެވެ.