14:30


ޕާޓީގެ ލީޑަރުގެ ގޮތުގައި ނިކުންނަވާއިރު، ސަރުކާރުން ކުރިމަތިކޮށްފާނެ އެއްވެސް ދައްޗަކަށް، އެއްވެސް ބިރަކަށް ޖެހިލުންވެވަޑައި ނުގަންނަވާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.


އާ ދައުރަށް ހޮވުނު ލީޑަޝިޕާ، ޑީއާރުޕީގެ ޒައާމަތު ހަވާލުކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ތަސްމީން ވިދާޅުވީ، މިއަދުގެ ސަރުކާރަކީ ހުދުމުހުތާރު ސަރުކާރެއް ކަމަށެވެ. އަދި ޑީއާރުޕީގެ ޒައީމާ ދޭތެރޭ ސަރުކާރުން ކަންތައް ކުރި އިހާނެތި ގޮތް އެއީ ލޯމަތިން ފެނިގެން ގޮސްފައިވާ ކަމެއް ކަމަށާއި، ޑީއާރުޕީގެ ލީޑަރުކަމާ ހަވާލުވެވަޑައިގެންނެވީ، ޒައީމާ ދޭތެރޭ ސަރުކާރުން ކަންތައް ކުރިގޮތް ރަނގަޅަށް އެނގިވަޑައިގެން ހުންނަވައި ކަމަށާއި، ސަރުކާރުން ކުރިމަތިކޮށްފާނެ ހުރަސްތަކާމެދު ޖެހުލުމެއް ނެތި ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި މިއަދުގެ ސަރުކާރުން ހައްޔަރުކުރި ނަމަވެސް، މުދާ ނީލަންކީ ކަމުގައި ވިޔަސް، އަބުރާއި އިއްޒަތް ނަގާލަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އަޒުމް ގުޑުވައިނުލެވޭނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.


ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ތަސްމީން ވިދާޅުވީ، ސަރުކާރުން ހިންގާ ސިޔާސަތުގެ ފޭރާން ދެރަކަމުންނާއި ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ބޮއްސުންލާފައި ވުމާއި، ރައްޔިތުންނާ ދޭތެރޭ ކަންތައްކުރާ އިހާނާތްތެރި ކަމުގެ ސަބަބުން ރައްޔިތުން ވަނީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށެވެ. އަދި އެ މާޔޫސްކަމުން ރައްޔިތުން ސަލާމަތްވުމުގެ އުއްމީދެއް ދޭ ހަމައެކަނި ބަޔަކީ ޑީއާރުޕީ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ޑީއާރުޕީއަށް ރައްޔިތުންދޭ ތާއީދު ހުއްޓުވާލުމަށް ސަރުކާރުން ޖަހާ ކަރުނަގޭހަކަށް، ކުރާ އަނިޔާއަކަށް ޑީއާރުޕީގެ މެންބަރުން ބިރުނުގަންނާނެ ކަމަށާއި، ސަރުކާރުން ކަންތައް ކުރަމުންދާލެއް ނިކަމެތިކަމުން ރައްޔިތުން ސަލާމަތްކުރުމަށް އެންމެން އެއްޓީމެއްގެ ގޮތުގައި އާ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.


ތަސްމީން އަދި ވިދާޅުވީ، ޑީއާރުޕީގެ ލީޑަރުކަމުގެ ހައިސިއްޔަތުން ހަވާލުވެވަޑައިގެންފައިވާ އެންމެ ބޮޑު އެއް ވާޖިބަކީ، އަންނަ ރިޔާސީ އިންތިހާބަށް ނިކުންނެވުން ކަމަށެވެ. އެކަމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރަން އެބަޖެހޭ ކަމަށާއި، ޑީއާރުޕީން އިންތިހާބު ކާމިޔާބު ކުރުމަށްފަހު ސަރުކާރު ހިންގާނެ ސިޔާސަތުތައް ތައްޔާރުކުރުމާއި، ހިންގާނެ ކަންތައްތަކާއި އެކަންތައް ހިންގާނެ ގޮތް ރާވައި ކުރިއަށް އޮތް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނޭ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.


މި ޖަލްސާގައި ވާހަކަ ދެއްކެވި ޑީއާރުޕީގެ ނާއިބު ލީޑަރުން ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައްޔިތުންނަށް ރަނގަޅު ވެރިކަމެއް ކޮށްދެވޭނީ ޑީއާރުޕީއަށް ކަމަށާއި، އަންނަ ރިޔާސީ އިންތިހާބު ޑީއާރުޕީން ކާމިޔާބުކުރާނެ ކަމަށް ވިދާޅުވެފައެވެ.