12 Nov 2015, 22:11
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ރަންވޭ އެއްވަރުކޮށް ތާރައެޅުމުގެ މަސައްކަތް ކުރިއަށް އޮތް އެއް މަސްތެރޭގައި ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެއާޕޯޓުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އަމަލީ ގޮތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ އެ މަޝްރޫއަށް 15 މިލިއަން އެމެރިކާ ޑޮލަރު ހަރަދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ފައިސާއަކީ އެމްއޭސީއެލްގެ ބަޖެޓުގެ ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ވަގުތު ހިންގާ ހުރިހާ ޕްރޮޖެކްޓަށް ފައިނޭންސް ކުރަނީ ކުންފުނިން އަމިއްލަ ހަރަދުގައި. އަދި މި މަސައްކަތް ކުރާނެ ބަޔަކު ހޯދީ ވެސް އިންޓަނޭޝަނަލް ބިޑިން ޕްރޮސެސްއެއްގެ ތެރެއިން،" އާދިލް ވިދާޅުވި އެވެ.
ޗައިނާގެ ސިނޯ ހައިޑްރޯ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ މަޝްރޫއުގެ ދަށުން ރަންވޭގައި އަލުން ތާރު އަޅާ ނިމޭ އިރު މުޅި ރަންވޭ އޮންނާނީ އެއް މިންގަނޑަކަށް އެއްވަރުކޮށް ކަމަށް އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. ޕްރޮޖެކްޓްގެ ރިޕެއާ މަސައްކަތް ކުރާނީ އެއާޕޯޓް ބަންދުކޮށްގެން ރޭގަނޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތަށް ބޭނުންވާ ސާމާނު ގެނެސް މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މިހާރު ބޯމިނުގައި 55 މިލިމީޓަރު ހުރި ރަންވޭގައި އަލުން ތާރު އަޅައި ނިމުމުން ބޯމިން 95 މިލިމީޓަރަށް އިތުރުވާނެ ކަމަށް އާދިލް ވިދާޅުވި އެވެ.
އެއާޕޯޓުގައި ކުރިއަށްދާ އިތުރު މަސައްކަތްތަކުގެ ތެރެއިން ޖެޓް އެއާކްރާފްޓުގެ 20 ޖެޓް ޕާކްކުރެވޭވަރުގެ ބޮޑު "ރެމޯޓް ޕާކިން އޭޕްރަން"ގެ މަސައްކަތް އައިއެންއައިއޭގައި ފަށައި މި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އާދިލް ވިދާޅުވި އެވެ.
"ރިމޯޓް ޕާކިން އޭޕްރަން މިހާރު ވެސް އަންނަނީ އެއާކްރާފްޓްތައް ޕާކު ކުރުމަށް ބޭނުން ކުރަމުން. މިހާރު ނުނިމި ހުރީ ކުދި މަސައްކަތްތަކެއް. މަސައްކަތުގެ 90 ޕަސެންޓު މިހާރު ވަނީ ނިމިފައި،" އާދިލް ވިދާޅުވި އެވެ.
އެ ޕާކިން އޭޕްރަންގައި ޖެޓް އެއާކްރާފްޓްގެ 20 އަށް ވުރެ ގިނަ އެއާކްރާފްޓް އެކީ ޕާކް ކުރެވޭ އިރު ވައިޑް ބޮޑީގެ ހަތަރު އެއާކްރާފްޓް ޕާކް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ނެރޯ ބޮޑީގެ އަށް އެއާކްރާފްޓަށް ވެސް އެ އޭޕްރަންގައި ޕާކް ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހުޅުލޭގައި އަލަށް ހިއްކަން ފަށާފައިވާ ސަރަހައްދު--- ސަން ފޮޓޯ: އަހުމަދު ޖައިޝަން
އާ ޓާމިނަލް އަޅާ ސަރަހައްދު ބޮޑުކުރުމަށް ފަޅު ތެރެއިން ބައެއް ހިއްކުމުގެ މަސައްކަތް ކުންފުނިން ކުރަމުން އަންނަ ކަމަށް އާދިލް ވަނީ ވިދާޅުވެފަ އެވެ.
އެ މަޝްރޫއުގެ 50 ޕަސެންޓް މިހާރު ނިމިފައިވާ އިރު އެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެތެރޭގައި ނިންމާލެވޭނެ ކަމަށް އާދިލް ވިދާޅުވި އެވެ.
އެއާޕޯޓު ޓާމިނަލް ސަރަހައްދުގައި ހުރި އިމާރާތްތައް ބަދަލު ކުރާ ސަރަހައްދު--- ސަން ފޮޓޯ: އަހުމަދު ޖައިޝަން
އެއާއެކު އަލަށް ޓަމިނަލް އެއް އެޅުމަށް ޓަކައި މިހާރު ޓަމިނަލް ހުރި ސަރަހައްދުގެ އިމާރާތްތައް އިރުމަތީ ސަރަހައްދަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމާރާތްތައް ހުޅުލޭގެ އިރުމަތީ ސަރަހައްދަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މިހާރު އެ މަސައްކަތުގެ 70 ޕަސެންޓު ވަނީ ނިމިފަ އެވެ. އާދިލް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން 13 ބިލްޑިން އެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.