12 Nov 2015, 22:50
(9 ނޮވެމްބަރުގެ އަދަދާ ގުޅޭ)
މަޝްހޫރު ލޭން ޕޯލް (Lane Poole) އޭނާގެ ފޮތެއްކަމުގައިވާ “Life of Muhammad” ގައި ލިޔެފައިވެއެވެ.
"محمّد(صلّى اللّـه عليه وسلّم) އަކީ ޝަހްވަތްތެރިކަމުގެ އަޅެއްކަމުގައި ބުނުމަކީ ޙަޤީޤަތެއް ނޫނެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުން ހުރިގޮތާއި، އަވަހާރަފުޅު ލައްޕަވާ ފިލާގަނޑާއި، ނުހަނު ސާދާ ތަންމަތިކޮޅާއި، ބޭނުންކުރައްވާ ވަރަށް އާދައިގެ ފަރީއްކޮޅާއި، އެންމެ ކުދިކުދި އާދައިގެ ކަންތައްވެސް އަމިއްލަފުޅަށް ކުރެއްވުމާއި، މިކަން ސާބިތުކޮށްދެނީ، އެކަލޭގެފާނު ހުންނެވީ ނަފްސީ އެދުންތަކަށްވުރެ މާމަތީގައިކަމެވެ."
(Lane Pool, Stanley/Studies in A Mosque, 1966, P-77)
ޔޫރަޕުގެ މަޝްހޫރު ސްކޯލަރ ތޯމަސް ކާލައިލް (Thomas Carlyle) ޙަޤީޤަތަށް އިޢުތިރާފުވެވަޑައިގަތުމުގެ ގޮތުން ލިޔުއްވައިފައިވެއެވެ.
"محمّد(صلّى اللّـه عليه وسلّم) އަކީ މަޖަލާއި، އަރާމާއި، ޝަހްވާނިއްޔަތަށް ހިތްޕުޅު ދެއްވިފައި ހުންނެވި ބޭކަލެއް ނޫނެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގައި އެ އިލްޒާމު އަޅުވަނީ، ދުރުނުވިސްނޭ މީހުންނެވެ. ތިމާމެންގެ ޟަމީރު ކަޅުވެފައިވާ މީހުންނެވެ. އެކަލޭގެފާނަކީ ޝަހްވަތުގެ އަޅެއްކަމުގައި ބުނުމަކީ ވަރަށްބޮޑު މަގުފުރެދުމެކެވެ. އެކަލޭގެފާނުގެ ގެކޮޅުގެ ސާމާނާއި، އާދައިގެ ފަރީއްކޮޅާއި، މިހިރީ ވަރަށް ދެރަވަރުކޮށްހުރި ކަންކަމެވެ. ވަރަށް ގިނަފަހަރަށް ދެމަސްދުވަސްވާއިރުވެސް އެކަލޭގެފާނުގެ ގެކޮޅުގެ އުނދުން ރޯކޮށެއް ނުލައެވެ. އެކަލޭގެފާނުގެ އެކުވެރީން ހިތްޕުޅުގެ އަޑީން އެކަލޭގެފާނަކީاللّـهގެ ތެދުވެރި ނަބިއްޔެއްކަމުގައި ޤަބޫލު ކުރައްވައެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުވަނީ އެބޭކަލުންގެ ކުރިފުޅުމަތީގައެވެ. ހުޅުވައިލެވިފައިވާ ފޮތެއް ފަދައިންނެވެ. އެއްވެސްކަހަލަ ފޮރުވުމެއް، ވަންހަނާކުރެވުމެއް އެކަލޭގެފާނުގެ ޙަޔާތްޕުޅަކު ނުވެއެވެ."
(On Heroes, Hero-Worship and the Heroic in History, London, 1965)
ކައުސާހިބާގެ ކާވެނިފުޅުތަކުގެ ސަބަބުތައް
ތިރީގައިމިވަނީ، އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمގިނަ ކާވެނިފުޅުތަކެއް ކުރެއްވި ސަބަބާ ބެހޭގޮތުން، އިސްލާމީ ޢިލްމުވެރީންނާއި އެނޫންވެސް ބައެއް ޢިލްމުވެރީން ލިޔުއްވައިފައިވާ ބައެއް ވާހަކަތަކެވެ.
1. އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمގިނަ ކާވެނިފުޅުތަކެއް ކުރެއްވީ ކީއްވެގެންކަމާއި، އެ ކާވެނިފުޅުތަކުގެ ޙިކުމަތާ ބެހޭގޮތުންحكيم الأمّة مولانا أشرف على تهانوى رحمه اللّـهވަނީ އެކަލޭގެފާނުގެ ޢިލްމީ ރިސާލާއެއް ކަމުގައިވާ "ކަޘްރަތުލް އަޒްވާޖި ލިސާޙިބިލް މިޢުރާޖި" ގައި ވަރަށް ފުރިހަމަޔަށް ޖަވާބު ދެއްވައިފައެވެ.مولانا أشرفލިޔުއްވައިފައިވެއެވެ.
"ކޮންމެ އިންސާނެއްގެ ޙަޔާތުގައިވެސް ދެ ދާއިރާއެއްވެއެވެ. މީހެއްގެ ޙަޤީޤީ ގޮތް ބާވަތް ދެނެގަތުމަށްޓަކައި، އެމީހެއްގެ ޙަޔާތުގެ މި ދެފަރާތުގެވެސް ފަރުދާ ކަހައިލެވެންޖެހެއެވެ. މީހެއްގެ ޙަޔާތުގެ މި ދެފަޅިޔަށް ރަނގަޅަށް އަލިއަޅުވައިލެވިގެންމެނުވީ، އެމީހެއްގެ އަޚްލާޤާމެދު ރަނގަޅު ނަތީޖާއަކަށް އުންމީދުކުރުންވެސް ވާނީ ބޭކާރު ކަމެއްކަމުގައެވެ.
އިންސާނީ ޙަޔާތުގެ މި ދެ ފަޅިއަކީ، އެމީހެއްގެ ބޭރުތެރޭގެ ދިރިއުޅުމާއި، އެމީހެއްގެ ގޭތެރޭގެ ދިރިއުޅުމެވެ. ކޮންމެ މީހެއްގެވެސް ބޭރުތެރޭގެ ދިރިއުޅުމަކީ، އިންސާނާ އެހެންމީހުންގެ ކުރިމަތީގައި ދިރިއުޅޭ އުޅުމެވެ. އިންސާނެއްގެ ޙަޔާތުގެ މި ފަޅިއާ ބެހޭގޮތުން ތަފްޞީލީ މަޢުލޫމާތު ހޯދުމަށްޓަކައި ވަރަށްގިނަ ހެކީންގެ ހެކިބަސް ހޯދިދާނެއެވެ. އިންސާނެއްގެ ޙަޔާތުގެ ދެވަނަ ދާއިރާއަށް ނަންދެވެނީ، ގޭތެރޭގެ ދިރިއުޅުން ނުވަތަ ޢާއިލީ ދިރިއުޅުމުގެ ނަމުންނެވެ. އިންސާނެއްގެ ޙަޔާތުގެ މި ފަޅިއަކީ އެމީހެއްގެ އަޚްލާޤީ ޙާލަތު ދެނެގަތުމަށްޓަކައި އެންމެ ބޭނުންތެރި ބައެވެ. ޢާއިލީ ދިރިއުޅުމުގެ ނުވަތަ ގޭތެރޭގެ ދިރިއުޅުމުގެ އަޑިއުސްކަމަކީ އެންމެންވެސް ވަންހަނާކުރަން ބޭނުންވާ ދާއިރާއެކެވެ. އޭގެ ސިއްރަކީ ކޮބައިތޯއެވެ؟
ސަބަބަކީ، ކޮންމެ މީހަކުވެސް ތިމާގެ އިންސާނީ ބަލިކަށިކަން ފޮރުވަން ބޭނުންވުމެވެ. ކޮންމެ މީހެއްގެވެސް ޙަޔާތުގެ މިފަޅިއަކީ، "ނެގިމަޑުވުމާއި، ދީލިކަޑަވުމުން" އެކުވެފައިވާ ބަލިކަށި ފަޅިއެކެވެ. ހެވާއި ނުބައިގެ އެކުވުމެކެވެ. އެހެންކަމުން، ޢާއްމުގޮތެއްގައި އިންސާނުން އެބައިމީހުންގެ އުނިކަން ހާމަކުރަން ބިރުގަންނަނީއެވެ. އިންސާނެއްގެ ޝަޚްޞިއްޔަތު އެންމެ ފުރިހަމަޔަށް ވަޒަންކުރެވޭނީ، އޭނާގެ ޢާއިލީ ދިރިއުޅުންވެސް ވަންހަނާކަމެއްނެތި ޢާއްމުންގެ ކުރިމައްޗަށް ހާމަކުރެވިގެންނެވެ.
