ނާޝްވީލް (ނޮވެމްބަރު 13): ކޮންމެ ދުވަހަކު ކަސްރަތު ކުރާނަމަ ހަށިގަނޑުގައި ކެންސަރު އުފެދުމުގެ ފުރުސަތު 30 އިންސައްތައަށް ކުޑަވާނެކަން ދިރާސާތަކުން ހާމަވެފައިވެއެވެ.

އުމުރު މައްޗަށް ދާ ވަރަކަށް ކެންސަރާއި ހަކުރު ބައްޔާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވާކަމަށް ސިއްހަތާބެހޭ ތަޖްރިބާކާރުން ވިދާޅުވެއެވެ.

މިއިން ކޮންމެ ބައްޔަކީވެސް ދިރިއުޅުން ހަލާކުކޮށްލާ އަދި ފުރާނައަށް ނުރައްކާތެރި ބަލިތަކެކެވެ. ނަމަވެސް މީގެތެރެއިން އެންމެ ނުރައްކާތެރި ބައްޔަކީ ކެންސަރު ބައްޔެވެ. ކެންސަރު ބަޔަކީ ފަރުވާ ނުކުރެވިއްޖެނަމަ މަދު އަހަރުތަކެއްގެ ތެރޭގައި އިންސާނާ މަރުވާ ބައްޔެކެވެ.

މިބަލިން ދިފާއުވުމަށް ރައްކާތެރިވުމަށްއޮތް އެންމެ ރަނގަޅު ގޮތަކީ ކާބޯތަކެއްޗަށް ސިއްޙީ ބަދަލުތައް ގެނައުމާއެކު ގަވައިދުން ކަސްރަތު ކުރުންކަމީ ކަމާބެހޭގޮތުން ކޮށްފައިވާ ހުރިހާ ދިރާސާތަކަކުންވެސް ހާމަވާ ކަމެކެވެ.

އެމެރިކާގެ ވެންޑަބިޓް ސެންޓަރ ފޯ އެޕިޑެމިލޮޖީ އާއި އެމެރިކާގެ ނާޝްވީލްގައި ހުންނަ ވެންޑަބިޓް އިންގްރާމް ސެންޓަރ ފޯ ކެންސަރ ގެ ޕްރޮފެސަރ ސާރާ ނެޝޫތާ ވިދާޅުވިގޮތުގައި ކޮންމެ ދުވަހަކު ކޮންމެވެސް އެއްވަގުތެއްގައި ކަސްރަތު ކުރާނަމަ ހަށިގަނޑުގައި ކެންސަރު އުފެދުމުގެ ފުރްސަތު 30 އިންސައްތައަށް ކުޑަވާކަން އެއްދިރާސާއަށްވުރެ ގިނަ ދިރާސާއިން ހާމަވެފައިވެއެވެ.

ކަސްރަތު ކުރުމުގެ ތެރޭގައި ޖިމަށް ގޮސްގެންކުރާ ކަސްރަތުގެ އިތުރުން ދުވުމާއި މޫދަށް އެރި ފެތުމާއި ހިނގުމާއި އެކިބާވަތުގެ ކުޅިވަރުތައް ގަވައިދުން ކުޅުމާއި ބައިސްކަލް ދުއްވުންވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުންވެސް ގަވައިދުން ކަސްރުތު ކުރުމުން އުމުރުން ދުވަސްވުމުގެ އަލާމާތްތައްވެސް ކުޑަވެ ދިފާއީ ބާރާއި ހަށިގަނޑުގެ ގުނަވަންތަކުގެ ބާރު ގަދަވެ އެކިބާވަތުގެ ބަލިތައްޖެހުންވެސް ކުޑަކޮށްދީ ނަފްސާނީ ހާލަތު ރަނގަނޅުކޮށްދީ މީހާ ފިޓްވާނެކަމަށް ސާރާ ވިދާޅުވިއެވެ.

ކަސްރަތުގެ ފައިދާ އެންމެ ބޮޑަށް ލިބޭނީ މަދުވެގެން ހަފްތާއަކު ހަތަރު ދުވަހު ނޫނީ ފަސްދުވަހު ވަކި ގައިދަކުން ކަސްރަތު ކުރުމުން ކަމަށާ ދޭތެރެއަކުން ދިގުމުއްދަތަކަށް މެދުކަނޑާލަމުންދާނަމަ ކަސްރަތުގެ ފުރިހަމަ ފައިދާ ނުލިބޭނެކަމަށްވެސް ސާރާ ވިދާޅުވިއެވެ. (ޑޯޗްވެލީ)