މި ގަރުނު ފެށުނި އިރު (2000 ވަނަ އަހަރު) ދުނިޔޭގެ ގައުމުތަކުން ކަނޑައެޅި ސާސްކަފްގެ ލަނޑު ދަނޑިތަކުގެ ތެރޭގައި ހިމެނޭ، މާބަނޑުވުމާއި ވިހެއުމުގެ މައިން މަރުވާ ރޭޓް 1992 ގައި ހުރި މިންވަރަށް ވުރެ 75 ޕަސެންޓް ދަށް ކުރުމުގެ ލަނޑު ދަނޑި ހާސިލް ކުރެވިފައި ވަނީ އެންމެ ނުވަ ގައުމަކަށް ކަން ހާމަވެއްޖެއެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް މަސަޝުސެޓްސްގެ އެހީގައި ޑަބްލިއު އެޗްއޯއިން ކުރި ދިރާސާއަކުން އެނގިފައިވާ ގޮތުގައި އެ ނުވަ ގައުމަކީ ދިވެހިރާއްޖެ، ބޫޓާން، ކެމްބޯޑިއާ، ކަބޯވާޑީ،މޮންގޯލިއާ، ރުވާންޑާ އަދި ޓީމޯރް ލެސްތޭ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިމަހު ޝާއިއުކުރި އެދިރާސާގެ ރިޕޯޓްގައި ވާގޮތުން ވިހެއުމުގެ ތެރޭގައި މައިން މަރުވާ ރޭޓް ފާއިތުވި 25 އަހަރު މުޅި ދުނިޔޭގައި އެވްރެޖްކޮށް ދަށް ކުރެވިފައި ވަނީ 44 ޕަސެންޓަށެވެ. މާބަނޑުވުމާއި ވިހެއުމާ ގުޅުން ހުރި ކަންތައްތަކުގެ ތެރޭގައި ދުނިޔޭގައި މަރުވާ މީހުންގެ 99 ޕަސެންޓަކީ ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި މަރުވާ މީހުން ކަން ވެސް ދިރާސާއިން ވަނީ އެނގިފައެވެ.

ސާސްކަފްގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ އަށް ލަނޑުދަނޑީގެ ތެރެއިން ހައެއް ނުވަތަ ހަތް ލަނޑު ދަނޑި ރާއްޖޭން ހާސިލޮށްފައިވާ ކަމަށް މިދިޔަ އޮގަސްޓްމަހު ސަރުކާރުން ވަނީ ބުނެފައެވެ.

"ދުނިޔެއަށް ބަލައިލިޔަސް އަދި މި ސަރަހައްދަށް ބަލައިލިޔަސް، މިލޭނިއަމް ޑިވެލޮޕްމެންޓް ގޯލްސް ނުވަތަ ސާސްކަފުގެ ލަނޑުދަނޑިތަކުގެ ތެރެއިން ރާއްޖޭން ވަނީ ވަރަށް މުހިއްމު ކާމިޔާބީތަކެއް ހާސިލުކޮށްފައި. އެގޮތުން މިއޮތް އަށް ގޯލްގެ ތެރެއިން ހަގޯލް ނުވަތަ ހަތް ގޯލްގެ ހުރިހާ ލަނޑުދަނޑިތަކެއް އަޅުގަނޑުމެން ވަނީ ހާސިލުކޮށްފައި،" މިދިޔަ އޮގަސްޓް މަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ފޮރިން މިނިސްޓަރު ދުންޔާ ވިދާޅުވެފައި ވެއެވެ.