ދުނިޔޭގެ އެންމެ ފުރިހަމަ އިންސާނާ އަދި މާތްاللّـهއިންސާނިއްޔަތަށްޓަކައި އެންމެފުރިހަމަ، އެންމެ ރީތި އުސްވަތުގެ ނަމޫނާއެއްކަމުގައި ފޮނުއްވި ސާހިބާގެ ޝަޚްޞިއްޔަތުން ނަމޫނާ ހޯދޭނީ އެކަލޭގެފާނުގެ ޢާއިލީ ދިރިއުޅުއްވުންވެސް އުންމަތަށް ފުރިހަމަޔަށް ހާމަވެގެންނެވެ. ޙައްޤު ހޯދަން އެދޭ މީހުންގެ ހިތްތަކުގައި އެކަލޭގެފާނުގެ މާތްކަމާއި މަތިވެރިކަން ބިންވަޅު ނެގޭނީ، އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ "ދެކުނުފަރާތް" އޮތްގޮތްވެސް އުންމަތަށް ސާފުވެގެންނެވެ. މުސްލިމުންނަށް އެތައްގަނޑަށް ފެތެވޭނީ އޭރުންނެވެ. މުސްލިމުންގެ ނަމޫނާއަކަށް އެކަލޭގެފާނު ވާނީ އޭރުންނެވެ.أمّهات المؤمنينމެދުވެރިވެވަޑައިގެން އިތުރު ސާހިބާގެ ޙަޔާތްޕުޅުގެ ޢާއިލީ ދިރިއުޅުއްވުމުގެ ފަޅި މިއުންމަތަށް ހާމަވެފައިވަނީ، އޭގެ ނަމޫނާއެއް ދުނިޔޭގެ އެހެން އެއްވެސް އުންމަތަކަށް ދައްކައިނުދެވޭފަދަ ފުރިހަމަ ގޮތެއްގައެވެ.
އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمގެ ޙަޔާތްޕުޅުގެ "ދެކުނު ފަރާތް" އުންމަތަށް ފެންނާން އޮތްހައި ތަފްޞީލު ގޮތެއްގައި އެހެން އެއްވެސް ނަބީބޭކަލެއްގެ ޢާއިލީ ދިރިއުޅުއްވުން ފެންނާކަށެއްނެތެވެ. ގޭތެރޭގެ ދިރިއުޅުމުގައި އިންސާނަކަށް ދިމާވެދާނެ ކޮންމެ އޮޅުންބޮޅުމަކާއި ކޮންމެ މައްސަލައަކާ ބެހޭގޮތުން އިސްލާމްދީނުގެ ނަބިއްޔާ، ނަމޫނާއަކަށް ބެލެވޭން އެބައޮތެވެ.
