04 Apr 2011, 10:18
ބޮޑުއަގުގައި ޑޮލަރު ވިއްކަމުން ދަނިކޮށް ރެޑް ހޭންޑްކޮށް މިދިޔަ އަންގާރަ ދުވަހު އަތުލައިގަތް ބިދޭސީ މީހާގެ މައްސަލަ ތަހުގީގުކޮށް އޭނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ޑޮލަރުގެ ކަޅުބާޒާރާ ދެކޮޅަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގައި ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކަނިކޮށް ފުރަތަމަ ފަހަރަށް ފުލުހުން އަތުލައިގަތް މީހާއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ބަގްލަދޭސްގެ އެ މީހާގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ އިއްޔެ ކަމަށެވެ.
"އަޅުގަނޑެމެން އިއްޔެ ތަހުގީގު މަރުހަލާ ނިންމައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް މި ފޮނުވީ،" ޝިޔާމް ވިދާޅުވި އެވެ.
ބަންގާޅު މީހާގެ ތަހުގީގު ފުރިހަމަ ކުރުމަށް، ފުލުހުންގެ އެދުމުގެ މަތިން މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރު ވެސްކޮށްދީފަ އެވެ.
ބަގުލަދޭޝްގެ އެމީހާ ފުލުހުން ހައްޔަރުކުރީ ޗާންދަނީމަގު ޓްރެފިކްލައިޓް ކައިރީ ހުންނަ ފިހާރައެއްގައި ބޮޑު އަގުގައި ޑޮލަރު ވިއްކަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ބުނީ ނުއަގުގައި ޑޮލަރު ވިއްކާ ކަމަށް ޝައްކު ކުރެވޭ ތަންތަނާއި މީހުން، ބަލައި ފާސްކުރުމަށް މިދިޔަ ހަފްތާ އިން ފެށިގެން ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި އިތުރު މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަމަށެވެ.