ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލަކު ވަނީ އެމަނިކުފާނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންދާ މައްސަލައާ ގުޅުން ނެތް ލިޔުމެއް އަދީބާ ހިއްސާކުރުމަށް މަސައްކަތްކޮށްފައި ކަމަށް ފުލުހުން ބުނެފި އެވެ.

އަދީބުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ނަދީމު މިއަދު އަދީބާ ބައްދަލު ކުރަން ދިއުމުން އެކަމަށް ފުރުސަތު ނުދިން ކަމަށް އެޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު ހުސައިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަދީބާ ބައްދަލު ކުރުމުގެ ފުރުސަތު ވަކީލަށް މެދުކަނޑާލައި ގުޅުމެއް ނެތް ލިޔުމެއް ވައްދަން އުޅުނު މައްސަލަ ބަލަމުންދާ ކަމަށެވެ.

އަދީބާ ބައްދަލު ކުރުމުގެ ފުރުޞަތު ވަގުތީ ގޮތުން މެދުކަނޑާލެވިފައި ވަނީ ފުލުހުންގެ ޤާނޫނު 2008/5 ގެ 17 ވަނަ މާއްދާގެ (ނ) ން ބާރުލިބިގެން ހަދާފައިވާ ޢާއްމު ޤަވާޢިދުގެ 34 ވަނަ މާއްދާގެ (މ) އާއި އެ ޤާނޫނީ ވަކީލު ޚިލާފް ވެފައި ވާތީ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ އާންމު ގަވާއިދުގެ 34 ވަނަ މާއްދާގެ (މ)

  • ޕޮލިސް ކަސްޓަޑީގައި ހައްޔަރުގައިވާ މީހަކާ ބައްދަލުކުރުމަށް ޒިޔާރަތްކުރާ އެއްވެސް މީހަކު ގަވައިދާ ހިލާފަށް އެއްވެސް އެއްޗެއް ޕޮލިސް ކަސްޓަޑީއަށް އެތެރެކޮށްފި ނަމަ ހައްޔަރުގައިވާ އެއްވެސް މީހަކާ އިތުރަށް ބައްދަލު ކުރުމުގެ ފުރުސަތު އެފަދަ މީހަކަށް ނުދިނުމުގެ އިހުތިޔާރު އެކަސްޓަޑީއާ ހަވާލުވެހުރެ އިންޗާޖަށް ލިބިގެންވެ އެވެ.

މައްސަލައާ ގުޅުންނެތް ކަމަށް ފުލުހުން ބުނާ ލިޔުމަކީ ކޮންލިޔުމެއް ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ. ނަމަވެސް އިތުބާރު ނެތް ކަމުގެ މައްސަލާގައި ނެގި ވޯޓު ކާމިޔާބު ނުކުރެވުނު ސަބަބާއި ދިވެހި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައި އޮތް އޮތުމާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ދެކޭ ގޮތް ބަޔާންކުރާ ލިޔުމެއް ވަކީލު ގެންގޮސްފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދީބާ ހަވާލު ކުރަން އުޅުނީ އަދީބު އެމްޑީޕީއަށް ފޮނުވި ސިޓީއެއްގެ ޖަވާބު

އަދީބުގެ ގާނޫނީ ވަކީލް އަލީ ޝަމީމް މިރޭ "ސަން"އަށް ވިދާޅުވީ ފުލުހުން ތުހުމަތު ކުރާ ގާނޫނާ ހިލާފު ލިޔުމަކީ ރައްޔިތުންގެ މަޖިލީހުގައި އަދީބުގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓަކީ ގާނޫނާ ހިލާފު ވޯޓެއް ކަމަށް ބުނެ އަދީބުގެ ފަރާތުން އެމްޑީޕީއަށް ފޮނުވި ސިޓީގެ ޖަވާބު ކަމަށެވެ.

"ސިޓީގެ ޖަވާބަކަށް އެމްޑީޕީން ބުނެފައި ވަނީ ވޯޓަކީ ގާނޫނާ ހިލާފު ވޯޓަކަށްވުމުން އެމްޑީޕީން އެ ވޯޓުގައި ބައިވެރިވެފައި ނުވާނެ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.

ގާނޫނާ ހިލާފު އެއްވެސް ލިޔުމެއް ނުވަތަ ލަފުޒެއް ވެސް އޭގައި ހިމެނިފައި ނުވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އަދީބުގެ ވަކީލުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު ހުސައިން ޝަމީމް މިރޭ 'ސަން' އަށް ވިދާޅުވީ ވަކީލުން ސަސްޕެންޑް ކުރުމުގެ ބާރެއް ވެސް އަދި ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމުގެ ބާރެއް ވެސް ފުލުހުންނަށް ލިބިގެން ނުވާ ކަމަށެވެ.

ޝަމީމު ވިދާޅުވީ "ހީވާ ގޮތުން ފުލުހުންނަށް އޮޅުމެއް އެރީ" ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުން ބަލަމުންދާ ކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.