އަރަހުށި މާތްاللّـهގެ ރަޙްމަތްފުޅުން، އެކަލާނގެ ރަސްކަންފުޅާއި އާޚިރަތްދުވަސް އެދޭމީހާ ނަމޫނާއަކަށް ބަލަން ފޮނުއްވި ފުރިހަމަ އިންސާނާގެ ޙަޔާތްޕުޅުގެ އެތެރެއާއި ބޭރު ދުނިޔެއަށް ހާމަކޮށްދެއްވުމަށްޓަކައި އެކަލާނގެ ދެ ޖަމާޢަތެއް މެދުވެރި ކުރެއްވިއެވެ. އެކަލޭގެފާނުގެ ބޭރުތެރޭގެ ދިރިއުޅުއްވުން ހުރިގޮތާއި، ބޭރުތެރޭގެ މުޢާމަލާތު މީހުންނަށް އޮޅުންފިލުއްވައިދެއްވުމަށްޓަކައި މެދުވެރިކުރެއްވީ އެކަލޭގެފާނުގެ މިތުރު ޞަޙާބީންނެވެ. އެކަލޭގެފާނު ޢާއިލީ ދިރިއުޅުއްވުމާއި، "ދެކުނުފަރާތުގެ" މުޢާމަލާތު ހުރިގޮތް ރިވާކުރެއްވުމަށްޓަކައިأمّهاتންގެ އިތުބާރުކުރެވޭފަދަ ޖަމާޢަތެކެވެ. އެ ދެ ޖަމާޢަތުން އެކަލޭގެފާނުގެ ޝަޚްޞިއްޔަތު އަލިކަމުގެ ތެރެއަށް ގެންނަވައިފައިވާ ފުރިހަމަކަމާމެދު ދުނިޔޭގެ މުފައްކިރުން ޙައިރާންފުޅުވެއެވެ. އަންތަރީސްވެވަޑައިގަންނަވައެވެ. ކައުސާހިބާصلّى اللّـه عليه وسلّمއެއްފަހަރާ އެއް އަނބިކަނބަލުންނަށްވުރެ ގިނަ އަނބިއަނބިކަނބަލުންނާ ކާވެނި ބައްލަވައިގަތުމަށް މާތްاللّـهމެދުވެރިކުރެއްވި ސަބަބަކީ މިއެވެ."
(حكيم الأمّة مولانا أشرف على تهانوى"ކަސްރަތުލް އަޒްވާޖި ލި ޞާޙިބިލް މިޢުރާޖި" ޞަފްޙާ 5-3)
ޝައްކެއްނެތެވެ. މާތްވެގެންވާأمّهات المؤمناتން އިތުރު ސާހިބާصلّى اللّـه عليه وسلّمގެ ޙަޔާތްޕުޅުގެ "ދެކުނުފަރާތް" ރިވާކުރައްވައި ދީންވެރި ދިރިއުޅުމެއްގެ ދެބައިކުޅަ އެއްބައިވަނީ ލިޔެވި ރެކޯޑުކުރުމުގެ މަގުފަހިކޮށްދެއްވައިފައެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ ގޭތެރޭގެ ދިރިއުޅުއްވުމާއި، އިސްލާމްދީނުގައި އަންހެނުންނަށް ޚާއްޞަވެފައިވާ ފަޅި (ޙައިޟު ނިފާސްކަމާއި، ޖުނުބުވެރިވުމާއި، އެ ޙާލަތްތަކުގައި ޢަމަލުކުރަންޖެހޭ ގޮތުގެ ޚާއްޞަ ޙުކުމްތައް) އުންމަތަށް އޮޅުންފިލުއްވައިދެއްވައި ދަސްކޮށްދެއްވީ އެބޭކަނބަލުންނެވެ.
2. އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއެއް އަނބިކަނބަލުންނަށްވުރެ ގިނަ އަނބިކަނބަލުންނާ އެއްފަހަރާ ކާވެނިބައްލަވައިގެންނެވުމުގެ ސަބަބުތަކުގެ ތެރޭގައި، އިސްލާމްދީނަށްޓަކައި ކުރެއްވި ޖިހާދުގައި ނުވަތަ ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅުގައި ފުރާނަފުޅު ޤުރްބާންކުރައްވައި ޝަހީދުންގެ ދަރަޖަ ހޯއްދަވައިފައިވާ ބޭބޭކަލުންގެ ހުވަފަތް އަނބިއަނބިކަނބަލުންނާއި، ތުއްޕުޅު ބޭފުޅުންނާ އަޅާލެއްވުމާއި، ޙިމާޔަތް ދެއްވުންވެސް ހިމެނެއެވެ. އޭގެތެރެއިން ބައެއް ބޭކަނބަލުންގެ ފަރާތްޕުޅުންވަނީ ކައުސާހިބާصلّى اللّـه عليه وسلّمގެ ދާވަނިކޮޅުގެ ތެރޭގައި އެބޭކަނބަލުންގެ ޢިއްފަތްތެރިކަމާއި ޢިޞްމަތްތެރިކަން ޙިމާޔަތްކޮށްދެއްވުން އެދިވަޑައިގެން އަމިއްލަފުޅަށް ހުށަވެސް ހަޅުއްވައިފައެވެ.
