އޮކްޓޯބަރު މަހު ސްރީ ލަންކާގެ ކަނޑުން ހުއްދަ ދީފައިވާ ވަރަށް ވުރެ ގިނަ ހަތިޔާރާއެކު ހައްޔަރު ކުރި އަވަންޓް ގާޑް ފުލޯޓިން އާމަރީ ބޯޓާއި ރާއްޖޭގައި ހިނގައިގެން އުޅޭ ހާދިސާއާ ގުޅުމެއްވާ ކަމަށް ސްރީލަންކާއިން ބުނެފި އެވެ.

ސްރީލަންކާގެ ކެބިނެޓްގެ ތަރުޖަމާނު ރަޖިތު ސެންރޭޓައާ ހަވާލާދީ އެ ގައުމުގެ ނިއުސްފަސްޓް ނޫހުގައި ބުނެފައި ވަނީ ރާއްޖެ ހުރަސްކޮށް ހަތިޔާރު ބޯޑު ދަތުރު ކުރި ވަގުތު ޖީޕީއެސް ނިވާލާފައިވާ ކަމަށާއި، ޖީޕީއެސް ނިވާލައިގެން ދަތުރުކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ރަޖިތު ވިދާޅުވީ ރާއްޖޭގައި ކަންތައްތަކެއް ހިގައިދިޔައީ ވެސް ބޯޓު ރާއްޖެ ހުރަސްކޮށް ދަތުރު ކުރި ދުވަސްކޮޅާ ދިމާކޮށް ކަމަށާއި އެހެން ކަމުން ރާއްޖޭގެ ކަންކަމާއި ހަތިޔާރު ބޯޓާ ގުޅުމެއްވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ރަޖިތު އެ ފާހަގަކުރެއްވި ރާއްޖޭގައި ހިނގާ ދިޔަ ކަންކަމަކީ ރައީސް އަބްދުﷲ ޔާމީންގެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ބައެއް ތަންތަނުން ހަތިޔާރުތަކެއް ފެނުން މައްސަލަ ކަމަށް ބެލެވެ އެވެ.

ބޯޓެއް ތަނަކަށް ފުރުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭ ކަމަށް ރަޖިތު ވިދާޅުވި އެވެ. އަދި ހުއްދަ ލިބިގެން ނޫނީ ދަތުރު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މެރިޓައިމް ގާނޫނުތަކާ ޚިލާފަށް ރެޑް ސީ އިން ސްރީ ލަންކާގެ ކަނޑަށް ވަނުމުން އަތުލައިގަތް "އަވަންޓް ގާޑު" ބޯޓުން ހަތިޔާރު ފެނުނު ކަމަށާއި އަދި އެ ހަތިޔާރަކީ ރަޖިސްޓްރީ ކޮށްފައި ނުވާ ހަތިޔާރު ކަމަށް ލަންކާއިން މީގެކުރިން ވެސް ވަނީ ބުނެފަ އެވެ.