އަންނަ އަހަރު އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ހުއްދަ ހޯދުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އުމުރާއަށް ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން މިއަދުން ފެށިގެން އަންނަ އަހަރުގެ ފެބުރުއަރީ އަށަކާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ މެންދުރު 11:00 އިން 12:00 އަށް ފޯމު ބަލައިގަތުން އިސްލާމީ މަރުކަޒުގެ މީޓިންގެ ރޫމުގައި އޮއްނާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

އުމްރާއަށް މީހުން ގެންދަން ހުށަހަޅާ ކުންފުންޏަކީ ރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ކަމުގައި ވާން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، އެ ކުންފުނީގެ މެޖޭނިންގް ޑައިރެކްޓަރާއި އުމްރާއާ ބެހޭ ކަންކަމުގެ އިންތިޒާމްތަކާއި ކަންކަން ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ އެންމެ އިސްފަރާތަކީ ކުށުގެ ރިކޯޑެއް ނެތް އަދި ފާއިތުވި އަހަރުތަކުގައި އުމްރާ ނުވަތަ ހައްޖު ފައިސާ މެނޭޖު ކުރުމުގައި މައްސަލަތަކެއް ހުރި ކަމަށް މިނިސްޓްރީއަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން ހިމެނެ އެވެ.

އުމްރާ އަށް ހުށަހަޅާއިރު، އުމްރާ އަށް ގެންދާ މީހާ އާއި ކުންފުންޏާ ދެމެދު ހަދަން ގަސްދުކުރާ އެއްބަސްވުމުގެ ނަމޫނާ އާއި ހުއްދަ އަށް އެދޭ ކުންފުނީގެ މެޖޭނިންގް ޑިރެކްޓަރާއި ބޯޑު މެމްބަރުންނާއި އަދި އުމްރާ އާ ބެހޭ ކަންކަން ހަވާލުކޮށްފައިވާ އެންމެ އިސްވެރިޔާގެ އައިޑީކާޑު ކޮޕީ އާއި ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެހާއި ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑް ފޯމްތައް ވެސް މިނިސްޓްރީ އަށް ހުށަހަޅަން ޖެހެ އެވެ.

މިއަހަރު އުމުރާއަށް މީހުން ގެންދިއުމުގެ ފުރުސަތު ދީފައިވަނީ ތިން ކުންފުންޏަކަށެވެ. އެއީ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕާއި ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލްސް އަދި އަލް ސަފާ ގްރޫޕެވެ.