3. ކައުސާހިބާصلّى اللّـه عليه وسلّمބައެއް ކާވެނިފުޅުތައް ކުރެއްވީ، އިސްލާމީ ދަޢުވަތަށާއި އިސްލާމީ ދައުލަތަށް ކުރިމަތިވެފައިވާ ބައެއް ހުރަސްތައް ނައްތައިލެއްވުމަށްޓަކައި އަޅުއްވާ ސިޔާސީ ފިޔަވަޅުފުޅުތަކެއްގެ ގޮތުންނެވެ. އިސްލާމްދީނާއި މުސްލިމުންގެ ބައެއް ދުޝްމިނުންގެ ދުޝްމިނުކަން ކުޑަކުރައްވައި، ވާދަވެރީން މުސްލިމުންގެ އެކުވެރީން ކަމުގައި ހެއްދެވުމަށްޓަކައެވެ.
ތަޢައްޞުބުން ފުރިފައިވާ މަޝްހޫރު ކްރިސްޓިއަން މުއައްރިޚު މާގޯ ލީތު (Margoliouth D.S.) އަކީ ކައުސާހިބާصلّى اللّـه عليه وسلّمއަށް ތަންޤީދު ކުރުމުގެ އެއްވެސް ފުރުޞަތެއް އަތްދަށުން ކައްސައިލައިގެން ދިޔަނުދީވޭތޯ ހިތްވަރުކުރި މީހެކެވެ. ނަމަވެސް އޭނާވެސް ވަނީ އިތުރު ސާހިބާ، އެއްކާވެނިފުޅަށްވުރެ ގިނަ ކާވެނިފުޅުތަކެއް ކުރެއްވުމުގައި އެތައް މަޞްލަޙަތު ތަކަކާއި ސިޔާސީ ފައިދާތަކެއް އެކުލެވިފައިވާކަމަށް އިޢުތިރާފުވެފައެވެ.
(Margoliouth D.S./Encyclo-pedia of Religion and Ethics,
Edenburgh, 1967, Vol. viii. P-878)
ހ.أمّ المؤمنين السّيّدة صفيّة رضى اللّـه عنهاއަކީ މަޝްހޫރު ޔަހޫދީ ޤަބީލާއެއްކަމުގައިވާ ބަނުއްނަޟީރުވަންހައިގެ ރައީސްحيىّ بنأخطبގެ ދަރިކަނބަލުންނެވެ. އޭނާއަކީهارون عليه السّلامގެ ދަރިކޮޅުގެ މީހެކެވެ. އެކަމަނާގެ މައިކަނބަލުންضرّةނުވަތަبرّةއަކީ ޤުރައިޡަތުވަންހައިގެ ރައީސުގެ އުޚުތެކެވެ. މިގޮތުން އެކަމަނާއަކީ ޔަހޫދީންގެ ދަރަޖަ މަތިވެރި އަމީރާއެކެވެ.
السّيّدة صفيّة رضى اللّـه عنهاއެންމެ ފުރަތަމަ ކާވެނިބެއްލެވީ ޤުރައިޡަތުވަންހައިގެ ބޮޑެއްކަމުގައިވާ ސަލާމް ބިން މިޝްކަމް އާއެވެ. އޭނާ އެކަމަނާ ވަރިކުރުމުން ދެން ކާވެނި ބެއްލެވީ ކިނާނަތު ބިން އަބިލްޙަޤީޤު އާއެވެ. އޭނާ ވަނީ ޚައިބަރު ހަނގުރާމައިގައި ޤަތުލުވެފައެވެ.السّيّدة صفيّة رضى اللّـه عنهاއަށް އިތުރު ސާހިބާގެ އަރިހަށް ވަޑައިގެންނެވުނީ، ޚައިބަރު ހަނގުރާމައިގެ ހައްޔަރުވެވަޑައިގަތުމުންނެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمއެކަމަނާ މިނިވަންކުރައްވައި، އެކަމަނާއާ ކާވެނިބައްލަވައިގެންނެވިއެވެ.
