"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ ނަމުގައި ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބުރިޖްގެ މަޝްރޫއު ހަވާލުކުރާނެ ކުންފުންޏެއް ކަނޑައަޅައި އެކަމާ ލިއުމުގައި ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު މިއަދު ސަން އަށް ވިދާޅުވީ ކޮންޓްރެކްޓަރުގެ ނަން އިއުލާން ކުރާނީ އަދި ފަހުން ކަމަށާއި އެއްބަސްވުމުގައި ސޮއިކުރުމަށް ކޮންޓްރެކްޓަރު ރާއްޖެއަށް އަންނާނެ ކަމަށެވެ.

"... ގާތްގަނޑަކަށް 200 މިލިޔަން ޑޮލަރު، މަޝްރޫއުގެ އަގަކީ. ދެން ކޮންޓްރެކްޓަރު ރާއްޖެއަށް ވެސް އަދި އަންނާނެ އެއްބަސްވުމުގައި ސޮއިކުރަން. މިއަހަރު ނިމުގެ ކުރިން ބްރިޖްގެ އަމަލީ މަސައްކަތް ފެށޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ބުރިޖްގެ މަޝްރޫއު ހަވާލުކުރާނެ ކުންފުންޏެއް ކަނޑައެޅުމަށް ޓަކައި ޗައިނާގެ ތިން ކުންފުންޏެއް ކުރިން ވަނީ ޝޯޓްލިސްޓްކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ތިން ކުންފުނި ޕްރީ ކޮލިފައިކޮށް، ބިޑް ހުށަހެޅުމުގެ ފުރުސަތު ދިނީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަނާއި މިނިސްޓްރީ އޮފް ކޮމާސްއާ ގުޅިގެން ކަމަށެވެ.

ޝޯޓްލިސްޓް ކުރި ތިން ކުންފުންޏަކީ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން، ޝީޒުއާން ރޯޑް އެންޑް ބްރިޖް ކޮންސްޓްރަކްޝަން އަދި ޗައިނާ ރެއިލްވޭ ބުރިޖް އެންޑް އިންޖިނިއަރިން އެވެ.

އެތިން ކުންފުންޏަށް ބިޑިން ޑޮކިއުމެންޓް ހަވާލުކޮށް، މައުލޫމާތު ދިނުމަށާއި ސުވާލުތަކަށް ޖަވާބު ދިނުމަށް ތިން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ. އެ ބިޑްތައް ހުށަހަޅައި، ބިޑް ހުޅުވާފައިވާ ކަމަށާއި އެކަންތައްތައް ކޮށްފައި ވަނީ އެކަމަށް ޓަކައި ރާއްޖެ އިން ޗައިނާ އަށް ވަޑައިގެންނެވި ވަފުދާއި ޗައިނާ ސަރުކާރުގެ ބޭފުޅުންގެ ހާޒިރުގައި ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.