ކައުސާހިބާصلّى اللّـه عليه وسلّم،أمّ المؤمنـين السّيّدة صفيّة رضى اللّـه عنهاއާ ކާވެނި ބެއްލެވުމުގެ ކުރިން މުސްލިމުންނާއި މުޝްރިކުންނާ ދެމެދު ހިނގި ގިނަ ހަނގުރާމަތަކުގައި ޔަހޫދީން މުޝްރިކުންނާ ބައިވެރިވިއެވެ.السّيّدة صفيّة رضى اللّـه عنها،أمّ المؤمنـينގެ މަޤާމަށް ވަޑައިގަތުމަށްފަހު، ޔަހޫދީންގެ ހަސަދަވެރިކަމާއި ޢަދާވަތްތެރިކަމާ އެކުވެސް، ޔަހޫދީންގެ ގިނަމީހުން ތިބީ ވަކިފަރާތަކަށް ނުޖެހޭ ބައެއްގެ ގޮތުގައެވެ. މުޝްރިކުން މުސްލިމުންނާ ކުރާ ހަނގުރާމަތަކުގައި ފާޅުގައި ބައިވެރިޔެއް ނުވެއެވެ.
މަޝްހޫރު މުތަޢައްޞިބު އޮރިއެންޓަލިސްޓް މޮންޓްގޮމަރީ ވޮޓް (Montgomery Watt) ވެސް ވަނީ އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّم،أمّ المؤمنـين السّيّدة صفيّة رضى اللّـه عنهاއާ ކާވެނިބައްލަވައިގެންނެވުމުގެ ސިޔާސީ ފައިދާއަށް އިޢުތިރާފު ވެފައެވެ.
(Watt, Montgomery/Mohammad at Madina,
Oxford, 1956, P-288)
ށ.أمّ المؤمنـين السّيّدة أمّ حبيبة رضى اللّـه عنهاއަކީ ޤުރައިޝުންގެ މަޝްހޫރު ރައީސްأبوسفيان بن حرب أموىގެ ދަރިކަނބަލުންނެވެ. އެކަމަނާއާއި އެކަމަނާގެ ފިރިކަލުންعبيداللّـه بن حجشއާ ދެކަނބަލުން ހިމެނިވަޑައިގެންފައިވަނީ، އިސްލާމީ ދަޢުވަތަށް އެންމެ ފުރަތަމަ އިޖާބަދެއްވި ބޭބޭކައުކަނބަލުންގެ ތެރޭގައެވެ. މައްކާގެ މުޝްރިކުންގެ އަނިޔާވެރިކަމާހުރެ، ޙަބަޝާއަށް ހިޖްރަކުރެއްވި ޞަޙާބީންގެ ދެވަނަ ޖަމާޢަތުގައި އެ ދެމަފިރިކަނބަލުން ޙަބަޝާއަށް ހިޖްރަ ކުރެއްވިއެވެ. ޙަބަޝާގައި އެ ދެމަފިރިކަނބަލުންނަށް ވަނީ ހަނދެއްފަދަ ދަރިކަނބަލަކު ލިބިވަޑައިގެންފައެވެ. އެ ދަރިކަނބަލުންގެ ނަންފުޅަކީ،حبيبةއެވެ.
عبيداللّـهޙަބަޝާގައި އުޅުމުގެ ތެރޭގައި، ނުބައި އެކުވެރިންގެ ފަރާތުން އޭނާއަށް ރާބުއިން އާދަވިއެވެ. އޭނާ އިސްލާމްދީން ދޫކޮށްލައި ކްރިސްޓިޔަންދީން ޚިޔާރު ކުރިއެވެ.السّيّدة أمّ حبيبةމަގުފުރައްދައިލެވޭތޯވެސްعبيداللّـهމަސައްކަތް ކުރިއެވެ. ނަމަވެސް އެކަމަނާ އިސްލާމްދީންމަތީގައި ސާބިތުވެވަޑައިގެން އިންނެވިއެވެ. ނަތީޖާއެއްގެގޮތުން، ދެމަފިރިކަނބަލުން ވަކިވިއެވެ. ރާބުއިމުގައި ހައްދުފަހަނަޅައިދިޔުމުގެ ސަބަބުން، މާގިނަދުވަހެއްނުވެعبيداللّـهމަރުވެއްޖެއެވެ.
السّيّدة أمّ حبيبةބޭރު، ދުރުކަރައެއްގައި ތުއްޕުޅު ދަރިކަނބަލަކު ގޮވައިގެން އެކަނިވެރިކަމުގައި އުޅުއްވާން ޖެހިވަޑައިގެންނެވި ވަގުތު، ރަޙްމަތުގެ ނަބިއްޔާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ ޙިމާޔަތުގެ ދަށަށް އެކަމަނާ ގެންނެވިއެވެ. ޙަބަޝާގެ ރަސްގެފާނުنجاشىއަށް ފަތްކޮޅެއް ފޮނުއްވައި، އޭނާ މެދުވެރިކުރައްވައި، އެކަމަނާއާ ކާވެނި ބައްލަވައިގަންނަވައި، އެކަމަނާ މަދީނާއަށް ގެންނެވިއެވެ.
ކުރީންވެސް ދެންނެވި ފަދައިން،أمّ المؤمنينالسّيّدة أمّ حبيبة رضى اللّـه عنهاގެ ބައްޕާފުޅުأبوسفيان بن حربއަކީ މައްކާގެ ބޮޑުންކުރެ އެންމެ ނުފޫޒުހުރި އެއްބޭކަލެކެވެ. އެންމެ ބަސްވިކޭ އެއްބޭކަލެކެވެ. ޤުރައިޝުންގެ ޢަސްކަރީ ދިދަ "ޢިޤާބު" ހުންނަނީ އޭނާގެ ގެކޮޅުގައެވެ. މައްކާގެ މުޝްރިކުން މުސްލިމުންނާ ދެކޮޅަށް ކުރި މުހިންމު ދެ ހަނގުރާމައެއް ކަމުގައިވާ އުޙުދު ހަނގުރާމައާއި، އަޙްޒާބު ހަނގުރާމައިގައި ޤުރައިޝުންގެ ސިފައިންގެ ވެރިޔަކީأبوسفيانއެވެ. ޤުރައިޝުންގެ ޤާފިލާތަކަށް ވެރިން ލެއްވުމުގެ ވެރިޔަކީ އޭނާއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއޭނާގެ ދަރިކަނބަލުންالسّيّدة أمّ حبيبةއާ ކާވެނިބެއްލެވި ޚަބަރު އޭނާއަށް ލިބިވަޑައިގަތީ މައްކާގައި ހުންނަވަނިކޮށެވެ. އޭރު އޭނާއަކީ އިސްލާމްދީނުގެ ނަބިއްޔާއާ ހަނގުރާމަ ކުރައްވަމުން ގެންދެވި ދުޝްމިނެކެވެ. ނަމަވެސް އޭނާ އެ ކާވެނިފުޅަކާ ނުރުހުންވެވަޑައެއް ނުގަންނަވައެވެ. އެހައިތަނުން ފެށިގެން މުސްލިމުންނާމެދު އޭނާގެ ހިތްޕުޅު މަޑުވާން ފަށައިފިއެވެ. އޭގެފަހުން އޭނާ މުސްލިމުންނާ ހަނގުރާމަ ކުރައްވާކަށެއް ނުއުޅުއްވައެވެ. މައްކާ ފަތަޙަވުމުގެ ކުރީން އޭނާ ވަނީ އިސްލާމްވެވަޑައިގެންފައެވެ.
(ނުނިމޭ)